26 އެޕްރީލް 2017 - 05:51

ޕޮޕް ސްޓާ ޖަސްޓިން ބީބާ އިންޑިއާގައި ފުރަތަމަ ފަހަރަށް ބާއްވާ ކޮންސަޓްގައި ޕާފޯމްކުރަން އެންމެ ފުރަތަމަ ހަމަޖެއްސީ ފިލްމީ ތަރި ސޮނާކްޝީ ސިންހާ އެވެ. އިންޑިއާގެ ލަވަކިޔުންތެރިން ވަނީ މިކަމާ ހިތްހަމަނުޖެހިފަ އެވެ.
އެ މީހުން ގަބޫލުކުރާ ގޮތުގައި ހުރިހާ ފަހަރަކު ފިލްމީ ތަރިންނަށް ފުރުސަތު ލިބޭކަށް ނުޖެހެ އެވެ. ޚާއްސަކޮށް، ލަވަ ކިޔުންތެރިއެއްގެ ޝޯގައި ލަވަ ކިޔުންތެރިންނަށް ފުރުސަތު ލިބެން ޖެހޭނެކަމަށް މިފަދަ މީހުން ގަބޫލު ކުރެ އެވެ. އެގޮތުން އެންމެ ފުރަތަމަ މިކަމާ ގުޅޭ ގޮތުން ޚިޔާލު ފާޅުކޮށްފައިވަނީ ލަވަކިޔުންތެރިޔާ ކައިލާޝް ކޭރް އެވެ.
"ވަރަށް ބޮޑު ތެދެއް. އެކްޓަރުންނަކީ އެކްޓަރުން. ލަވަކިޔުންތެރިންނަކީ ލަވަ ކިޔުންތެރިން. ސްޓޭޖާއި މައިކް އަހަރެމެންނަށް ދޫކޮށްލާ. އެއީ އަހަރެމެން ކުޅޭ ދަނޑު. ކަލޭމެންގެ ތަނެއް ނޫން،" ކައިލާޝްގެ ޓުވީޓަށް ޖަވާބުދެމުން ލަވަކިޔުންތެރިޔާ އަރްމާން މަލިކް ޓުވީޓެއް ކުރި އެވެ.
ފާޑުކިޔުންތަކަށް ޖަވާބުދެމުން ސޮނާކްޝީ ކުރި ޓުވީޓެއްގައި ބުނީ އެހެން މީހުންގެ ކުރިއެރުމަށް ހަސަދަވެރި ނުވާ ފަންނާނުން އެހެން މީހުންގެ ހުނަރު ކުރިއަރުވައި ހުވަފެންތައް ހަގީގަތަކަށް ހަދަން ހިތްވަރުދޭނެ ކަމަށެވެ. ވަކި ފަންނަކަށް ހުރަސް އަޅައިގެން ނުވާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ސޮނާކްޝީ ކުރި އެހެން ޓުވީޓެއްގައި، އެކްޓަރުން ލަވަކިޔުންތެރިންނާ އެހާ ދެކޮޅު ނަމަ ލަވައެއް ކިޔައިދިނުމަށް އޭނާއަށް ހުށަހެޅީ ކީއްވެތޯ ސޮނާކްޝީ ވަނީ ސުވާލު ކޮށްފަ އެވެ.
މި އަރާރުމުގެ ތެރެއަށް މި ހިސާބުން ވަނީ އަރްމާންގެ ބޭބެ އަދި މިއުޒިކް ޑައިރެކްޓަރު އަމާން މަލިކެވެ. ހަގީގަތުގައި ސޮނާކްޝީ އަށް އަރްމާން އާއި އަމާން އޮޅުނީ އެވެ. އަދި ސޮނާކްޝީ އަށް އަރާފައިވާ އޮޅުން އޭނާ ސާފު ކޮށްދިނެވެ.
އެހެންވެ ސޮނާކްޝީ އަށް އެރި އޮޅުން ސާފުކޮށްދެމުން އަރްމާން ބުނީ އޭނާއަކީ މިއުޒިކް އުފައްދާ މީހެއް ނޫން ކަމަށާއި އެއްވެސް އިރެއްގައި ލަވައެއް ކިޔައިދޭން ސޮނާކްޝީގެ ކިބައިން ނޭދޭ ކަމަށެވެ.
"ތިއުޅެނީ އަހަންނާ އަމާލް މަލިކާ އޮޅިގެން. މިއުޒިކް ކޮމްޕޯސަރަކީ އޭނާ،" އަރްމާން ލިޔެފައިވެ އެވެ.
އަރްމާންގެ އެހެން ޓުވީޓެއްގައި ބުނި ގޮތުގައި އޭނާގެ މައްސަލައަކީ ސޮނާކްޝީ އަށް އެ ކޮންސަޓްގައި ޕާފޯމް ކުރުމުގެ ފުރުސަތު ލިބުން ނޫން ކަމަށާއި އިންޑިއާގައި އަބަދުވެސް ލަވަކިޔުންތެރިންނަށް ހައްގު މަގާމު ނުލިބޭތީ ކަމަށެވެ.
އެންމެ ފަހުން މި ޒުވާބުގަނޑު ނިންމާލަމުން ސޮނާކްޝީ ބުނީ އޭނާ ޖަސްޓިން ބީބާ ކޮންސެޓްގައި ޕާފޯމް ނުކުރާ ކަމަށެވެ. އަދި އެއީ ބައެއް ނޫސްތަކުން ފެތުރި ޚަބަރެއް ކަމަށާއި އޭނާ އެ ޝޯގައި ބައިވެރި ނުވާނެކަން މާ ކުރިން ވެސް އަންގާފައިވާނެ ކަމަށެވެ.