26 އެޕްރީލް 2017 - 00:02

ދިރާގުން ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް ދިރާގު ޓީވީގެ ހިދުމަތް ޖޯއިބޮކްސް މެދުވެރިކޮށް މިއަދު ދޭން ފަށައިފި އެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނި، ދިރާގަކީ އައިޕީޓީވީގެ ހިދުމަތް ފުޅާ ދާއިރާއެއްގައި މުޅި ރާއްޖެއަށް ދޭ ފުރަތަމަ އަދި ހަމައެކަނި ކުންފުންޏެވެ.

އައިޕީޓީވީ އަކީ އިންޓަނެޓްގެ ހިދުމަތް ފޯރުކޮށްދޭ ފިކްސްޑް ބްރޯޑްބޭންޑް ކަނެކްޝަން މެދުވެރިކޮށް ފެންވަރު ރަނގަޅު ޓީވީ ޗެނެލްތައް ފެންނަ ޓެކްނޮލޮޖީއެކެވެ.
ދިރާގުގެ ހެޑް އޮފީހުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އިއުލާންކުރި ގޮތުގައި ދިރާގު ޓީވީގެ ހިދުމަތަށް އެދޭ އެންމެ ފުރަތަމަ 100 ކަސްޓަމަރުންނަށް ހާއްސަ އޮފައެއްގެ ގޮތުން އެއް އަހަރު ދުވަހުގެ ސަބްސްކްރިޕްޝަން ފީ އާއި ޖޯއި ބޮކްސް އަދި ގުޅައިދިނުން ހިލޭ ލިބޭނެ އެވެ.
ދިރާގު ޓީވީ ތައާރަފްކުރުމާ ބެހޭ ގޮތުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑިރެކްޓަ ބިޒްނަސް ޑިވެލޮޕްމަންޓް އަހްމަދު މައުމޫނު ވިދާޅުވީ އެ ކުންފުނިން އަންނަނީ ކަސްޓަމަރުންނަށް ވީހާ ވެސް ކުޑަ އަގެއްގައި ގިނަ ޗެނެލްތަކެއް ލިބޭނެ ބޭސިކް ޕެކޭޖެއް ފާސްކުރަން، ރާއްޖޭގެ ބްރޯޑްކާސްޓިން ކޮމިޝަނާ އެކު މަސައްކަތް ކުރަމުން ކަމަށެވެ.
"މީގެ އިތުރުން ވެސް ބެލުންތެރިން ޝައުގުވެރިވާނެ ފަދަ މުނިފޫހިފިލުވުމާއި މައުލޫމާތުގެ ޗެނެލްތަކާއި، ވީޑިއޯ އޮން ޑިމާންޑް އާއި ވަގުތުން ފައިސާ ދައްކައިގެން ބަލާ ޕޭ ޕަ ވިޔު ފިލްމާއި ޕްރޮގްރާމްތަކާއި ކެޗްއަޕް ޓީވީގެ ހިދުމަތް ވެސް ވަރަށް އަވަސް މުސްތަގްބަލެއްގައި ތައާރަފް ކުރެވޭނެ،" މައުމޫން ވިދާޅުވި އެވެ.
ދިރާގު ޓީވީގެ ހިދުމަތް ހޯދަން ބޭނުންވާނީ ދިރާގު ބްރޯޑްބޭންޑް ކަނެކްޝަނެކެވެ.
އެ ކުންފުނިން ބުނީ ޖޯއި ބޮކްސްގެ މެދުވެރިކޮށް ދިރާގު ޓީވީގެ ހިދުމަތް ހޯދާ ފަރާތްތަކުގެ އިންޓަނެޓް ޔޫސޭޖް އެލަވަންސަށް އެއްވެސް ބަަދަލެއް ނާންނާނެ އެވެ. އަދި އިންޓަނެޓްގެ އިތުރު ހަރަދެއް ވެސް ނުހިނގާނެ ކަމަށް ދިރާގުން ބުންޏެވެ.
ހިދުމަތް ގުޅައި ދިނުމާ އެކު، ރާއްޖޭގެ ކޮންމެ ތަނެއްގައި ހުއްޓަސް، ދިރާގުގެ ނެޓްވާކް ބޭނުންކޮށްގެން ލެޕްޓޮޕާއި ޓެބްލެޓް އަދި ސްމާޓްފޯން ޓީވީ ބެލޭނެ ކަމަށް ދިރާގުން ބުންޏެވެ.
ދިރާގު ޓީވގައި ވެސް މަޝްހޫރު ޗެނެލްތައް ކަމަށްވާ އޭއެކްސްއެން، ޓެން ސްޕޯޓްސް، ސޮނީ އީއެސްޕީއެން، ލައިފްޓައިމް، ހިސްޓަރީ ޗެނެލް، ބީބީސީ އާތު ހިމެނެ އެވެ. މީގެ އިތުރުން ވެސް ބައިނަލްއަގުވާމީ އެތައް ޗެނެލަކާއި ރާއްޖޭގެ ހުރިހާ ޗެނެލްތަކެއް ވެސް ފެންނާނެ ކަމަށް ދިރާގުން ބުންޏެވެ.