ދީބާޖާ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓެޑާއި ދައުލަތާ ދެމެދު ހެދި ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން އެ ކުންފުންޏަށް ދޭން އެއްބަސްވި 51 މިލިއަން ރުފިޔާ ނުދިން މައްސަލާގައި އެ ކުންފުނިން ސިވިލް ކޯޓުގައި ކުރި ދައުވާ އަނބުރާ ގެންގޮސްފި އެވެ. 

އުތުރު ޕްރޮވިންސްގައި ދަތުރުފަތުރުގެ ހިދުމަތް ދިނުމަށް 2011 ވަަނަ އަހަރު ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން 2013 ވަނަ އަހަރު ސަރުކާރުން ބާތިލް ކުރުމާ ގުޅިގެން ގެއްލުމުގެ ބަދަލު ހޯދުމަށް އެ ކުންފުނިން ކުރި ދައުވާއާ ގުޅިގެން އެ ކުންފުންޏަށް 348 މިލިއަން ރުފިޔާ ދޭން ޖެހުމުން ކުރީގެ ސަރުކާރުން ދީބާޖާއާ ދެމެދު ސެޓްލްމަންޓް އެއްބަސްވުމެއް ހެދި އެވެ.

އެ ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ދައުލަތުން އެއްބަސްވީ 30 ދުވަހުގެ ތެރޭގައި 51 މިލިއަން ރުފިޔާ ދީބާޖާއަށް ދެއްކުމަށެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި އެ ފައިސާ ދައުލަތުން ދީބާޖާއަށް ދައްކާފައެއް ނުވެ އެވެ. 

އެހެންވެ، އެ ފައިސާ ހޯދަން އެ ކުންފުިނން ދައުވާކުރި އެވެ. ނަމަވެސް އެ މައްސަލަ ކޯޓުގައި އޮއްވާ މި ސަރުކާރުން ވަނީ ސެޓްލްމަންޓް އެއްބަސްވުމަށް އަމަލުނުކުރަން ނިންމައި އަދި އެއީ އުފެދުމުގައި ވެސް ބާތިލް އެއްޗެއް ކަމަށް ބުނެ އެ އެއްބަސްވުން ބާތިލްކޮށްފަ އެވެ.

ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން 51 މިލިއަން ރުފިޔާ ނުލިބުނު މައްސަލާގައި ދީބާޖާއިން ކުރި ދައުވާ އެ ކުންފުނިން ފަހުން ވަނީ އަނބުރާ ގެންދަން ހުށަހަޅައިފަ އެވެ. އެގޮތަށް ހުށަހެޅީ، އެ ކުންފުނިން ބުނެފައިވާ ގޮތުގައި އެއްބަސްވުން ބާތިލްކުރި މައްސަލާގައި ގެއްލުމުގެ ބަދަލު ހޯދުމަށް ސިވިލް ކޯޓަށް ވަކި ދައުވާއެއް ހުށަހަޅާފައިވާތީ އާއި އެ ދެ ދައުވާއަކީ އެއް މައުޟޫއެއްގެ ދެ ދައުވާއަކަށް ވާތީ އެވެ. 

އެ މައްސަލަ އަނބުރާ ގެންދިއުމަށް ދައުލަތުން އިއުތިރާޒު ނުކުރި ނަމަވެސް އެ މައްސަލަ އަލުން ކޯޓަށް ހުށަހެޅުމުގެ ފުރުސަތު ލިބިގެން ނުވާކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން އެދުނެވެ.

ނަމަވެސް ދީބާޖާއިން ބުނީ ދައުވާ ހުށަހެޅުމުގެ ފުރުސަތު ނުދީފިނަމަ، ސެޓްލްމަންޓް އެއްބަސްވުމުގެ ދަށުން ދީބާޖާއަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަގު ބަންދުވެ އެއީ ދީބާޖާއަށް ވެވޭ ބޭއިންސާފަކަށް ވާނެ ކަމަށެވެ. 

އެ މައްސަލަ ބެއްލެވި ސިވިލް ކޯޓުގެ ގާޒީ އަހުމަދު އަބްދުއްމަތީން ނިންމެވީ ދައުވާ އަނބުރާ ގެންދިއުމަށާއި ގާނޫނުގައި ބަޔާންކުރާ މުއްދަތު ހަމަނުވާނަމަ އަލުން އެ ދައުވާ ހުށަހެޅުމުގެ ހައްގު ދީބާޖާއަށް ލިބިގެންވާ ކަމަށެވެ. 

ކުރީ ސަރުކާރުގައި އުފެއްދި ސެޓްލްމަންޓް ކޮމިޓީ މެދުވެރިކޮށް 2018 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރާ ދެމެދު ވަނީ 36 ރަށަކާއި ހަ ފަޅެއް އަދި ދެ ބިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއް އެކި ފަރާތްތަކަށް ދީފަ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ލެ ޓްރިވެނި ޖޭވީ އާއި ދީބާޖާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޑެޓަށް 61.2 މިލިއަން ރުފިޔާ ދިނުމަށް ފިނޭންސް މިނިސްޓްރީގެ ސިސްޓަމަށް އަޅާފައި ވަނިކޮށް، އެ ފައިސާ ދޫކުރުން އޭޖީ އޮފީހުގެ އެންގުމަކަށް މަޑުޖައްސާލި އެވެ.

ކުރީގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ގިނަ އަދަދެއްގެ ފައިސާ ދިން މައްސަލާގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ޕްރޮސިކިއުޓާ ޖެނެރަލަށް ލަފާ ދިނުމަށް ރައްޔިތުންގެ މަޖިލީހުން ކުރިން ފާސްކޮށްފައިވެ އެވެ. 

ދީބާޖާއިން އެ މައްސަލަ އަނބުރާ ގެންދިޔައިރު ސުޕްރީމް ކޯޓުން ވެސް ފަހުން ނިންމާފައި އޮތީ ފެރީގެ ހިދުމަތް ދިނުމަށް ދީބާޖާއާއެކު ހެދި އެއްބަސްވުން ސަރުކާރުން ބާތިލްކުރީ ގޯސްކޮށް ކަމަށެވެ. އަދި ބަދަލު ހޯދުމުގެ ހައްގު އެ ކުންފުންޏަށް އޮންނާނެ ކަމަށް ސުޕްރީމް ކޯޓުން އޮތީ ކަނޑައަޅައިފަ އެވެ.