ފައްލޫޖާގެ ސިޓީ ހޯލު އައިއެސްގެ ބާރުގެ ދަށުން އަތުލައިފި
ފައްލޫޖާގެ ސިޓީ ހޯލު އައިއެސްގެ ބާރުގެ ދަށުން އަތުލައިފި

އިރާގު (ޖޫން 17) - އިރާގުގެ ފައްލޫޖާ ސިޓީގެ ސިޓީ ހޯލް އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ބާރުގެ ދަށުން އަތުލާފައިވާ ކަމަށް ސިފައިންގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.

ފައްލޫޖާގެ ސިޓީ ހޯލު އައިއެސްގެ ބާރުގެ ދަށުން އަތުލައިފި
ފައްލޫޖާގެ ސިޓީ ހޯލު އައިއެސްގެ ބާރުގެ ދަށުން އަތުލައިފި

ލެފްޓިނެންޓް ޖެނެރަލް އަބްދުލް ވައްހާބު އަލް ސާދީ ވިދާޅުވީ އެލީޓް ކައުންޓަ ޓެރަރިޒަމް ލަޝްކަރާއި ރެޕިޑް ރެސްޕޮންސް ޓީމު ގުޅިގެން ކައުންސިލް އިމާރާތް މިނިވަންކޮށްފައިވާ ކަމަށެވެ. އަދި ފައްލޫޖާގެ އިރުމައްޗާއި ދެކުނުން ވެސް ބޮޑު ސަރަހައްދެއް އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެނެސްފައިވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިރާގު ފެޑެރަލް ފުލުހުން މިއަދު ވަނީ ސިޓީ ކައުންސިލް އިމާރާތުގައި ގައުމީ ދިދަ ވެސް ނަގައިފަ އެވެ. މީގެ އިތުރުން ސަރުކާރު ސިފައިންގެ ބާރުގެ ދަށަށް ވަނީ ފައްލޫޖާގެ ޖެނެރަލް ހޮސްޕިޓަލް ވެސް ގެނެސްފަ އެވެ.

ވެރިރަށް ބަޣުދާދުގެ ހުޅަނގުން 30 މޭލު ދުރުގައި އޮންނަ ފައްލޫޖާ އައިއެސްގެ ބާރުގެ ދަށަށް ގެންދިޔައީ ޖެނުއަރީ 2014 ގަ އެވެ. އޭގެ ފަހުން އިރާގުގެ ހުޅަނގާއި ދެކުނުން ބޮޑު ސަރަހައްދެެއް ވަނީ ޖިހާދީ ގްރޫޕުގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

އިރާގު ފުލުހުންގެ ވެރިޔާ ރާއިދު ޝަކާރު ޖައުދާތު އޭއެފްޕީ އަށް ވިދާޅުވީ ފައްލޫޖާގެ ތަންތަން އިރާގު ސިފައިންގެ ބާރުގެ ދަށަށް ގެންނަމުންދާ އިރު އައިއެސްގެ ހަނގުރާމަވެރިންގެ ފަރާތުން ރައްދު ހަމަލާތައް އަންނަލެއް ވަރަށް ކުޑަ ކަމަށެވެ.

ފައްލޫޖާ ހިފުމުގެ އޮޕަރޭޝަން އިރާގު ސިފައިން ފެށީ މީގެ ހަތަރު ހަފުތާ ކުރިންނެވެ. ހަމަލާތައް ފެށި ފަހުން އާއްމުންގެ 42،000 މީހުން ސިޓީ ދޫކޮށް ހިނގައްޖެ ކަމަށް އދ. އިން ބުނެ އެވެ.