29 އެޕްރީލް 2017 - 07:48

މަޝްހޫރު ފެޝަން ބްރޭންޑް ޓޮޕް ޝޮޕްގެ ފުރަތަމަ ބްރައިޑަލް ކަލެކްޝަން ތައާރަފްކޮށްފި އެވެ.
"ލަވް ސްޓޯރީ" ގެ ނަމުގައި ނެރުނު މި ކަލެކްޝަންގައި ހިތްގައިމު 30 ހެދުން ހިމެނެ އެވެ. އެއީ ލިމިޓެޑް އެޑިޝަން ބްރައިޑަލް ހެދުމުގެ ފަސް ހެދުމަކާއި ބްރައިޑްސް މެއިޑްގެ ހެދުމެވެ. މި ހެދުންތަކުގެ އިތުރުން ފައިވާނާއި ލޯންޖަރޭ ވެސް މީގައި ހިމެނެ އެވެ.
މިއީ ބްރައިޑަލް ވެއާ ކަލެކްޝަނެއް ނަމަވެސް މި ޑިޒައިންތައް ޚާއްސަކޮށްފައި ވަނީ ޓޮޕްޝޮޕްގެ އެހެނިހެން ކަލެކްޝަންތައް ފަދައިން ވަރަށް ޒަމާނީ އަދި "ކެއާ ފްރީ" ބްރައިޑްސް އަށެވެ.
ބްރައިޑަލް ޑިޒައިންތައް ޑިޒައިންކޮށްފައި ވަނީ ސިލްކް ސެޓިން، އޮގެންޒާ ،ލޭސް އަދި ނެޓް ފޮތި ބޭނުންކޮށްގެންނެވެ. މީގެ އިތުރުން ބްރައިޑަލް ހެދުމުގައި ޖަރީކުރުމުގެ ގޮތުން އިތާމުތް ބޭނުން ކޮށްފައިވެ އެވެ. ބްރައިޑްސް މެއިޑް ހެދުމުގައި މާޖެހި ޕްރިންޓް ހުއްޓެވެ. މި ޑިޒައިންތަކުގައި ބޭނުން ކޮށްފައި ވަނީ ކުރިން ވެސް ބޭނުންކުރަމުން އައިސްފައިވާ "ޓްރެޑިޝަނަލް" ފޮތިކަމުގައި ވިޔަސް، ވަރަށް ޒަމާނީ ޑިޒައިންތަކެއް ހުރިކަން ފާހަގަވެ އެވެ.
ޑިޒައިންކޮށްފައި ވަނީ މާ ގިނަ ޖަރީކުރުމެއް ނެތި ވަރަށް އާދައިގެ ނަމަވެސް ވަރަށް ރީތި އަދި ތަފާތު ގޮތަކަށް ކަން ފެޝަން ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރެ އެވެ. މިއީ ބީޗް ތީމް ވެޑިން އެއްގައި ބޭނުން ކުރަން ވަރަށް ގުޅޭ ހެދުންތަކެކެވެ.
މި ހެދުންތަކުގެ އަގު އުޅެނީ 1500 ޑޮލަރާއި 650 ޑޮލަރާއި ދެމެދުގަ އެވެ. ބްރައިޑްސްމެއިޑް ހެދުމުގެ އަގަކީ 420 އާއި 150 ޑޮލަރާ ދެމެދެވެ.
މިހާރަކަށް އައިސް މަޝްހޫރު ސްޓްރީޓް ފެޝަން ބްރޭންޑްތަކުން ބްރައިޑަލް ކަލެކްޝަންތައް ތައާރަފް ކުރުން އާއްމުވަމުން އަންނަ އިރު މިއީ ސްޓައިލިޝް ވެޑިންޑްރެސް ހެޔޮ އަގެއްގައި ލިބެން ފެށުން ކަމަށް ވެދާނެ އެވެ.