26 އެޕްރީލް 2017 - 09:31

(އާދިއްތަ ދުވަހުގެ ނޫހާ ގުޅޭ)
މަނާރަތު ދިޔައީ ރަށަކަށް ނަމަވެސް، މަނާރަތުގެ ނަޒަރުގައި އެއީ ޖަލެކެވެ. ދަންނަ މީހަކު ނެތެވެ. ރައްޓެއްސަކަށް ގުޅޭނެ ގޮތެއް ނެތެވެ. މަނާރަތު ވަރަށް އެކަނިވެރިވިއެވެ. ކުރާނެކަމެއް ދާނެ ތަނެއް ނެތެވެ. ތިމާގެ އިހުސާސްތައް ދަނެގަނެވޭނެކަމަށް މަނާރަތަށް ފެނުނު ހަމައެކަނި މަޚްލޫޤަކީ އެ ގޭގެ ކޮށީގައި އިން ގުރައެކެވެ. ކިރިޔާ ވެސް ވަގުތެއް ލިބިއްޖެއްޔާ މަނާރަތު ވަގުތު ހޭދަކުރަނީ އެ ގުރާ ކައިރީގައެވެ. ސިއްރުސިއްރުން ތިމާގެ ހާލަތު ބަޔާންކޮށްދިނުމުގައެވެ. ވާހަކަދައްކާ ގުރައެއް ނޫނެވެ. މަނާރަތު ދައްކާ އެއްވެސް ވާހަކައެއް އެ ގުރައަށް ނޭނގޭނެކަން ވެސް މަނާރަތަށް އޮޅިފައެއް ނެތެވެ. އެހެންނަމަވެސް، މަނާރަތާ ދިމާއަށް ބަލަހައްޓައިގެން ގުރާ އިނދެއެވެ. އެކަނިވެރި އިންސާނަކަށް ބޭނުންވާނީ އަޑުއަހާނެ ކަންފަތެކެވެ. މަނާރަތަށް އެ ބޭނުން ފުދެއެވެ.
ފައުޒީގެ ނިޔަތާ މެދު އެއްޗެއް ބުނާކަށް މަނާރަތަކަށް ނޭނގެއެވެ. ކަންތައްވީ މަނާރަތު ހީކުރި ގޮތަކަށް ނޫނެވެ. ލިބިފައިވާ ޙައްޤު ގަދަކަމުން ބޭނުންކުރާކަށް ފައުޒީ ނޫޅެއެވެ. އަމުރުހިންގާކަށް ވެސް ނޫޅެއެވެ. މަނާރަތު ބޭނުންވީ ފައުޒީއާ ވީހާ ވެސް ދުރުގައި ހުންނާށެވެ. އެހެންނަމަވެސް، ނުފެންނަ ހިލިހިލާގަނޑަކުން ދެ މީހުން ތިބީ ގުޅިފައެވެ. އުސޫލުތައް ބުނާ ގޮތުން ފައުޒީއަކީ މަނާރަތުގެ އަލަތު ފިރިމީހާއެވެ. މަނާރަތުގެ މުޅި ހަށިގަނޑަކީ ފައުޒީގެ މިލްކެކެވެ. ހިތް ފިޔަވައެވެ. އެ ގުނަވަނުގެ ރިވެލިކުނޑިފުކެއްގެ މިންވަރަށް ވެސް ފައުޒީގެ އިޚުތިޔާރެއް ނެތެވެ. މަނާރަތުގެ ހިތަކީ މަނާރަތުގެ އަމިއްލަ ޙައްޤެކެވެ.
ކަނޑުވާން އުޅޭ ވަގުތު ކިތަންމެ ބިރުގަތަސް، ކަނޑުވުމުން އެ ބިރު ކެނޑެއެވެ. މަނާރަތަށް ވެސް ވީ އެހެންނެވެ. ފައުޒީއާ އެކުގައި އެއް ފުރާޅެއްގެ ދަށުގައި އުޅުމަކީ މަނާރަތު ހީކުރިހާ ބިރުވެރިކަމެއް ނޫނެވެ. އުނދަގޫކަމެއް ވެސް ނޫނެވެ. ފިރިމީހާއަކީ ކާކުކަމާއި، ފިރިއަކަށް އަދާކޮށްދޭންޖެހޭ ވާޖިބު ކިތަންމެ ރަނގަޅަކަށް ވެސް މަނާރަތަށް އެނގެއެވެ. އެކަމަކު، ފައުޒީ އެ ހުރިހައި ކަމެއް ދޫކޮށްލީ މަނާރަތަށެވެ. ވާހަކަދައްކަން ބޭނުމިއްޔާ ދައްކަންވީއެވެ. ފިރިމީހާގެ ކަމެއް ކޮށްދޭން ބޭނުމިއްޔާ ކޮށްދޭންވީއެވެ. މަޖުބޫރުކަމެއް ނެތެވެ. ހަރުކަށިކަމެއް ވެސް ނެތެވެ. މަނާރަތު އަނގައިން ނުބުނެފިއްޔާ އިސްޖަހައިލައިގެން ފައުޒީ ދަނީއެވެ. އެކަނި އިންނަން ބޭނުންއިރަކު އެކަނި އިންނަންވީއެވެ. ފައުޒީގެ ޢާއިލާގެ މީހުން ވަރަށް އަވަހަށް މަނާރަތާ ރައްޓެހިވިއެވެ. އަވަށްޓެރިން ވެސް ހަމަ އެ ފަދައެވެ. އަމިއްލަ ގޭގައި މަނާރަތު ހޭދަކުރި ދުވަސްތަކަށް ވުރެ އެ ރަށުގައި ހޭދަވާ ދުވަސްތައް ހިތަށް ފަސޭހަވެފައި ލުޔެވެ.
ބަދިގެއަށް މަނާރަތު ވަންނަން ފެށީ އަމިއްލަ އިޚުތިޔާރުގައެވެ. އޭރު ހުސްނާ ހުރީ އުނދުން ކައިރީގައެވެ. ހުސްނާއަކީ ފައުޒީގެ އަންހެން ކޮއްކޮއެވެ. އިރުކޮޅަކުން ފައުޒީގެ މަންމަ ވެސް ވަނެވެ. މަނާރަތަށް ފާހަގަވި ކަމަކީ، ވާހަކަދައްކަން އެ މީހުން ބޭނުންވެފައި ތިބޭ ކަމެވެ. ކަރުހަކުރު ހަދާ ގޮތާއި، ގަބުޅިމެޓާގަނޑު ހިލާގޮތް އެ ދުވަހު މަނާރަތަށް ފެނުނެވެ. ހަޔާތުގައި ފުރަތަމަ ފަހަރަށެވެ. އެ ދޭއްޗަކީ ފައުޒީއަށް މާ މީރު ދޭއްޗެވެ. މަނާރަތަށް ވެސް ނުބައެއް ނޫނެވެ. މަނާރަތު ކިރިޔާ ވެސް ފޫހިވަނީ ކޮޓަރިއަށް ވަނީމައެވެ. ދެމަފިރިން ދެ ބީރައްޓެހިން ގޮތުގައި އުޅެންޖެހޭތީއެވެ. މަނާރަތު އެ ކަމާ ވިސްނިއެވެ. ދިރިތިއްބަސް މައިންބަފައިންނަކީ މަނާރަތަށް ނެތް ބައެކެވެ. އަމިއްލަ ގެއަކަށް ނުދެވޭނެއެވެ. ނުގަބޫލުގައި ވިޔަސް އަންބަކަށް ހަދައިފިއެވެ. ހައްތާ ވެސް ވެނިމިފައިހުރި ކަންކަމެވެ. ކުރިން ހުރި ގޮތަށް އިއާދަ ނުވާނެ ކަންކަމެވެ. ފައުޒީދެކެ ލޯބިވުމަކީ މަނާރަތަށް ކުރެވޭނެ ކަމެއް ނޫނެވެ. އެހެންނަމަވެސް، ފިރިއެއް ކަމުގައި ބަލައިގަނެ، އެކުގައި އުޅެވިދާނެއެވެ. އެ ނޫން އެހެން ގޮތެއް ނެތީމައެވެ.
ފައުޒީގެ އަތުގައި މަނާރަތު ހިފީ މަޑުމަޑުން، ލަސްލަހުންނެވެ. ފަރުވާތެރިކަމާއި، ކެތްތެރިކަމާ އެކުގައެވެ. އެ ދެމެދުގައި ގިނަ ފަރުދާތަކެއް ދެމިފައި ހުއްޓެވެ. ފަހަރަކު ފަރުދާއެއް ކަޝްފުވަމުންދިޔައީ ހިތުގައި ވަރުގަދަ ރިހުމެއް ވެސް އުފައްދަމުންނެވެ. ބޭނުން ނުވާ ކަމަކަށް ރުހެން ކިހާ ހިތްވަރެއް ހޯދަންޖެހޭކަން މަނާރަތަށް އިހުސާސް ކުރެވުނެވެ. އަބަދު ވެސް މަނާރަތު އެއްކަމެއް ހަނދާން ބެހެއްޓިއެވެ. ތިމާއަށް ކުރިމަތިވާ ހުރަސްތައް އެހެން މީހަކަށް ގިރައެއް ނުކޮށްދެވޭނެއެވެ. އެއީ އަމިއްލައަށް ކުރަންޖެހޭ ކަމެކެވެ. ސިކުނޑިއަށް ލުއިވާނީ އޭރުންނެވެ.
ކައިވެނިކުރިތާ ހަތަރުވަނަ މަހުގެ މެދެއްހާ ހިސާބަށް ދެވުނުއިރު، ދެމަފިރިންގެ ދެމެދުގައި އޮތް ބީރައްޓެހިކަން ފިލައިފިއެވެ. އެކުގައި އުޅެން މަނާރަތަށް ދަސްވެއްޖެއެވެ. ހިތުގައި އެޅުނު ކޫރުން ނުފިލި ނަމަވެސް ފަނޑުވެއްޖެއެވެ. މަނާރަތު ހީކުރީ ދިރިއުޅުން އާންމު ހާލަތަށް ބަދަލުވީކަމަށެވެ. ޝަރުތެއް ފުރިހަމަވާން ޖެހޭކަމެއް މަނާރަތު ނުދެނަހުއްޓެވެ. އެ ޝަރުތެއް ފުރިހަމަ ނުވެގެން ކިތައް މީހުން ފައުޒީ ވަރިކުރިކަމެއް މަނާރަތަކަށް ނޭނގެއެވެ. އެކަކު ވެސް އޭރަކު އެ ވާހަކައެއް ނުބުނެއެވެ. އެ ފަދަ ކަންކަން ވިސްނައިގަނެވޭ ވަރަށް ވުރެ މަނާރަތުގެ ސިކުނޑި މާ ޅައެވެ. ކަލަންޑަރުގެ ދުވަސްތަކުގައި ރަސްގެ ޖެހެމުން ގަނޑުތައް ކެނޑެމުންދިޔައެވެ.
ފުރަތަމަ އަހަރު ނިމި ދެވަނަ އަހަރަށް ފެށުނެވެ. ފައުޒީގެ ހިތުގައި ޝައްކު އުފެދެން ފެށިއެވެ. ކައިވެނި ރޫޅާލަން ޖެހިދާނެ ކަމުގެ ބިރު އުފެދެން ފެށިއެވެ. އެހާ ތަނަށް ފައުޒީ ކައިވެނިކުރީ އުމުރުން ދާދި އެއްވަރެއްގެ އަންހެނުންނާއެވެ. ވިސްނުން ހަރު، ޒިންމާދާރު މީހުންނާއެވެ. ފިރިމީހާގެ ލޯތްބާ އެއްވަރަށް ފިރިމީހާގެ ތަނަވަސްކަމަށް ވެސް އެ މީހުން ކަޅިއެޅިއެވެ. ނުފޫޒުހިންގަން އުޅުނެވެ. އަރާރުންވާން ޖެހެއެވެ. މަނާރަތު ތަފާތެވެ. ވިސްނާ ގޮތް ވެސް ތަފާތެވެ. އޭނަގެ މައުސޫމުކަމާއި، މަޑުމައިތިރިކަން ފައުޒީއަށް ވަރަށް ކަމުދިޔައެވެ. ބަސް ގަބޫލުކުރުމާއި، ތެދުވެރިކަން ފައުޒީއަށް ވަރަށް ގަޔާވެވުނެވެ. ކުރިން އެހެން އަންބަކު ބަހައްޓަން ބޭނުން ނުވާ ވަރަށް މަނާރަތު ބަހައްޓަން ފައުޒީ ބޭނުންވިއެވެ. ފައުޒީގެ ދަރިއެއްގެ މަންމައަކަށް ވާން ފައުޒީ އެންމެ ބޭނުންވި ސިފަތައް ހުރީ މަނާރަތުގެއެވެ. އެކަމަކު، އެ އުންމީދު ފުރިހަމަ ވެދާނެކަމުގެ ޔަގީންކަން ފައުޒީއަށް ދިޔައީ ކުޑަވަމުންނެވެ.
"ކޮންމެ ފަހަރަކު ވެސް މަންމައަށް މި ވާހަކަ މި ދެއްކެނީ،" މަންމަގެ ދަރުބާރަށް ފައުޒީ ހާޒިރުކުރިއެވެ. "އެހެންތާ ވާނީ. އެންމެ މުސްކުޅީ މަންމަ. އެންމެ ކަންބޮޑުވާނީ ވެސް މަންމަ. އެންމެ އަވަހަށް މަރުވާނީ ވެސް މަންމަ ކަންނޭނގެ. ދަރިއެއްގެ މުހިންމުކަން އިހުސާސްކުރެވޭނީ ވެސް މަންމައަށް. ކިތަންމެ ސިއްރުން ވިޔަސް ބައްޕަ ވެސް އެބަ ދައްކާ އެ ވާހަކަ."
އިތުރަށް ދައްކާނެ ވާހަކައެއް ފައުޒީއަކަށް ނޭނގެއެވެ. އެނގޭކަމަކީ، އެ ދަތުރުގެ ނިމުން އައިސް ޖެހުނީކަމެވެ. މަނާރަތު ގާތުގައި އެ ވާހަކަ ދައްކާނެ ގޮތެއް ވެސް ފައުޒީއަކަށް ނޭނގެއެވެ. އިސްޖަހައިލައިގެން މަންމަގެ ކޮޓަރިން ނުކުމެގެން ގޮސް ފައުޒީ ވަނީ ފައުޒީގެ ކޮޓަރިއަށެވެ. އެނދުގައި އޮށޯވެލައިފައި ނިތްކުރިމަތީގައި އަތްބާއްވައިލިއެވެ. ދަރިޔަކު ނުލިބުނަސް މަނާރަތާ އިނދެގެން އުޅޭނީ ހެއްޔެވެ؟ ނޫން ނަމަ އަނެއްކާ ވެސް ސުމަކުން ފަށަންވީ ހެއްޔެވެ؟ ފައުޒީގެ ނަސީބުގައި ދަރިޔަކު ނެތީ ހެއްޔެވެ؟ އެ ފަދަ ކިތަންމެ ސުވާލެއް ހިތުގައި އުފެދުނެވެ. ވިސްނުމުގެ ފުން ކަނޑެއްގައި ފައުޒީގެ އުންމީދު އޮޔާދާން ދޫކޮށްލައިގެން އޮތްއިރު، ތިމާގެ ނަސީބު ހިނިތުންވިތާ ކިހާ އިރެއް ވެއްޖެކަމެއް ފައުޒީ ނުދެނަހުއްޓެވެ. އެ އުފާވެރި ޚަބަރު ހިފައިގެން އައީ މަންމައެވެ.
ފުރަތަމަ ދަރިފުޅަށް މަނާރަތު ބަނޑުބޮޑުވީ ކައިވެންޏަށް ދެ އަހަރުގައެވެ. ގެއަށް ހީވީ ދެ ޢީދު އެއްފަހަރާ އައިހެންނެވެ. ދަރިޔަކު ލިބުމަކީ ކިހާ ވަރެއްގެ ކަމެއްކަމެއް މަނާރަތަކަށް ނޭނގެއެވެ. ވާންވީ އުފާކަމެއް ނުވަތަ ކުރަންވީ ހިތާމަކަމެއް ވެސް ނޭނގެއެވެ. ނުގަބޫލުގައި ކުރި ކައިވެންޏެކެވެ. އުންމީދު ނުކޮށް ހުއްޓައި ލިބޭ ދަރިއެކެވެ. އިތުރު ޒިންމާއެކެވެ. އިތުރު ފިކުރުތަކެކެވެ. ކެތްތެރިކަމެއް ނެތި ފައުޒީ ދުވަސްތައް ގުނިއެވެ. ވިހަން މާލެ ގެންދަން ވިސްނިއެވެ. މަނާރަތާ މަޝްވަރާކުރިއެވެ. ރަނގަޅު ހޮސްޕިޓަލެއް ހުރީ މާލޭގައެވެ. ކުޅަދާނަ ޑޮކްޓަރުން ތިބީ މާލޭގައެވެ. ފުރަތަމަ ދަރިފުޅަށްޓަކައި އެއްވެސް ކަމެއް ނުކޮށް ދޫކޮށްލާކަށް ފައުޒީ ބޭނުމެއް ނޫނެވެ. ހަމަ އެހެންމެ، މަނާރަތުގެ މައިންބަފައިން ވެސް ތިބީ މާލޭގައެވެ. އެ މީހުން ދެކެން މަނާރަތު ބޭނުން ހެއްޔެވެ؟ އަމިއްލަ ހިތާ މަނާރަތު ސުވާލުކުރިއެވެ.
"މާލެދާން މަނާރަތު ބޭނުމެއް ނޫނޭ ބުނެފިއްޔާ އަހަރެން ނާހާނަން ސަބަބެއް،" ފައުޒީ ވަރަށް އޯގާތެރިކަމާ އެކުގައި ބުންޏެވެ. "އެކަމަކު މި ކޮޅުގަ ވިހަނިކޮށް ދަރިފުޅަށް ދެރަގޮތެއް ވެއްޖެއްޔާ ވަރަށް ދެރަ."
ދިމާވި އެއްވެސް ކަމެއްގެ އަދަބު ދަރިފުޅަށް ދޭކަށް މަނާރަތު ބޭނުމެއް ނޫނެވެ. މީހަކަށް އުނދަގޫކުރާކަށް ވެސް ބޭނުމެއް ނޫނެވެ.
"އަހަރެން ދިޔާމަ މަންމަމެންނަށް އުނދަގުލެއް ނުވާނެތަ؟" މަނާރަތު އެހިއެވެ.
އެހެން މީހުންނަށްޓަކައި ދިރިއުޅުން ޤުރުބާން ކުރުމަކީ، މަނާރަތަށް އާ ކަމެއް ނޫނެވެ. ފައުޒީއަކީ މަނާރަތުގެ މަންމަގެ އުމުރުގެ މީހެކެވެ. ހަރުކަށި އެންމެ އަމުރަކުން ފުދޭނެއެވެ. އެހެން ނެހެދިކަން އެއީ ފައުޒީގެ ހިތްހެޔޮކަމެވެ. ގަބޫލުކޮށްލުން މަނާރަތުގެ ހިތަށް މާ ފަސޭހައެވެ. އަނެއްކޮޅުން މަނާރަތުގެ ގަނޑުވަރެއް ފަދަ ކޮޓަރި ރީތިކޮށް ނަލަހައްދައިފިއެވެ. އެ ތަނުގައި ހުރުމަށް ބައްޕަ ދަޢުވަތު ދީފިއެވެ. ކޮން އުންމީދެއްގައިބާއޭ މަނާރަތު ހިތަށްއެރިއެވެ. ބަދަލުގައި ކޮންމެ އެއްޗެއް ދިނަސް، ފުރާވަރުގެ ބަދަލެއް އެކަކަށް ވެސް ނުދެވޭނެއެވެ. ފުނޑުފުނޑުކޮށްލި ހުވަފެންތަކާއި، ވެއްޔަށް ވެގެންދިޔަ އުންމީދުތައް އަނބުރައެއް ނުދެވޭނެއެވެ. މަނާރަތުގެ ނަޒަރުގައި މަނާރަތަށް ލިބުނީ މައިންބަފައިންނަށް ކުފޫ ހަމަވާ ބައެއް ނޫނެވެ.
މަނާރަތު އެނބުރި ގެއަށް އައެވެ. މައިންބަފައިންނާ ހަތަރުކަޅި ހަމަކުރިއެވެ. ސަލާންކުރީ ފައުޒީއެވެ. މަނާރަތު ސަލާމެއް ނުކުރެއެވެ. ދިޔަ ގޮތަށް ވަނީ ކޮޓަރިއަށެވެ. އެ ކޮޓަރީގެ ފާރުތަކުގައި ހަރުލާފައިވަނީ މަނާރަތުގެ ޅަފުރާގެ ހަނދާންތަކެވެ. ހުނުމާއި ސަކަރާތްޖެހުމެވެ. ފާރުގެ ކޮންމެ ގަލަކާއި، ފުރާޅުގެ ކޮންމެ އީޓަކުން މަނާރަތުގެ ރައްދުއަޑު ގުގުމަމުންދިޔައެވެ. އާދޭހުގެ އަޑު ތަކުރާރުވަމުން ދިޔައެވެ. އެކަކު ވެސް އަޑެއް ނޭހިއެވެ. ހަމްދަރުދީއެއް ނުވިއެވެ. ފެންކަޅިވާން ފެށުމުން މަނާރަތު ލޯ ފުހެލިއެވެ. ކަރުނަ ފުހެން މަނާރަތު ދަސްކޮށްފިއެވެ. ރީތި ހުރިހައި ހުވަފެނެއް ކަފުންކޮށް ނިންމައިފިއެވެ. ފުރަގަހުން އަޑެއް އިވިގެން މަނާރަތު ބަލައިލިއެވެ. ދޮރުމަތީގައި ހުރީ ހަމްދާއެވެ. މަނާރަތުގެ މަންމައެވެ.
"މީހަކު ތަނެއްގަ ހަމަޖެހިލައިގެން އުޅުނަނުދޭތި!" މަޑުމަޑުން ހަމްދާ ބުނެލިއެވެ. "ހަމަ ގަސްތުގައޭ ތިހެން ތި ހަދަނީ."
ނުނިމޭ