ރައީސް ޔާމީންގެ ރ، ބ އަތޮޅުގެ ދަތުރުފުޅު ދެވަނަ ފަހަރަށް ފަސްކުރައްވައިފި
ރައީސް ޔާމީންގެ ރ، ބ އަތޮޅުގެ ދަތުރުފުޅު ދެވަނަ ފަހަރަށް ފަސްކުރައްވައިފި

ރައީސް އަބްދުﷲ ޔާމީން ރ އަދި ބ އަތޮޅަށް ކުރައްވަން ހަމަޖެއްސެވި ދަތުރުފުޅު ދެވަނަ ފަހަރަށް ފަސްކުރައްވައިފި އެވެ.

ރައީސް ޔާމީން ރ. އާއި ބ. އަތޮޅަށް ވަޑައިގަންނަވަން ފުރަތަމަ ނިންމެވީ މިދިޔަ ހަފުތާގަ އެވެ. ރ. އަތޮޅަށް ކުރިން ވަޑައިގަތުމަށް ނިންމަވާފައި އޮތީ މިދިޔަ ހޯމަދުވަހު އެވެ. ބ. އަތޮޅަށް ވަޑައިގަންނަވަން ހަމަޖެއްސެވީ މިދިޔަ އަންގާރަދުވަހު އެވެ.

ނަމަވެސް ދަތުރުފުޅު ކުއްލިގޮތަކަށް މި ހަފުތާ އަށް ފަސްކުރެއްވީ އެވެ. އެގޮތުން މިއަދަކީ ރައީސް ޔާމީން ރ. އަތޮޅަށް ވަޑައިގަންނަވަން ނިންމެވި ދުވަހެވެ.

މިހާރު ހަމަޖައްސަވާފައިވާ ގޮތުން ނަމަ ރައީސް ޔާމީން ރ. އާއި ބ. އަތޮޅަށް ވަޑައިގަންނަވާނީ އަންނަ މަހުގެ ހަ ވަނަ ދުވަހު އޮންނަ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބަށް ފަހު އެވެ.

ރައީސްގެ ދަތުރުފުޅު ދެވަނަފަހަރަށް ފަސްކުރައްވާފައިވާއިރު، ރ، ބ އަތޮޅުތަކުގެ ރަށްތަކުން ވަނީ އެ ދަތުރުފުޅަށް ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.

އެ ދެ އަތޮޅަށް ރައީސް ވަޑައިގަންނަވާ ގޮތަށް އޮތީ، މަޝްރޫއުތަކެއް އިފްތިތާހުކުރުމަށާއި ބައެއް މަޝްރޫއުތަކުގެ ނިމުން ފާހަގަކުރުމަށެވެ.