ރެއާލް މެޑްރިޑުގެ ބްރެޒިލް ފޯވާޑް އެންޑްރިކް
ގަންނަން އޭސީ މިލާނުން ޖެނުއަރީ މަހު 70 މިލިއަން ޔޫރޯގެ އޮފާއެއް ހުށަހަޅާނެ
ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
އުއްމީދީ ކުޅުންތެރިއެއްގެ ގޮތުގައި ރެއާލުން މީގެ
ދެ އަހަރު ކުރިން ގެނައި އެންޑްރިކް އަށް އެ ޓީމުން އެކަށީގެންވާ ފުރުސަތެއް
ނުލިބެ އެވެ. އެހެންވެ ލޯން އުސޫލުން މިދިޔަ ސީޒަނުގައި އޮލިމްޕިކް ލިޔޯނަށް ވެސް
ކުޅުނެވެ.
އެކަމަކު ސްޕެނިޝް ލީގުގެ ދެ ވަނައިގައި އޮތް ރެއާލުގެ ކޯޗު ހޯސޭ މޮރީނިއޯ ވަނީ
އެންޑްރިކް، 20، އަކީ އެ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ކަމަށާއި، އޭނާ ވިއްކާލަން
ބޭނުންނުވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އެންޑްރިކް ހުރީ ރަނގަޅު ފުރުސަތެއް
ލިބިއްޖެ ނަމަ ކްލަބް ދޫކޮށްލާ ގޮތަށެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިލާނުން ވަނީ 70 މިލިއަން
ޔޫރޯ އޮފާކުރާނެކަން އެންޑްރިކް އަށް އަންގައިފަ އެވެ. އަދި ޖެނުއަރީ މަހު އެކަން
ކާމިޔާބުނުވެއްޖެ ނަމަ އަންނަ ޖޫން މަހު ހުޅުވޭ ޓްރާންސްފާ ބާޒާރުގައި ވެސް އޭނާ
ހޯދަން މަސައްކަތްކުރާނެ ކަމަށް އަންގާފައިވާ ކަމަށްވެ އެވެ.
މިލާނުގެ ޗެއާމަން ގެރީ ކާޑިނޭލް ދާދި ފަހުން
ބުނީ އެންޑްރިކް އަކީ ސެކަންޑް ސްޓްރައިކަރަކަށް ކުޅެން ދުނިޔޭގައި ހުރި އެންމެ އެއް
ކުޅުންތެރިޔާ ކަމަށެވެ. އަދި ޖެނުއަރީ މަހު އޭނާ ހޯދަން މަސައްކަތްކުރާނެ ކަމުގެ
އިޝާރާތެއް ވެސް ދިނެވެ.
އެންޑްރިކް އަށް ޕްރިމިއާ ލީގުގެ އާސެނަލް،
އިޓަލީގެ ރޯމާ އަދި އެންޑްރިކް އަށް ލިޔޯންގައި ކޯޗުކޮށްދިން ޕައުލޯ ފޮންސެކާ މިހާރު
ކޯޗުކޮށްދޭ ޕޯޗުގަލްެ ސްޕޯޓިން ލިސްބަން ވެސް ޝައުގުވެރިވެ އެވެ.