މާލޭގައި އޮފީހަކުން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ އާއި ގިނަ އަދަދެއްގެ ޑޮލަރުތަކެއް ވަގަށް ނެގި މައްސަލައެއްގެ ތުހުމަތުގައި ބަޔަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ ވެބްސައިޓުގައި ބުނީ މިިދިޔަ ބުދަ ދުވަހު ހުށަހެޅި އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ ރ. މަޑުއްވަރީ ފުއްޓަރު، އަހުމަދު ނާޒިމާއި އެރަށު މުޝްތަރީގޭ ހުސެއިން ސޮބާހާއި އެރަށު ސްޓާލައިން، އާއިޝަތު ނަޝާޔާ ކަމަށެވެ.

އެ މައްސަލާގައި ނާޒިމް ހައްޔަރުކުރީ މިދިޔަ އާދިއްތަ ދުވަހު އެވެ. ބާކީ ތިބި ދެ މީހުން ހައްޔަރުކުރީ އިއްޔެ އެވެ.

އެ މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން ނާޒިމް ޝަރީއަތް ނިމެންދެން ބަންދުކޮށް، ސޮބާހުގެ ބަންދަށް 30 ދުވަސް އަދި ނަޝާޔާގެ ބަންދަށް ވަނީ ފަސް ދުވަހުގެ ބަންދު މުއްދަތެއް އިތުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލަ ހުށަހެޅުމާއެކު ސީސީޓީވީ ފުޓޭޖުތައް ބަލައި، ވައްކަންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ދެނެގަތުމަށްފަހު ފުލުހުން ވަނީ އެ މީހުން ދިރިއުޅޭ ތަންތަން ބަލައި ފާސްކޮށްފަ އެވެ.

ފުލުހުން އެ ތަންތަން ފާސްކުރިއިރު އެއް މިލިއަނަށް ވުރެ ގިނަ ރުފިޔާ 8،845 އެމެރިކާ ޑޮލަރު (136،000ރ.) ފެނިފައިވާ ކަމަށެވެ. ނަމަވެސް ތަހުގީގުގައި މިހާތަނަށް ބެލިއިރު އެ އޮފީހުން 1.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަދި 11،470 އެމެރިކާ ޑޮލަރު (170،000 އަށް ވުރެ ގިނަ ރުފިޔާ) ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ނަމަވެސް ވައްކަންކުރީ ކޮން އޮފީހަކުން ކަމެއް ފުލުހުން ނުބުނެ އެވެ.