އިޖިޕްޓް އެއާގެ ދެ ވަނަ ކަޅުފޮށި ވެސް ފެނިއްޖެ
އިޖިޕްޓް އެއާގެ ދެ ވަނަ ކަޅުފޮށި ވެސް ފެނިއްޖެ

ގާހިރާ (ޖޫން 17) - ޕެރިހުން ފުރައިގެން ގާހިރާ އަށް ދަތުރު ކުރަނިކޮށް މެޑިޓެރޭނިއަން ކަނޑަށް މިދިޔަ މަހު ވެއްޓުނު އިޖިޕްޓް އެއާގެ މަތިންދާ ބޯޓުގެ ފްލައިޓް ޑޭޓާ ރެކޯޑަރު ވެސް ފެނިއްޖެ ކަމަށް ބޯޓު ވެއްޓުނު ހާދިސާ ތަހުގީގު ކުރާ ފަރާތްކުން ބުނެފި އެވެ.

އިޖިޕްޓް އެއާގެ ދެ ވަނަ ކަޅުފޮށި ވެސް ފެނިއްޖެ
އިޖިޕްޓް އެއާގެ ދެ ވަނަ ކަޅުފޮށި ވެސް ފެނިއްޖެ

ފްލައިޓް އެމްއެސް804 ގެ ކޮކްޕިޓް ވޮއިސް ރެކޯޑަރު ވަނީ މީގެ އެއް ދުވަސް ކުރިން ފެނިފަ އެވެ. "ކަޅު ފޮށީގެ" ގޮތުގައި ބެލެވޭ މި ދެ ރެކޯޑަރު ފެނުމަކީ މެއި 19 ވަނަ ދުވަހު 66 މީހުންނާ އެކު އެއާބަސް އޭ320 ގެ ބޯޓު ވެއްޓެން މެދުވެރިވި ސަބަބު ހޯދަން މުހިންމު މައުލޫމާތަކަށް ވާނެ އެވެ.

އިޖިޕްޓް އެއާގެ ދެ ވަނަ ކަޅުފޮށި ވެސް ފެނިއްޖެ
އިޖިޕްޓް އެއާގެ ދެ ވަނަ ކަޅުފޮށި ވެސް ފެނިއްޖެ

ބޯޓުގެ ކަޅު ފޮށި ގާހިރާ އަށް ފޮނުވުމަށް ފަހު މިސްރުގެ އިންވެސްޓިގޭޓަރުންގެ އިތުރުން ފްރާންސް އަދި އެއާބަސްގެ އޮފިޝަލުން ވެސް ތަހުގީގުގައި ބައިވެރިވާނެ އެވެ. ފްރާންސްގެ ބީއީއޭ އެއާ ސޭފްޓީ އެޖެންސީން ބުނީ ޚާއްސަ ތަޖުރިބާކާރަކު މިހާރު ގާހިރާ އަށް ފޮނުވާފައިވާ ކަމަށެވެ.

ވެއްޓުނު ބޯޓުގައި މިސްރުގެ 30 މީހުންނާއި ފްރާންސްގެ 15 މީހުން، އިރާގުގެ ދެ މީހުން، ކެނެޑާގެ ދެ މީހުން، އަލްޖީރިއާ، ބެލްޖިއަމް، އިނގިރޭސި ވިލާތް، ޗާޑު، ޕޯޗުގަލް، ސައުދީ އަރަބިއާ އަދި ސޫދާން މިއިން ކޮންމެ ގައުމަކުން އެކަކު ހިމެނެ އެވެ. ހަތް ކްރޫންނާއި ތިން ސެކިއުރިޓީ އޮފިޝަލުން ވެސް އެ ބޯޓުގައި ތިއްބެވެ.

އެއާބަސް އޭ320 ގެ ބޯޓު މިސްރާއި ގްރީކުގެ ރާޑަރު ސްކްރީންތަކަށް ގެއްލުނު އިރު މައްސަލައެއް ދިމާވެގެން އުޅޭ ކަމުގެ އިންޒާރެއް ދީފައެއް ނުވެ އެވެ. އެކަމަކު ބޯޓުގެ ފާޚާނާ އިން ދުން އަރާކަމުގެ ސިގްނަލެއް ލިބިފައިވެ އެވެ.

ބޯޓު ހޯދަން ވަނީ މެޑިޓެރޭނިއަން ކަނޑުގެ އެންމެ ފުން ހިސާބުތައް ވެސް ބަލައިފަ އެވެ. ބައެއް ހިސާބުތަކުން ވަނީ 3،000 މީޓަރު (10،000 ފޫޓު) އަޑި ވެސް ބަލައިފަ އެވެ.

ބޯޓު ވެއްޓުނު ކަމަށް ބެލެވޭ ސަބަބެއް އަދި މިހާތަނަށް ހޯދިފައެއް ނުވެ އެވެ. އަދި ބޯޓު ވެއްޓުނީ ޓެރަރިސްޓް ހަމަލާއަކުން ކަމަށް ނިންމައިފައެއް ވެސް ނުވެ އެވެ. ބޯޓު ވައްޓާލި ކަމަށް އެއްވެސް ޓެރަރިސްޓް ޖަމާއަތަކުން ބުނެފައެއް ނުވެ އެވެ. ތަޖްރިބާކާރުން ބުނަނީ ޕައިލެޓުން ފަރާތުން ނުވަތަ ޓެކްނިކަލް މައްސަލައެއް ދިމާވެގެން ވެއްޓުނީ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ގްރީކުގެ އިންވެސްޓިގޭޓަރުން ބުނީ ބޯޓު 90 ޑިގްރީ އަށް ވާތަށް ޖެހުމަށް ފަހު، ދެން ކާނާތަށް 360 ޑިގްރީ އަށް އަނބުރާލުމަށް ފަހު 37،000 ފޫޓުން 15،000 ފޫޓަށް ވަނީ ތިރިކޮށްފަ އެވެ. އަދި ރާޑަރުން ގެއްލުމުގެ ކުރިން ބޯޓު ވަނީ 10،000 ފޫޓަށް ތިރިވެފައި ކަމަށް ވެސް ބުނެފައިވެ އެވެ.