އިދިކޮޅު ކޯލިޝަނުން ބޭރުގެ ފަރާތްތަކާ ލަންކާގައި ބައްދަލުކުރަނީ
އިދިކޮޅު ކޯލިޝަނުން ބޭރުގެ ފަރާތްތަކާ ލަންކާގައި ބައްދަލުކުރަނީ

ރާއްޖޭގެ ހާލަތާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އިދިކޮޅު ކޯލިޝަނުން ސްރީލަންކާގައި ތިބި ބޭރުގެ ފަރާތްތަކާ ބައްދަލުކުރަން ފަށައިފި އެވެ.

އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އަދި އަދާލަތު ޕާޓީ އާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަން ގުޅިގެން އުފައްދާފައިވާ އިދިކޮޅު ކޯލިޝަންގެ އަދާލަތު ޕާޓީ ފިޔަވައި އެހެން ޕާޓީތަކުގެ ފަރާތުން ވަނީ ލަންކާ އަށް މިއަދު ގޮސް، އެ ގައުމުގައި ތިބި ބޭރުގެ ޑިޕްލޮމެޓުންނާ ބައްދަލު ކުރަން ފަށައިފަ އެވެ.

އަދާލަތު ޕާޓީ އަށް ބައިވެރިނުވެވުނީ އެ ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމެޓީގެ މުގައްރިރު ޝިދާތާ ޝަރީފްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތުމުން ކަމަށް އިދިކޮޅު ކޯލިޝަނުން ބުންޏެވެ.

ބޭރުގެ ފަރާތްތަކާ އެކު ބާއްވާ ބައްދަލުވުންތަކުގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ މައުލޫމާތާއި ސިޔާސީ ލީޑަރުން ހައްޔަރު ކުރަމުންދާ ގޮތުގެ ވާހަކަ ހިއްސާ ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ނެރެފައިވާ ބަޔާނެއްގައިވެ އެވެ. އަދި ސުލްހަވެރި ސިޔާސީ ހަރަކާތްތަކާއި މިނިވަން ކަމާއި ރައްކާތެރިކަން ރާއްޖޭގައި ނެތްކަން އެ ފަރާތްތަކާ ހިއްސާ ކުރާނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އިދިކޮޅު ކޯލިޝަނުން ކުރިން ވަނީ ރާއްޖޭގައި ތިބި ބޭރުގެ ޑިޕްލޮމެޓުންނާ ވެސް ބައްދަލުކޮށް، މައުލޫމާތު ދީފަ އެވެ.