25 އެޕްރީލް 2017 - 16:58

ޝިކާގޯ (އެޕްރީލް 25) - ހަޔާތުގެ ބާކީ އޮތް ފިޔަވަހި ހޭދަކުރައްވާނީ ކުރިމަގުގެ ޒުވާން ލީޑަޝިޕް އުފެއްދުމަށް ކަމަށް އެމެރިކާގެ ކރީގެ ރައީސް ބަރަކް އޮބާމާ ވިދާޅުވެއްޖެ އެވެ.
ރައީސްކަމުގެ މަގާމުން ވަކިވެވަޑައިގެންނެވި ފަހުން ފުރަތަމަ ފަހަރަށް އާއްމު ސްޓޭޖަކަށް ނުކުންނަވާ އޮބާމާ ދެއްވި ތަގްރީރުގައި މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސިޔާސަތުތަކާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ނުދައްކަވަ އެވެ.
ޝިކާގޯ ޔުނިވާސިޓީގެ ފުރިފައިވާ އޮޑިޓޯރިއަމްގައި ގާތްގަނޑަކަށް 400 ދަރިވަރުންނާ މުޚާތަބް ކުރައްވާ 55 އަހަރުގެ އޮބާމާ ވިދާޅުވީ ކުރިމަގު ވަރަށް އުޖާލާ ކަމަށެވެ.
"ދެން ކުރާނީ ކޮން ކަމެއްތޯ ބެލުމަށް އަޅުގަނޑު މިދަނީ ވަރަށް ބޮޑަށް ވިސްނަމުން،" އޮބާމާ ގާނޫނީ ދާއިރާ އިން ކިޔަވާ ވިދާޅުވި ޔުނިވާސިޓީގައި ދެއްވި ތަގްރީރު ފައްޓަވަމުން ވިދާޅުވި އެވެ. "އަޅުގަނޑަށް ކޮށްދެވޭނެ މުހިންމު އެއް ކަމަކީ ކުރިމަގުގެ ޖީލުގެ ލީޑަޝިޕް ތައްޔާރުކޮށް ދިނުން."
ޒުވާން ލީޑަރުން އުފެއްދުމަށް އޮބާމާ ވަނީ ކޮމިއުނިޓީ އެކްޓިވިސްޓެއްގެ ކެރިއަރު ފެއްޓެވި ޝިކާގޯގެ ސައުތު ސައިޑުގައި ސެންޓަރެއް ގާއިމް ކުރައްވައިފަ އެވެ.
މިދިޔަ އާދިއްތަ ދުވަހު އޮބާމާ ވަނީ ޝިކާގޯ ކްރިއޭޓް ރިއަލް އިކޮނޮމިކް ޑެސްޓިނީ ޕްރޮގްރާމުގެ ޒުވާން ކުދިްނނާ އެކު ވަށް މޭޒު ޖަލްސާއެއްގައި ބައިވެރިވެވަޑައިގެންފަ އެވެ. އެ ބައްދަލުވުމުގައި ދަރިވަރުންގެ ވާހަކަތައް އަޑު އައްސަވާ އަދި އޮބާމާ ބޮޑުފުޅުވި އިރު ދިމާވި ގޮންޖެހުންތައް ހިއްސާ ކުރެއްވި ކަމަށް އޮބާމާގެ ތަރުޖަމާން ކެވިން ލުއިސް ވިދާޅުވި އެވެ.
އޮބާމާގެ ޝެޑިއުލަށް ބަލާއިރު ބޮސްޓަންގެ ޖޯން އެފް. ކެނެޑީ ލައިބްރަރީ ފައުންޑޭޝަނުން އެމަނިކުފާނަށް މި އަހަރުގެ "ޕްރޮފައިލް އިން ކަރޭޖް އެވޯޑް" ދޭނެ އެވެ. އޭގެ ފަހުން އިޓަލީގައި ތަގްރީރެއް ދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ބާލިންގެ ބްރަންޑެންބާގް ގޭޓުގައި ޗާންސެލާ އެންޖެލާ މާކެލް ބައިވެރިވެވަޑައިގަންނަވާ ރަސްމިއްޔާތެއްގައި ތަގުރީރެއް ދެއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ޖެނުއަރީ މަހު ފަހުކޮޅު ވައިޓްހައުސް އިން ނުކުމެވަޑައިގަތުމަށް ފަހު އޮބާމާ އާއި އަނބިކަނބަލުން ބޮޑަށް އުޅުއްވީ އާއްމުންގެ ލޯތަކާ ދުރުގަ އެވެ. ނަމަވެސް ގޮލްފް ކުޅުއްވުމާއި ކެރީބިއަންގެ ޕްރައިވެޓް އައިލެންޑެއްގައި އޮބާމާ ޗުއްޓީ ހޭދަކުރެއްވި ބައެއް މަންޒަރުތައް ވަނީ ސޯޝާލް މީޑިއާގައި އާއްމުވެފަ އެވެ.