26 އެޕްރީލް 2017 - 05:57

އެމެރިކާއިން އަތުލައިގަތް ނުރައްކާތެރި ޓެރަރިސްޓެއްގެ އައިފޯނު ހުޅުވަން އެ ގައުމުގެ ކޯޓަކުން އެޕަލް ކުންފުނީގެ މައްޗަށް އަމުރު ކުރުމުން ވެސް އެކަމަށް އެ ކުންފުނިން ދެކޮޅު ހެދި ވާހަކަ މަޝްހޫރުވި އެވެ. އެޕަލް ކުންފުނިން ބުނަނީ ކޯޓަކުން އެންގިޔަސް، ކަސްޓަމަރުން އެ ކުންފުންޏަށް ކުރަމުން އައި އިތުބާރު ގެއްލުވާ ނުލެވޭނެ ކަމަށެވެ.

މިޒަމާނުގައި މޮބައިލް ފޯނަކީ ހަމައެކަނި މުވާސަލާތީ ވަސީލަތެއް ނޫނެވެ. ޒާތީ އެތައް މައުލޫމާތަކާއި ސިއްރުތައް ފޯނުތަކުގައި ހިމެނޭނެ އެވެ. އެހެންވެ، ފޯނު އުފައްދާ ކުންފުނިތަކުން ވެސް ވަނީ އެކަމަށް ވިސްނައި، ފޯނުތަކުގެ ސަލާމަތީ ފިޔަވަޅު ވަރަށް ވަރުގަދަކޮށްފަ އެވެ. ވެރިފަރާތް ނޫން އެހެން މީހަކަށް ފޯނު ނުހުޅުވޭ ގޮތަށް އެތައް ފީޗާސްތަކެއް ޒަމާނީ ފޯނުތަކުގައި ހިމަނަ އެވެ.
ސްމާޓް ފޯންތަކުގެ ސަލާމަތީ ފިޔަވަޅުތަކާ މެދު އެއްވެސް އެއްޗެއް ބުނާނެ ޖާގައެއް ނެތެވެ. މި އުޅެނީ އެވާހަކަ ދައްކާކަށް ނޫނެވެ. އެމެރިކާގައި ދިމާވި މައްސަލައާ ކޮންމެވެސް ވަރަކަށް ގުޅުން ހުރި މައްސަލައެއް ރާއްޖޭގައި ވެސް މިހާރު މިވަނީ ފެންމަތިވެފަ އެވެ. އެކަމަކު މިފަހަރު މައްސަލަ އޮތީ އެޕަލް ކުންފުންޏާ ދެމެދަކު ނޫނެވެ. ރާއްޖޭގައި ދިމާވެގެން މިއުޅެނީ އަސާސީ ހައްގަކާ ފުށުއަރާ ކަމަށް ބުނާ ބަހުސެއް ކޯޓުގައި ހިނގަން ފެށުމެވެ.
މި މައްސަލަ ދިމާވީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިިޔާޒްގެ ފޯނު އޭނާ ހުޅުވައި ނުދިން ކަމަށް ބުނެ ދައުލަތުން ދައުވާކުރާ މައްސަލައިގަ އެވެ. ރިޔާޒަށް ދައުވާކުރަނީ ކޯޓު އަމުރެއްގެ ދަށުން ރިޔާޒްގެ ފޯނު އަތުލައި، އެ ފޯނު ހުޅުވަން އެންގުމުން އެކަން އޭނާ ނުކުރެއްވި ކަމަށް ބުނެ އެވެ. މިއީ ތަހުގީގެއްގައި ފޯނެއް ހުޅުވައި ނުދީގެން ރާއްޖޭގައި މީހަކަށް ދައުވާކުރި ފުރަތަމަ ފަހަރު ކަމަށް ވަނީ އެނގިފަ އެވެ.
ޖިނާއީ އެކި މައްސަލަތަކާ ގުޅިގެން ކޯޓު އަމުރުގެ ދަށުން ފޯނު ހިފަހައްޓައި، އެ ފޯނު ހުޅުވަން އެންގުމަކީ ރާއްޖޭގައި ކުރަމުން ދާ ކަމެކެވެ. އެހެން ބަޔަކު ތިމާގެ ޒާތީ މައުލޫމާތު ބެލޭނެ ގޮތަށް ފޯނު ދޭން ކިތަންމެ ބޭނުން ނުވިޔަސް ކޯޓު އަމުރުގައި އަންގާފައި އޮންނާތީ އެކަން ކުރަނީ އެވެ. އެކަމަކު ރިޔާޒްގެ ފަރާތުން ވަނީ އެކަން އެގޮތަށް ނުކުރެވޭނެ ކަމަށް ބުނެ، އެކަމުގެ ގާނޫނީ ހައިސިއްޔަތާ މެދު ޝަރީއަތުގައި ސުވާލު އުފައްދައިފަ އެވެ.
ޝަރީއަތުގައި ރިޔާޒްގެ ފަރާތުން ނަގާ މައިގަނޑު ދިފާއު އަކީ ފޯނު ހުޅުވައި ނުދިނުމަކީ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ދެ ހައްގެއްގެ މާނައިގެ ތެރޭގައި ހިމެނޭ އަމަލެއް ކަމަށެވެ. އެއީ ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ނ. އިން ލިބިދޭ ހަނު ހުރުމުގެ ހައްގާއި 51 ވަނަ މާއްދާ އިން ލިބިދޭ ނަފްސާ ދެކޮޅަށް ހެކިބަސް ނުދިނުމެވެ.
ގާނޫނު އަސާސީގެ 48 ވަނަ މާއްދާގެ ނ. ގައި ބުނަނީ "ތިމާއަކީ ކާކުކަން އަންގައިދިނުން ފިޔަވައި އިތުރު އެހެން އެއްވެސް މައުލޫމާތެއް ނުދީ ހަނު ހުރުމަކީ އެ މީހަކަށް ލިބިގެންވާ ހައްގެއް ކަން އެ މީހަކަށް އަންގައި، އެ ހައްގު ލިބިގަތުމުގެ ފުރުސަތު އެ މީހަކަށް ދޭންވާނެ އެވެ،" މިފަދައިންނެވެ. އަދި 51 ވަނަ މާއްދާގެ ނ. ގައި ވަނީ "ތިމާއާ ދެކޮޅަށް ޝަރީއަތުގައި ބަޔާން ނުދިނުމުގެ ހައްގު ލިިބިގެންވާ" ކަމެވެ.
ގާނޫނު އަސާސީގެ 24 ވަނަ މާއްދާ ބުނާ ގޮތުން ޒާތީ މުއާމަލާތްތަކަކީ ހުރުމަތްތެރި ވެގެންވާ އެއްޗެކެވެ. ފޯނު ހުޅުވައިދޭން ލާޒިމްވާ ނަމަ އެއީ ކުރިން ދެންނެވި ދެ ހައްގުގެ އިތުރުން ޒާތީ ދިރިއުޅުމުގެ ހައްގެއް ވެސް ގެއްލިގެންދާނެ ކަމެއް ކަމަށް ރިޔާޒްގެ ވަކީލުން ބުނެ އެވެ. އެހެންކަމުން ގާނޫނެއް ނެތި، އެ ހައްގުތައް ހަންޏެއް ނުކުރެވޭނެ އެވެ.
ދެބަސްވެވެން ނެތް ހަގީގަތަކީ އަސާސީ ހައްގެއް ބޭނުން ކުރުމަކީ މީހަކު ކުށްވެރިވާނެ ކަމެއް ނޫން ކަމެއް ކަމެވެ. ހަނު ހުރުމަކީ އަސާސީ ހައްގެކެވެ. މިސާލަކަށް ތަހުގީގުގައި (ހަނު ހުރުމުގެ ހައްގު ހިފަހައްޓާފައިވާ ބާވަތުގެ މައްސަލަތައް ފިޔަވައި އެހެން މައްސަލަތަކުގައި) ހަނު ހުއްޓަސް އެއީ އެ މީހާ ފުލުހުންނަށް ހުރަސް އެޅުން ކަމަކަށް ނުވާނެ އެވެ. އެއީ ފުލުހުންނަށް ހުރަސް އެޅުން ކަމަށް ނުވަތަ އެއްބާރުލުން ނުދިން ކަމަށް ބުނެ އޭނާ ކުށްވެރިއެއް ވެސް ނުވާނެ އެވެ.
ނަމަވެސް ކޯޓު އަމުރެއްގެ ދަށުން ފޯނު ހުޅުވަން އެންގުމުން އެކަމަށް ދެކޮޅުހެދުމަކީ އެއީ އެ ބުނާ ފަދަ ހަނު ހުރުމުގެ ހައްގުގެ ތެރޭގައި ނުވަތަ ތިމާއާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ ތެރޭގައި ހިމެނޭ ކަމަކަށް ވާނެ ހެއްޔެވެ؟. އުފެދިފައިވާ ސުވާލަކީ މި އެވެ. ކޯޓުގައި ޗެލެންޖް ކުރަމުން އެދަނީ އެކަމަށެވެ.
މީގެ އަނެއްކޮޅު ވެސް އެބަ އޮތެވެ. ކޯޓުތަކުގެ ނިންމުންތަކަށް ތަބާވުމަކީ އެންމެންގެ މައްޗަށް ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ. އެހެންކަމުން ފޯނެއް ހުޅުވަން ކޯޓަކުން އަމުރެއް ނެރެފި ނަމަ، އެއީ އަސާސީ ހައްގެއް ގެއްލޭ ނުވަތަ ހަނިކުރެވޭ ކަމެއް ކަމަށް އެ މީހަކަށް ގަބޫލު ކުރެވުނަސް މަތީ ކޯޓަކުން އެ ނިންމުން ބާތިލް ނުކުރާހާ ހިނދަކު އެއަށް އަމަލު ކުރުން ލާޒިމްވާނެ އެވެ. ރިޔާޒުގެ މައްސަލާގައި ޕްރޮސެކިއުޓާ ޖެނެރަލްގެ ފަރާތުން ދޭ ރައްދަކީ އެ އެވެ.
ފޯނު ހުޅުވަން ލާޒިމްކުރާ ގާނޫނެއް ނެތް ކަމަށް ދައުލަތުން ވެސް އެއްބަސްވެ އެވެ. އެކަމަކު ދައުލަތުގެ ރައްދަކީ ގާނޫނެއް ނެތަސް ކޯޓު އަމުރެއް އޮވެއްޖެ ނަމަ އެ ފޯނެއް ހުޅުވައިދޭން ލާޒިމްވާނެ ކަމެވެ. ހަނު ހުރުމާއި ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމަކީ އަސާސީ ހައްގަކަށް ވިޔަސް ފޯނު ހުޅުވަން ކޯޓު އަމުރެއް އޮއްވާ ކޯޓު އަމުރާ އެއްގޮތަށް އަމަލު ނުކުރުމަކީ ފުލުހުންނަށް ހުރަސް އެޅުން ކަމަށް ބެލެވޭނެ ކަމަށް ވެސް ދައުލަތުން ބުނެ އެވެ.
މި މައްސަލައާ އެއް ކަހަލަ ކަމެއް 2009 ގައި ވެސް ހިނގި އެވެ. އެފަހަރު ދިމާވީ އަތު ލިޔުމުގެ ސާމްޕަލް ނުދިނުމުގެ މައްސަލައެކެވެ. ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނާޒިމަށް ތުހުމަތުކުރި އެ މައްސަލައާ ގުޅިގެން އޭނާ ހަނު ހުރުން އިހްތިޔާރު ކޮށްފައި ވަނިކޮށް އޭނާގެ އަތު ލިޔުމުގެ ސާމްޕަލް ދޭން ފުލުހުން އެންގުމުން އެ މައްސަލާގައި ސިވިލް ކޯޓުން ނިންމީ އަތު ލިޔުމުގެ ސާމްޕަލް ދޭން ފުލުހުންނަށް ނޭންގޭނެ ކަމަށެވެ. ހަނު ހުރުމުގެ ހައްގުގެ މާނައިގެ ތެރޭގައި އަތުލިޔުމުގެ ސާމްޕަލް ނުދީ ހުރުން ހިމެނޭނެ ކަމަށް އޭރު ކޯޓުން ނިންމި އެވެ.
ހަނު ހުރުމުގެ މާނައިގެ ތެރޭގައި ނުވަތަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ މާނައިގެ ތެރޭގައި ހިމެނެނީ ކޮން ކަންތައްތަކެއް ކަމެއް ތަފްސީލުކޮށް ލިއެފައި އޮތް ގާނޫނެއް ނެތެވެ. ނަމަވެސް ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި މި ދެ ހައްގުގެ މާނައިގެ ތެރޭގައި ހިމެނޭ ކަންކަން ކޮންމެވެސް ވަރަކަށް ބަޔާންކޮށްފައިވެ އެވެ. އެކަމަކު އެ ގާނޫނަށް އަމަލު ކުރަން ފަށާނީ އަންނަ ޖުލައި މަހު އެވެ.
ބައެއް ވަކީލުން ބުނާ ގޮތުގައި ކޯޓުން އަންގައިފި ނަމަ ފޯނު ހުޅުވައި ދިނުމަކީ ލާޒިމް ކަމެކެވެ. އަނެއް ބައި ވަކީލުންގެ ނަޒަރުގައި ފޯނު ނުހުޅުވުމަކީ ހަނު ހުރުން ނުވަތަ ނަފްސާ ދެކޮޅަށް ބަޔާން ނުދިނުމުގެ ހައްގުގެ މާނައިގެ ތެރޭގައި ހިމެނޭނެ އަމަލެކެވެ.
ކޮންމެއަކަސް ސިޔާސީ ބޭފުޅެއްގެ މައްސަލައެއްގެ ތެރެއިން މިފަހަރު މި ފެންމަތިވީ އާންމު ރައްޔިތުންނާ ވެސް ވަރަށް ގުޅުން ހުރި މައްސަލައެކެވެ. އެއްކޮޅުން އޮތީ ޒާތީ ދިރިއުޅުމުގެ ހައްގާއި އަސާސީ ހައްގުތަކެއްގެ ވާހަކަ އެވެ. އަނެއްކޮޅުން އޮތީ ހެކި ހޯދަން ފުލުހުންނަށް ލިބޭ ގާނޫނީ ބާރުގެ ވާހަކަ އެވެ. ދެން އޮތީ މިކަމުގައި ކޯޓުން ނިންމާ ގޮތަކަށް އިންތިޒާރު ކުރުމެވެ. ކޮންމެ ގޮތަކަށް ނިމުނަސް އެކަން ވާނީ ވަރަށް މުހިންމު ހުކުމަކަށެވެ.