25 އެޕްރީލް 2017 - 15:00

އެންމެ ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، މިފްކޯގެ ކޯލްޑް ސްޓޯރޭޖަށް ބާރު ބޮޑުވެއްޖެ އެވެ.
މަސް ގަންނަ ސަރުކާރުގެ ކުންފުނީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ މި މަހު 10 އިން ފެށިގެން ދެކުނުގެ އަތޮޅުތަކުގައި މަސްވެރިކަން އާދަޔާ ހިލާފަށް ރަނގަޅުވެ، ކޫއްޑު އާއި މަސް ގަންނަ ބޯޓުތަކުގައި ހުންނަ ސްޓޯރޭޖްތައް ފުރެމުން އަންނަ ކަމަށެވެ.
މިފްކޯގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ ހަފުތާގެ ތެރޭގައި އެވްރެޖްކޮށް ދުވާލަކު 200 ޓަނާއި 260 ޓަނާ ދެމެދުގެ އަދަދަކަށް މަސް ގަނެފައިވެ އެވެ.
"އިއްޔެ މަސްވެރިކަން ތަންކޮޅެއް ދަށް. އެކަމަކު އިއްޔެ ވެސް 190 ޓަނުގެ މަސް ގަނެފައިވޭ. އަދި މަސް ގަންނަ ފަރާތްތަކަށް އަޅުގަނޑުމެން މިދަނީ ވަގުތުން ފައިސާ ދެމުން،" އޮފިޝަލް ވިދާޅުވި އެވެ.
މިފްކޯގެ ގއ. ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ރައްކާކުރެވެނީ 2000 ޓަނުގެ މަހެވެ. އެކަމަކު މިފްކޯގެ މަސްބޯޓުތަކާ އެކު ޖުމްލަ 3،500 ޓަނުގެ މަސް ރައްކާކުރެވެ އެވެ.
އޮފިޝަލް ވިދާޅުވީ މަސް ރައްކާކުރާ ސްޓޯރޭޖްގެ ޖާގައިގެ ދަތިކަން ހުރިހާ ކުންފުނިތަކަށް ވެސް އެބަ އޮތް ކަމަށެވެ. އަދި ސްޓޯރޭޖްގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައި ވަނީ މަސްވެރިކަން ދިގުލައިގެން ދިއުމާ އެކު މަސް އުފުލާ ރީފާ ކެރިއާ ރާއްޖެ އައުން ލަސްވެގެން ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ބޭރަށް މަސް ފޮނުވަން ބޭނުންކުރަނީ ރީފާކެރިއަރެއްގައި. މިވަގުތު ރާއްޖޭގައި އޮތީ އެންމެ ބޯޓެއް. އެ ބޯޓު ބޭރުން އަންނަން 12 ވަރަކަށް ދުވަސް ނަގާ،" އޭނާ ވިދާޅުވި އެވެ.
އެ އޮފިޝަލް ވިދާޅުވީ ސްޓޯރޭޖްގެ ދަތިކަން ކުރިމަތިވި ނަމަވެސް މަސްވެރިން ބާނާ މަސް ނުގަނެ ދޫކޮށްލާފައިނުވާނެ ކަމަށެވެ. އަދި މަސްވެރިންގެ އަތުން މަސް ގަންނަ ރޭޓުގައި މަސް ގަންނަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިފްކޯ އިން މިވަގުތު އައިސް ނާޅާ 1.5 ކިލޯއިން ފެށިގެން މަތީ ކަޅުބިލަމަސް ގަންނަނީ ކިލޯއެއް 17ރ. އަށެވެ. އަދި އައިސް އަޅައިގެން ގެންނަ މަސް ކިލޯއެއް ގަންނަނީ 19ރ. އަށެވެ.