ސަންޗޭޒް ޕްރިމިއާ ލީގުގެ ކްލަބަކަށް ނުވިއްކާނަން: ވެންގާ
ސަންޗޭޒް ޕްރިމިއާ ލީގުގެ ކްލަބަކަށް ނުވިއްކާނަން: ވެންގާ

ލަންޑަން (އޭޕްރިލް 26) – އާސެނަލްގެ ފޯވާޑް އެލެކްސިސް ސަންޗޭޒް ޕްރިމިއާ ލީގުގެ ވާދަވެރި އެހެން ކްލަބަކަށް ނުވިއްކާނެ ކަމަށް އެ ޓީމުގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

އާދީއްތަ ދުވަހުގެރޭ އެފްއޭ ކަޕުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީ ކޮޅަށް ލަނޑު ޖަހައިގެން އާސެނަލް ފައިނަލަށް ގެންގޮސްދިން އުމުރުން 28 އަހަރުގެ ފޯވާޑުގެ ކޮންޓްރެކްޓުގައި ބާކީ އޮތީ އެންމެ ސީޒަނެކެވެ. އޭނާ އަދި އާ ކޮންޓްރެކެޓެއްގައި ސޮޔެއް ނުކުރެ އެވެ. ކޮންޓްރެކްޓް އާނުކޮށްފި ނަމަ މި ސީޒަނަށް ފަހު އޭނާ ވިއްކާލާނެ ކަމަށް ބެލެވެ އެވެ.

"އަހަންނަކަށް ހިޔެއް ނުވޭ (އެކަކު ވެސް) ޕްރިމިއާ ލީގުގެ އެހެން ކްލަބަކަށް އޭނާ ވިއްކާލާނެހެން. އެއީ ޔަގީންކަމެއް،" ވެންގާ ބުންޏެވެ. "އެކަމަކު އަހަރެން ބުނި ފަދައިން އޭނާ މަޑުކޮށް ކޮންޓްރެކްޓެއްގައި ސޮއިކުރާނެ."

އަންނަ ސީޒަނުގައި ވެންގާ ކްލަބުގައި ހުންނާނެ ކަމެއް ވެސް އޭނާ އަދި ކަށަވަރުކޮށްނުދެ އެވެ. އެކަމަކު ބުނީ އަންނަ ސީޒަނަށް ކުޅުންތެރިން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ވެންގާ ކޮންޓްރެކްޓް މި ސީޒަނަށް ފަހު ހަމަވާއިރު އޭނާ ކްލަބާ ދުރުވާން ގިނަ އަދަދެއްގެ ސަޕޯޓަރުން އަންނަނީ އެދެމުންނެވެ. އެކަމަކު ބެލެވޭ ގޮތުގައި ކްލަބުން ވަނީ ދެ އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅައިފަ އެވެ.

"ސީޒަނުގެ ފަހު ދުވަހާ ހަމަޔަށް އަހަރެން، އެ ވަގުތަކަށް އަދި މުސްތަގުބަލަށް މަސައްކަތްކުރާނަން. ޓްރާންސްފާ ޓާގެޓްތަކަކީ ކްލަބުގެ ކުރިމަގު އަދި އެއީ ވަރަށް މުހިއްމު މަސައްކަތެއް،" ވެންގާ ބުންޏެވެ. "އަހަރެންގެ ކުރިމަގު އަންނަނީ ދެ ވަނަ އަށް. މުހިއްމީ ކްލަބުގެ ކުރިމަގު."