ބޭނުމިއްޔާ ނެޝަނަލް އެވޯޑު އަނބުރާ ގެންދޭ: އަކްޝޭ
ބޭނުމިއްޔާ ނެޝަނަލް އެވޯޑު އަނބުރާ ގެންދޭ: އަކްޝޭ

"ރުސްތުމް" ކުޅެގެން އަކްޝޭ ކުމާރަށް މިއަހަރު އެންމެ މޮޅު އެކްޓަރުގެ ނެޝަނަލް އެވޯޑު ލިބޭކަން އިއުލާން ކުރުމާ އެކު އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެ ފާޑުކިޔުންތަކަށް އަކްޝޭ މާބޮޑަކަށް އަޅައެއް ނުލަ އެވެ. ނަމަވެސް މި ކަންތައް މާ ބޮޑުވަރުވުމުން އަކްޝޭ ވަނީ ރައްދު ދީފަ އެވެ.

"ބޭނުމިއްޔާ އެވޯޑު އަނބުރާ ގެންދޭ،" މުމްބާއީގައި ހޯމަ ދުވަހު އޮތް ޕްރެސް ކޮންފަރެންސެއްގައި އަކްޝޭ ބުންޏެވެ.

އަކްޝޭ ބުނި ގޮތުގައި ކޮންމެ އަހަރަކުވެސް ނެޝަނަލް އެވޯޑު އިއުލާން ކުރުމާއެކު އެ އެވޯޑް ލިބުނު މީހާ ކަމުނުގޮސްގެން ފާޑު ކިޔަން ފަށަ އެވެ. އެގޮތަށް އެ އަޑުތައް އޭނާއަށް އިވޭތާ މިހާރު 25 އަހަރު ވެއްޖެ ކަމަށާއި މިއީ އާކަމެއް ނޫން ކަމަށް ވެސް އަކްޝޭ ބުންޏެވެ. ކޮންމެވެސް ބަޔަކު އަބަދުވެސް އަނެއް ބަޔަކަށް ފާޑުކިޔުމަކީ މިހާރު އާދައެއް ކަމަށާއި ވަކި މީހަކަށް ލިބުމުން، އޭނާއަށް ވުރެ މިވެނި މީހަކަށް އެވޯޑު މާ ހައްގޭ ކިޔައިގެން އަބަދުވެސް މީހުން ވާހަކަ ދައްކާ ކަމަށް އަކްޝޭ ބުންޏެވެ.

"އެންމެ ރަނގަޅު. އަހަންނަށް 26 އަހަރު ފަހުން ނަމަވެސް މި އެވޯޑު ލިބިއްޖެ. އެވަރުން ވެސް ހިތްހަމަ ނުޖެހެންޏާ މި ވެސް ގެންދޭ،" އަކްޝޭ ބުންޏެވެ.

ނެޝަނަލް އެވޯޑު އަކްޝޭއަށް ލިބޭކަން އިއުލާން ކުރުމާއެކު ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ. އެއް ބަޔަކު ބުނަނީ މި އެވޯޑު އެންމެ ހައްގީ "ދަންގަލް" އިން އާމިރު ޚާނަށް ކަމަށެވެ. އަނެއް ބަޔަކު ގަބޫލު ކުރަނީ "އަލީގަޅް" އިން މަނޯޖް ބަޖްޕާއީ އަށް މި އެވޯޑު މާ ހައްގު ކަމަށެވެ.

އެއްބަޔަކު ބުނަނީ މިފަހަރު އަކްޝޭއަށް މި އެވޯޑު ލިބުނީ ފަނޑިޔާރުންގެ ޓީމުގެ އިސް މީހަކަށް ޑައިރެކްޓަރު ޕްރިޔަދަރްޝަން އިނުމުން ކަމަށެވެ. ސަބަބަކީ އަކްޝޭ އަކީ ޕްރިޔަދަރްޝަންގެ "ހީރާ ޕޭރީ" އާއި "ބަގަމް ބާގް" ގައި ލީޑް ރޯލު ކުޅެފައިވާ އެކްޓަރަށް ވާތީ ޕްރިޔަދަރްޝަން އަށް އެންމެ މަގްބޫލު އެކްޓަރަށް އޭނާ ވެފައި ވާތީ ކަމަށެވެ.

ނަމަވެސް އަކްޝޭ އަށް ކުރިމަތިވަމުންދާ ފާޑުކިޔުންތަކަށް ޕްރިޔަދަރްޝަން ވަނީ ކުރިން ޖަވާބު ދީފަ އެވެ. އަކްޝޭ އަށް މިފަހަރުގެ އެވޯޑު ލިބުނު ސަބަބުތައް ވަރަށް ތަފްސީލުކޮށް އޭނާ ވަނީ ކިޔައިދީފަ އެވެ.

މީގެ ކުރިން ވެސް ބައެއް އަހަރުތަކުގައި ނެޝަނަލް އެވޯޑު، ފަނޑިޔާރުންގެ ފޭވަރިޓުންނަށް ލިބޭ ކަމަށް ތުހުމަތު ކޮށްފައިވެ އެވެ. އެގޮތުން ރަމޭޝް ސިއްޕީ ފަނޑިޔާރަކަށް އިން ފަހަރަކު އަމީތާބު ބައްޗަން އަށް އެންމެ މޮޅު އެކްޓަރުގެ އެވޯޑު ލިބިގެން ފާޑު ކިޔާފައިވާއިރު ޕްރަކާޝް ޖާ އިން ފަހަރަކު އަޖޭ ދޭވްގަން އަށް ލިބިގެން ވެސް ފާޑުކިޔާފައިވެ އެވެ.