25 އެޕްރީލް 2017 - 09:34

ލަންޑަން (އޭޕްރިލް 25) - ރޭ ޕްރެސްޓަން ނޯތު އެންޑް އަތުން 4-1 އިން ހޯދި ބޮޑު މޮޅާ އެކު އިނގިރޭސި ދެ ވަނަ ޑިވިޝަން ޗެމްޕިއަންޝިޕްގެ ގަދަ ދެ ޓީމު ތެރޭގައި ހިމެނި އަންނަ ސީޒަނުގެ ޕްރިމިއާ ލީގުގެ ޖާގައެއް ނިއުކާސަލް ޔުނައިޓެޑުން ކަށަވަރުކޮށްފި އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ސީދާ ޖާގައެއް ލިބޭނީ ޗެމްޕިއަންޝިޕްގެ ގަދަ ދެ ޓީމަށެވެ. ނިއުކާސަލްގެ އިތުރުން ބްރައިޓަން އެންޑް ހޯވް އަލްބިއަން ވަނީ ޕްރިމިއާ ލީގުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އަނެއް ޖާގަ ލިބޭނީ ހަތަރު ޓީމުގެ މެދުގައި ކުޅޭ ޕްލޭއޮފުން އެއް ވަަނަ ދާ ޓީމަކަށެވެ. ދެން އޮތް ޖާގައަށް އެންމެ ބޮޑަށް ވާދަކުރާ ޓީމުތަކަކީ ރެޑިން، ޝެފީލްޑް ވެނެސްޑޭ އަދި ހަޑްސްފީލްޑް އެވެ.
ލީގުގައި ބާކީ ދެ މެޗު އޮތްއިރު އެއް ވަނައިގައި ބްރައިޓަން އޮތީ 44 މެޗުން 92 ޕޮއިންޓް ހޯދައިގެންނެވެ. ނިއުކާސަލް ދެ ވަނައިގައި އޮތީ 44 މެޗުން 88 ޕޮއިންޓާ އެކު އެވެ.
ރޭގެ މެޗުގައި ޕްރެސްޓަން ކޮޅަށް ނިއުކާސަލްގެ ލަނޑުތައް ކާމިޔާބުކުރީ އަޔޯޒޭ ޕްރޭޒް ދެ ލަނޑާއި މެޓް ރިޗީ އަދި ކްރިސްޓިއަން އަޓްސޫ އެވެ. ޕްރެސްޓަންގެ ހަމައެކަނި ލަނޑު ކާމިޔާބުކުރީ ޖޯޑަން ހިއުޖިލް އެވެ. މި މެޗުގެ ފަހު 25 މިނިޓް ޕްރެސްޓަން އިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. އެއީ މެޗުގެ 65 ވަނަ މިނިޓްގައި އެ ޓީމުގެ ޕޯލް ގެލަގާ އަށް ރަތް ކާޑު ދެއްކުމުންނެވެ.
މެޗަށް ފަހު ނިއުކާސަލްގެ ކޯޗު ރަފައެލް ބެނިޓޭޒް ބުނީ ސީޒަން ފެށިއިރު ވެސް ޓާގެޓަކީ އަލުން ނިއުކާސަލްގެ ހައްގު މަގާމަށް ދިއުން ކަމަށެވެ.
"އަހަރެމެން ސީޒަން ފެށީ ވެސް ޕްރިމިއާ ލީގަށް ޕްރޮމޯޓްވުމަކީ ޓާގެޓް ކަމަށް ދެކިގެން. އެކަން ހާސިލްވެފައި މިއޮތީ. މިދިޔަ ސީޒަނުގައި ނިއުކާސަލް ރެލިގޭޓްވުމުން އަހަރެން ކްލަބް ދޫކޮށްނުލީ ސަބަބަކީ ވެސް މި ކްލަބްގެ ހައްގު މަގާމަށް ގެންގޮސްދީ މި ޓީމަށް ކާމިޔާބު ހޯދައިދޭން ބޭނުންވާތީ،" ބެނިޓޭޒް ބުންޏެވެ.
މިދިޔަ އަހަރު ޕްރިމިއާ ލީގުން ނިއުކާސަލް ރެލިގޭޓްވިއިރު އެއީ ހަތް އަހަރު ތެރޭގައި އެ ޓީމު ދެ ވަނަ ޑިވިޝަނަށް ރެލިގޭޓްވި ދެ ވަނަ ފަހަރެވެ. ނިއުކާސަލް ވަނީ 2009 ވަނަ އަހަރުގެ ސީޒަނުގައި ރެލިގޭޓްވި ނަމަވެސް 2010 ވަނަ އަހަރު ދެ ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި އަލުން ޕްރިމިއާ ލީގަށް ޕްރޮމޯޓްވި އެވެ.