މަގާމުން ދުރުކުރި ސައުދީ ވަޒީރަށް 3-10 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ
މަގާމުން ދުރުކުރި ސައުދީ ވަޒީރަށް 3-10 އަހަރުގެ ޖަލު ހުކުމެއް އަތުވެދާނެ

ރިޔާޒް (އެޕްރީލް 25) - ކޮރަޕްޝަނުގެ ތުހުމަތުގައި ސައުދީ އަރަބިއާގެ ސިވިލް އެފެއާޒް މިނިސްޓަރުކަމުގެ މަގާމުން މި ހަފުތާގައި ދުރުކުރި ޚާލިދު އަލް އަރާޖަށް 3-10 އަހަރުގެ ޖަލު ހުކުމެއް އައުން އެކަށީގެންވާ ކަމަށް ވަކީލުންނާއި ގާނޫނީ ތަޖްރިބާކާރުން ބުނަން ފަށައިފި އެވެ.

އަރާޖަކީ ސައުދީގައި ވަޒީރުންގެ މައްސަލަ ތަހުގީގު ކުރަން މީގެ 58 އަހަރު ކުރިން އެކުލަވާލި ނިޒާމުގެ ދަށުން މައްސަލަ ބަލާ ފުރަތަމަ ވަޒީރެވެ. އަޒާޖުގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ މުނިސިޕަލް އެންޑް ރޫރަލް އެފެއާޒް މިނިސްޓްރީގެ ސީނިއާ މަގާމަށް އޭނާގެ ދަރިއަކު ހަމަޖައްސާފައިވާތީ އެވެ. ހަމައެކަނި ސެކަންޑަރީ ސެޓްފިކެޓެއް އޮތް އޭނާގެ ދަރި ހަމަޖެއްސި މަގާމުގެ މުސާރަ އަށް މަހަކު 21،600 ރިޔާލް (5،760 ޑޮލަރު) ދީފައިވެ އެވެ. ސީނިއާ މަގާމަށް ހަމަޖެއްސި އިރު އަރާޖުގެ ދަރިއަށް 33 އަހަރު ނުފުރެ އެވެ. ސައުދީގައި ތަޖްރިބާކާރު ނުވަތަ ސީނިއާ ކޮންޒަލްޓެންޓް މަގާމަށް ހަމަޖެއްސޭނީ 33 އަހަރުވެފައިވާ މީހުންނެވެ.

އަރާޖުގެ މައްސަލަ ބަލަނީ ތިން މިނިސްޓަރުންނާއި ހައި ކޯޓުގެ ދެ ފަނޑިޔާރުން ހިމެނޭ ކޮމިޓީއަކުންނެވެ. މި ކޮމިޓީ ޗެއާ ކުރާނީ މީގެ ތެރޭން އެންމެ ދޮށީ ބޭފުޅާ އެވެ. ކުރީގެ ވަޒީރު އަރާޖްގެ މައްސަލަ 30 ދުވަހުގެ ތެރޭގައި ބެލުމަށް ފަހު ކޮމިޓީގެ ރިޕޯޓް ފޮނުވާނީ ކޯޓަށެވެ.

އަރާޖުގެ މައްސަލަ ބަލަން ރަސްގެފާން ސަލްމާނުގެ އަރިހަށް ހުށަހެޅީ ނޭޝަނަލް އެންޓި-ކޮރަޕްޝަން ކޮމިޝަން (ނަޒާހާ) އާއި ބިއުރޯ އޮފް އިންވެސްޓިގޭޝަން އެންޑް ޕަބްލިކް ޕްރޮސެކިއުޝަން (ބީއައިޕީ) އިންނެވެ.

ގާނޫނީ ވަކީލެއް ކަމަށްވާ މުހައްމަދު އަލް ތިމްޔާތު ބުނީ މިނިސްޓަރަކާ ދެކޮޅަށް ހެކަށީގެންވާ ހެކި ހުރި ނަމަ ކޮންމެ މީހަކަށް ވެސް މައްސަލަ ހުށަހެޅޭނެ ކަމަށެވެ. އެހެން ވަކީލެއް ކަމަށްވާ އިބްރާހިމް އަލް ހުސައިން ބުނީ އަރާޖް ކުށްވެރިވެއްޖެ ނަމަ އޭނާ އަށް ސަރުކާރުގެ ވަޒީފާއެއް ދެން އަދާނުކުރެވޭނެ ކަމަށެވެ. މިނިސްޓަރު އަރާޖުގެ މައްސަލަ ނަޒާހާ އަށް ހުށަހެޅި ވަކީލެއް ކަމަށްވާ ސާދު އަލް ތުވައިނީ ބުނީ މިނިސްޓަރުގެ ދަރި މަގާމަށް ހޮވީ އެ މަގާމަށް ހުށަހެޅި ވަރަށް އެކަށީގެންވާ 20،000 އަށް ވުރެ ގިނަ މީހުންގެ ތެރޭން ކަމަށެވެ.

އަރާޖުގެ ބަދަލުގައި ކަލްޗާ އެންޑް އިންފޮމޭޝަން މިނިސްޓަރުގެ މަގާމަށް ވަނީ އަވާދު އަލް އަވާދު ހަމަޖައްސައިފަ އެވެ.