ތެހެރާން، އީރާން (ނޮވެމްބަރު 24)- ވަގަށް އުފައްދާފައިވާ ވިހަ ބަނގުރާ ބޮއެގެން މި މަހުގެ ތެރޭގައި އީރާނުން މަދުވެގެން 20 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ވިހަވެފައިވާ ކަމަށް އެ ގައުމުގެ ރަސްމީ މީޑިއާއިން މިއަދު ބުނެފި އެވެ.
ބަނގުރާ ބުއިމާއި ވިއްކުން މަނާކޮށްފައިވާ އީރާނުގެ ދައުލަތުގެ ޓީވީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ނޮވެމްބަރު މަހު އެ ގައުމުގެ އެކި ސަރަހައްދުތަކުން ބަނގުރާ ވިހަވުމުގެ 356 މައްސަލައެއް ވަނީ ރިޕޯޓްކޮށްފަ އެވެ.
"އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު 20 މީހުން ވަނީ މަރުވެފައި. އަދި އައިސީޔޫގައި ފަރުވާ ދެމުންދާ 33 މީހުންނާ އެކު ޖުމްލަ 187 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން،" ޑެޕިއުޓީ ހެލްތު މިނިސްޓަރު ސައްޖާދު ރަޒާވީ ދައުލަތުގެ ޓީވީއަށް ވިދާޅުވި އެވެ.
މި ހާދިސާތައް ހިނގި ޕްރޮވިންސްތަކުގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވަނީ، މީހުން ވިހަވާން މެދުވެރިވީ "ވަގަށް އުފައްދާފައިވާ" ބަނގުރަލާއި "މެތަނޯލް އެކުލެވޭ ބާވަތްތައް" ބޭނުންކުރުމުގެ ސަބަބުން ކަމަށެވެ.
އީރާނުގައި ބަނގުރާ މަނާކޮށްފައި އޮތް ނަމަވެސް، ސިއްރުން އުފައްދާ މިފަދަ ބުއިންތައް ފަސޭހައިން ލިބެން ހުންނާތީ، އެ ތަކެތި ބޮއެގެން މީހުން ވިހަވެ މަރުވުމުގެ ހާދިސާތައް އެ ގައުމުގައި އާންމުކޮށް ހިނގަ އެވެ.
އެ ގައުމުގައި ވިހަ ބަނގުރާ ވިއްކައިގެން އެތައް ބަޔަކު މަރުވި މައްސަލައެއްގައި، 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ވަނީ ހަތަރު މީހަކަށް މަރުގެ އަދަބު ވެސް ދީފަ އެވެ. -- އޭއެފްޕީ