ޕާޓީ ހިންގުމަށް ގާސިމާ ބައްދަލު ކުރުމުގެ ފުރުސަތު ދޭން ޖޭޕީން އެދެފި
ޕާޓީ ހިންގުމަށް ގާސިމާ ބައްދަލު ކުރުމުގެ ފުރުސަތު ދޭން ޖޭޕީން އެދެފި

ޖުމްހޫރީ ޕާޓީ ހިންގުމުގެ ކަންކަމާ ގުޅޭގޮތުން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމާ ކޮންމެ ދުވަހަކު ބައްދަލު ކުރުމުގެ ފުރުސަތު ދިނުމަށް ފުލުހުންގެ ކިބައިން އެ ޕާޓީން އެދެފި އެވެ.

ސަރުކާރު ވައްޓާލަން ރޭވުމުގެ ތުހުމަތުގައި ހައްޔަރުކޮށް، ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާ ގާސިމާ ބައްދަލު ކުރުމުގެ ފުރުސަތު ދިނުމަށް އެދި ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު އަރީފަށް ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު އިއްޔެ ފޮނުއްވި ސިޓީގައިވަނީ އެ ޕާޓީގެ އަސާސީ ގަވާއިދު އޮންނަ ގޮތުން ޕާޓީ ހިންގުމުގެ ކަންކަން ކުރަންޖެހެނީ ގާސިމް އިރުޝާދުގެ ދަށުން ކަމަށެވެ.

އެހެންވެ، ޕާޓީ ހިންގުމުގެ ކަންކަމުގައި މަޝްވަރާ ކުރުމަށް ކޮންމެ ދުވަހަކު ވަކި ވަގުތެއްގައި ގާސިމާ ބައްދަލު ކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

އެކަން އެ ޕާޓީން ވަނީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ސަމާލު ކަމަށް ވެސް އިއްޔެ ގެނެސްފަ އެވެ. އެ ކޮމިޝަންގެ ރައީސާ އައިމިނަތު އީނާސަށް އެ ޕާޓީން ފޮނުވި ސިޓީގައިވަނީ މީގެކުރިން އެހެން ޕާޓީތަކުގެ ލީޑަރުން ބަންދުގައި ތިބިއިރު އެ ފަރާތްތަކާ ބައްދަލު ކުރުމުގެ ފުރުސަތު ޕާޓީތަކަށް ލިބުނު ކަމަށެވެ. އެކަމަކު ގާސިމާ ބައްދަލު ކުރުމަށް ޖުމްހޫރީ ޕާޓީއަށް ފުރުސަތު ނުލިބޭތީ އެކަމާ ހިތާމަ ކުރާ ކަމަށް އެ ސިޓީގައިވެ އެވެ.

މީގެ އިތުރުން ކުށްވެރިން ބައިތިއްބާ ގޮޅިއެއްގައި ގާސިމް ބަހައްޓާފައި ހުންނަ ކަމަށާއި ހުކުމް ތަންފީޒު ކުރަމުންދާ މީހުން ފަދައިން ގާސިމް ބެހެއްޓުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށް އެޗްއާރުސީއެމް އަށް އެ ޕާޓީން ފޮނުވި ސިޓީގައިވެ އެވެ. ކުރިން ގާސިމް ހައްޔަރު ކުރިއިރު އޭނާ ބަހައްޓަން ވާނީ ވައި ދައުރުވާ ތަނެއްގައި ކަމަށް އޭރު ކޯޓުން އެންގުމުން ވެސް އެއަށް އަމަލު ނުކުރާ ކަމަށާއި މިފަހަރު ވެސް ގާސިމް ހުރީ ވައި ދައުރުވާ ތަނެއްގައި ނޫން ކަމަށް އެ ސިޓީގައިވެ އެވެ.

އެކަންކަން އެޗްއާރުސީއެމުން ބަލައި ދިނުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނުކަމުގެ ތުހުމަތުގައި ގާސިމް ހައްޔަރު ކޮށްފައި ވަނިކޮށް އޭނާ ދޫކޮށްލަން ހައި ކޯޓުން އެންގުމުން ދެވަނަ ފަހަރަށް ގާސިމް ހައްޔަރުކުރީ ނުފޫޒު ފޯރުވުމާއި ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގަ އެވެ.

މެމްބަރުންނަށް ރިޝްވަތު ދޭން އުޅުނު ކަމަށް ބުނެ ތިން ދައުވާއެއް ގާސިމްގެ މައްޗަށް އުފުލައި، ޝަރީއަތް ދަނީ ހިންގަމުންނެވެ.