ސިމިއޯނީ އަށް އިންޓަ އިން 55 މިލިއަން ޔޫރޯ ހުށަހަޅަނީ
ސިމިއޯނީ އަށް އިންޓަ އިން 55 މިލިއަން ޔޫރޯ ހުށަހަޅަނީ

މިލާން (އޭޕްރިލް 25) – އެތުލެޓިކޯ މެޑްރިޑުގެ އާޖެންޓީނާ ކޯޗު ޑިއޭގޯ ސިމިއޯނީ އަށް 55 މިލިއަން ޔޫރޯގެ ފަސް އަހަރުގެ ކޮންޓްރެކްޓެއް ހުށަހަޅަން އިންޓަ މިލާން ތައްޔާރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެކަމަކު ސިމިއޯނީ 20 ދުވަހުގެ ތެރޭ ޖަވާބެއް ދިނުމަށް އިންޓަ އިން ބޭނުންވާ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އިންޓަގެ ކުރީގެ ކުޅުންތެރިޔާ ވަނީ އެ ކްލަބަށް ކޯޗުކޮށްދޭން ބޭނުންވާ ކަމަށް ކުރިން ވެސް ބުނެފަ އެވެ.

މި އޮފާ ޗެލްސީގެ ކޯޗު އެންޓޯނިއޯ ކޮންޓޭ އަށް ވެސް އެބައޮތެވެ. އޭނާ ގެންދަން އިންޓަގެ ވެރިން ޗެލްސީގެ ވެރިންނާ މަޝްވަރާކުރަން އުޅޭ ކަމަށް ވެސް ވާހަކަތަކެއް ފެތުރުނެވެ. އެކަމަކު އެންމެ ސީޒަނަކަށް ފަހު ކޮންޓޭ އެ ކްލަބް ދޫކޮށްލަފާނެ ކަމަށް ނުބެލެވެ އެވެ.

އިންޓަ އިން ބޭނުންވަނީ ސިމިއޯނީ އާއި ކޮންޓޭ ދޭ ޖަވާބަކަށް ބެލުމަށް ފަހު ވީހާ ވެސް އަވަހަކަށް އަންނަ ސީޒަނަށް ކޯޗެއް ހަމަޖެއްސުމަށެވެ.

އިންޓަގައި ވަރުގަދަ ސްކޮޑެއް އޮތް ނަމަވެސް އެ ޓީމަށް އެދެވޭ ނަތީޖާތަކެއް މި ސީޒަނުގައި ނުނެރެވެ އެވެ. ނެދަލެންޑްސްގެ ފްރޭންކް ޑި ބޮއާއާ އެކު ސީޒަން ފެށުމަށް ފަހު ދަށް ނަތީޖާތަކާ ގުޅިގެން އޭނާ ވަކިކޮށް ހަމަޖެއްސީ ސްޓެފާނޯ ޕިއޮލީ އެވެ. އޭނާއާ އެކު ކުރީކޮޅު މެޗުތަކުން މޮޅުވި ނަމަވެސް ފަހަކަށް އައިސް ނަތީޖާތައް ވަނީ ދަށްވެފަ އެވެ. ހޮނިހިރު ދުވަހު ފިއޮރެންޓީނާ އަތުން 5-4 އިން ބަލިވެ އަންނަ ސީޒަނުގެ ޔުރޮޕާ ލީގުގެ ޖާގައަކާ ފެއަށް އިންޓަ ޖެހިލި މެޗަށް ފަހު އޭނާ އިސްތިއުފާ ހުށަހެޅި ކަމަށް ރިޕޯތްތައް ބުނެ އެވެ.

އިންޓަ އަށް 1997 އިން 1999 އަށް ކުޅުނު ސިމިއޯނީ ވަނީ 2011 ވަނަ އަހަރު އިޓަލީގެ ކަޓާނިއާ އަށް ކޯޗުކޮށްދީފަ އެވެ. އޭގެ ފަހުން އެތުލެޓިކޯއާ ހަވާލުވެ އެ ކްލަބަށް ސްޕެނިޝް ލީގު ކާމިޔާބުކޮށްދީ ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދެ ފަހަރު ގެންގޮސްދިނެވެ. މި ސީޒަނުގައި ވެސް އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.