25 އެޕްރީލް 2017 - 10:34

ވޮޝިންޓަން (އެޕްރީލް 25) - ނޯތު ކޮރެއާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ސެނެޓުގެ ހުރިހާ މެންބަރުން ވައިޓް ހައުސް އަށް ހާޒިރުވުމަށް އަންގައިފި އެވެ.

ނޯތު ކޮރެއާ އިން ކުރަމުންގެންދާ ނިއުކްލިއާ ޓެސްޓްތަކާ އަދި އެމެރިކާ އަށް ދެމުންދާ އިންޒާރުތަކާ ގުޅިގެން ވޮޝިންޓަނުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ނޯތު ކޮރެއާގެ އެކުވެރި ގައުމެއް ކަމަށްވާ ޗައިނާ އިން ވަނީ ހުރިހާ ފަރާތްތަކުން ވެސް ކެތްތެރިކަން އިސްކުރުމަށް ގޮވާލައިފަ އެވެ. ކޮރެއާ މައްސަލައާ ގުޅޭ ގޮތުން ޗައިނާގެ ރައީސް ޝީ ޖިންޕިން އާއި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ އާދިއްތަ ދުވަހު މަޝްވަރާ ކުރައްވައިފަ އެވެ.
ވައިޓްހައުސްގައި މާދަމާ ބާއްވާ މައުލޫމާތު ދިނުމުގެ ބައްދަލުވުމަށް ސެނެޓުގެ 100 މެންބަރުންނާއި ޚާރިޖީ ވަޒީރު ރެކްސް ޓިލަސަން އާއި ދިފާއީ ވަޒީރު ޖޭމްސް މަޓިސް އަށް ވަނީ ދައުވަތު ދީފަ އެވެ. ގައުމީ ސަލާމަތާ ބެހޭ މައްސަލަތަކާ ގުޅޭ ގޮތުން ވައިޓް ހައުސްގެ އޮފިޝަލުން ކޮންގްރެސް އަށް ގޮސް ދޭތެރެދޭތެރެ އިން މައުލޫމާތު ދެ އެވެ. ނަމަވެސް ސެނެޓުގެ މެންބަރުން ވައިޓް ހައުސް އަށް ގެންގޮސް މައުލޫމާތު ދިނުމަކީ އާއްމު އުސޫލުން ކުރާ ކަމެއް ނޫނެވެ.
ނޯތު ކޮރެއާއާ ގުޅޭ ގޮތުން ސެނެޓުގެ މެންބަރުންނަށް މައުލޫމާތު ދޭ އިރު އެމެރިކާ އިން ބުނެފައި ވަނީ މަތިންދާ ބޯޓު އުފުލާ މަނަވަރު ކާލް ވިންސަން ކުރިއަށް އޮތް ދުވަސްތަކުގައި ކޮރެއާ ޕެނިންސުލާ އަށް ދާނެ ކަމަށެވެ.
އެމެރިކާ އިން އަޅަމުންދާ ފިޔަވަޅުތަކާ ގުޅިގެން ނޯތު ކޮރެއާ އިން ވެސް ދަނީ އިންޒާރުތައް ދެމުންނެވެ. އަދި އެމެރިކާ އިން ހަމަލާއެއް ދީފި ނަމަ ކާލް ވިންސަން މަނަވަރު ފައްތާލަން ތައްޔާރުވެފައިވާ ކަމަށް ނޯތު ކޮރެއާ އިން ވަނީ ބުނެފަ އެވެ.