ސަރުކާރު ހުއްޓުމުން ސާލަމަތް ކުރުމަށް ޓްރަމްޕް އަމާންދެއްވަނީ
ސަރުކާރު ހުއްޓުމުން ސާލަމަތް ކުރުމަށް ޓްރަމްޕް އަމާންދެއްވަނީ

ވޮޝިންޓަން (އެޕްރީލް 26) - އެމެރިކާ ސަރުކާރު ހިންގުމަށް އެކި ކަންކަމަށް ފައިސާ ޚަރަދު ކުރުމުގެ ބިލް ކޮންގްރެސް އިން ފާސް ނުވެ، ސަރުކާރު ހުއްޓިދާނެ ކަމުގެ ބިރު ހީވާން ފެށުމުން ރައީސް ޑޮނަލްޑް ޓްރަމްޕް އަމާން ދެއްވާ މެކްސިކޯ ބޯޑަރުގައި ރާނާ ފާރަށް ފައިސާ ހޯދުމުގެ ޕްލޭން ފަހަށް ޖައްސާލުމުގެ އިޝާރާތެއް ދެއްވައިފި އެވެ.

ޓްރަމްޕުގެ އެންމެ ގާތް މުޝީރު ކެލިއާނީ ކޮންވޭ ވިދާޅުވީ ބޯޑަރުގައި ފާރު ރޭނުމަށް ހިނގާނެ ޚަރަދުގެ ބައި ބަޖެޓުން ނަގަން ވިސްނަނީ ހުކުރު ދުވަހާ ހަމައަށް ބަޖެޓް ފާސް ނުކުރެވިއްޖެ ނަމަ ސަރުކާރުގެ ހިންގުން ހުއްޓުމަކަށް އައިސް ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެތީ ކަމަށެވެ. ފޮކްސް ނިއުސްގައި ވާހަކަ ދައްކަވަމުން ކޮންވޭ ވިދާޅުވީ މި ހަފުތާގައި ފާސްކުރާ ބަޖެޓް ބިލުގައި ފާރުގެ ޚަރަދު ނުހިމެނި ނަމަވެސް އެއީ އެމެރިކާ ސަރުކާރުން ވަރަށް އިސްކަން ދޭ ކަމެއް ކަމަށެވެ.

މެކްސިކޯ ބޯޑަރުގައި ފާރެއް ރޭނުމަކީ ޓްރަމްޕުގެ ކެމްޕޭނުގެ އެންމެ ބޮޑު ވައުދެވެ. މިފަހަރުގެ ބަޖެޓުން ފައިސާ އުނިކުރާނެ ކަމުގެ އިޝާރާތެއް ދެއްވި ނަމަވެސް ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ވަނީ ފާރު ނޭރުމަށް އަދިވެސް ތާއީދު ކުރައްވާ ކަމަށާއި އަދި އެ ފާރު ރާނާނެ ކަމަށެވެ.

ޑިމޮކްރެޓިކް މެންބަރުން ވަނީ ބޯޑަރުގައި ރާނާ ފާރަށް ހިނގާނެ ޚަރަދު ބަޖެޓުގައި ހިމަނައިފި ނަމަ ބިލް ފާސް ނުކުރާނެ ކަމަށް ބުނެފަ އެވެ. އެހެންވެ ފާރަށް ހިނގާނެ ޚަރަދު އުނިކުރުމުން ސަރުކާރު ހުއްޓުމުން ސަލާމަތްވާނެ ކަމަށް ބެލެވެ އެވެ.

މެކްސިކޯ ބޯޑަރުގެ ފާރަށް ޚަރަދު ކުރުމަށް ކޮންގްރެސް އިން ފާސްކުރުމަށް ޓްރަމްޕް ހިމަނާފައި ވަނީ 1.5 ބިލިއަން ޑޮލަރެވެ. ޑިމޮކްރެޓިކުންގެ އިތުރުން ރިޕަބްލިކަން ޕާޓީގެ މެންބަރުން ވެސް ވަނީ މި މައްސަލާގައި ޚިޔާލު ތަފާތުވެފަ އެވެ.

ޓްރަމްޕް ވިދާޅުވެފައި ވަނީ މެކްސިކޯ ބޯޑަރުގައި ފާރު ރާނަނީ ހިއުމަން ޓްރެފިކިން އާއި މަސްތުވާތަކެއްޗާއި ގޭންގުތައް އެމެރިކާ އަށް ވަނުން ހުއްޓުވުމަށް ކަމަށެވެ. ކެމްޕޭން ދުވަސްވަރު ޓްރަމްޕް ވިދާޅުވެފައި ވަނީ ފާރަށް ޚަރަދު ކުރާނީ މެކްސިކޯ އިން ކަމަށެވެ. ނަމަވެސް ވައިޓް ހައުސް އަށް ވަޑައިގަތުމަށް ފަހު ވިދާޅުވީ ފާރު ރޭނުމަށް އެމެރިކާ ސަރުކާރުގެ ބަޖެޓުން ޚަރަދު ކުރުމަށް ފަހު އެ ފައިސާ ފަހުން މެކްސިކޯ އިން ހޯދާނީ ކަމަށެވެ. އެއީ މެކްސިކޯ އިން އެމެރިކާ އަށް އެތެރެކުރާ މުދަލަށް އިތުރު ޓެކްސްއެއް ނެގުން ފަދަ ކަންކަން ކޮށްގެންނެވެ. ފާރަށް ޚަރަދު ވާނެ ކަމަށް ޓްރަމްޕް ލަފާކޮށްފައި ވަނީ 12 ބިލިއަން ޑޮލަރު ނަމަވެސް އޭގެ ދެ ގުނަ އަށް ވުރެ ބޮޑަށް ޚަރަދު ވާނެ ކަމަށް ތަޖްރިބާކާރުން ބުނެ އެވެ.