25 އެޕްރީލް 2017 - 15:58

ސޯލް (އެޕްރީލް 25) - ނޯތު ކޮރެއާ އިން ވަރުގަދަ އިންޒާރުތަކެއްދީ، ކޮރެއާ ޕެނިންސުލާގެ މަޝްރަހު ހޫނުވެފައި ވަނިކޮށް އެމެރިކާގެ ސަބްމެރިންއެއް ސައުތު ކޮރެއާ އަށް ހިނގައްޖެ އެވެ.
އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ކާލް ވިންސަން ސްޓްރައިކް ގްރޫޕް ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ކޮރެއާ ސަރަހައްދަށް ދިއުމަށް ވަނީ ހަމަޖެހިފަ އެވެ. ކާލް ވިންސަން ކޮރެއާ ސަރަހައްދަށް ދަނީ އޮސްޓްރޭލިއާގައި ބައެއް ތަމްރީނުތައް ހެދުމަށް ފަހު އެވެ. މިސައިލް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ އެމެރިކާގެ ސަބްމެރިން ޔޫއެސްއެސް މިޝިގަން ވެސް އެމެރިކާގެ ހަނގުރާމަ މަތީ މަނަވަރު ފްލީޓާ ގުޅޭނެ ކަމަށް ބެލެވެ އެވެ.
ސައުތު ކޮރެއާގެ ބުސާންގައި އެމެރިކާގެ ސަބްމެރިން މިއަދު ވަނީ ބަނދަރުކޮށްފަ އެވެ. އެއީ ޓޮމަހޯކް ކްރޫޒް މިސައިލް ހަމަލާ ދިނުމުގެ ގާބިލްކަން ލިބިފައިވާ ސަބްމެރިންއެކެވެ.
ނޯތު ކޮރެއާގެ ސިފައިންގެ 85 ވަނަ އަހަރީ ދުވަސް އެ ގައުމުގައި މިއަދު ދަނީ ފާހަގަ ކުރަމުންނެވެ. ސިފައިންގެ އަހަރީ ދުވަހާ ދިމާކޮށް ނޯތު ކޮރެއާ އިން މިސައިލް ޓެސްޓްތައް އާއްމުކޮށް ކުރާ ކަމަށް ސައުތު ކޮރެއާ އިން ބުނެ އެވެ. ނަމަވެސް ސައުތު ކޮރެއާގެ ޑިފެންސް މިނިސްޓްރީން ބުނީ ނޯތު ކޮރެއާ އިން ނިއުކްލިއާ ޓެސްޓެއް މިއަދު ކުރަން އުޅޭ ކަމުގެ ނިޝާނެއް ފެނިފައި ނުވާ ކަމަށެވެ.
ނޯތު ކޮރެއާ އިން ވަނީ އެމެރިކާ އިން ބިރު ދައްކާ ނަމަ ކާލް ވިންސަން މަނަވަރު ފައްތާލާނެ ކަމުގެ އިންޒާރު ދީފަ އެވެ.