ދައުލަތަށް ފޯރުކޮށްދީފައިވާ ކަމަށް ބުނާ މެޑިކަލް އިކުއިޕްމަންޓާއި ކޮންސިއުމަބަލްސްގެ އަގަށްވާ ދެ މިލިއަން ޑޮލަރު (32 މިލިއަން ރުފިޔާ) ސެންޓަ އެންޓަޕްރައިސަސްއަށް ދައްކަން ދައުލަތުގެ މައްޗަށް ކޮށްފައިވާ ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށްފި އެވެ.
އޮކްޓޫބަރު، 2007 ގައި ދައުލަތާ އެކު ހެދި އެއްބަސްވުމެއްގެ ދަށުން، ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްއަށް ފޯރުކޮށްދިން ކަމަށް ބުނާ މެޑިކަލް ސާމާނުގެ އަގާއި ޖޫރިމަނާއާއެކު ޖުމްލަ ފަސް މިލިއަން ޑޮލަރު ހޯދަން ސެންޓަ އެންޓަޕްރައިސަސްއިން ސިވިލް ކޯޓަށް ހުށަހެޅީ 2022 ވަނަ އަހަރު އެވެ.
އެ މައްސަލާގައި ސިވިލް ކޯޓުން 2023 ވަނަ އަހަރު ހުކުމްކުރީ ޖޫރިމަނާ ފައިސާ އުނިކުރުމަށްފަހު، އިންވޮއިސްގެ އަގަށްވާ ދެ މިލިއަން ޑޮލަރު ދައުލަތުން އެ ކުންފުންޏަށް ދެއްކުމަށެވެ. އަދި އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައިކޯޓުގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވެސް ވަނީ ސިވިލް ކޯޓުގެ އެ ނިންމުމަށް ތާއީދުކޮށްފަ އެވެ.
ހައި ކޯޓުގެ އެ ހުކުމް ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން އެ ކޯޓުން އިއްޔެ ކުރެއްވި ހުކުމުގެ ރައުޔު ލިޔުއްވި ފަނޑިޔާރު ހުސައިން ޝަހީދު ފާހަގަކުރެއްވި ގޮތުގައި، ދަށު ކޯޓާއި ހައި ކޯޓުން އެ މައްސަލަ ނިންމާފައިވަނީ ހުށަހެޅިފައިވާ ހެކި ގަރީނާތަކަށް ރިއާޔަތްކުރުމެއް ނެތި އެވެ.
އެގޮތުން އެއްބަސްވުމުގައިވާ ގޮތަށް ރާއްޖޭގެ އެކި ރަށްތަކަށް މުދާ ފޯރުކޮށްދީ، ޖޮއިންޓް އިންސްޕެކްޝަން ޓެސްޓް ހަދާފައިވާކަން ސާބިތުވާނެ އެއްވެސް ލިޔުމެއް ހުށަހަޅާފައި ނެތް ކަމަށް ހުކުމުގައިވެ އެވެ. އަދި ހުށަހަޅާފައިވާ "ކޮމްބައިންޑް ޑެލިވަރީ ނޯޓް" ގައި މުދަލާ ހަވާލުވި ފަރާތެއްގެ ނަމެއް ނުވަތަ ހައިސިއްޔަތެއް އަދި ތާރީހެއް ވެސް އެނގެން ނެތްއިރު، ހެކިންގެ ހެކިބަހުގައި ފުށުއެރުންތައް ހުރިކަން ހުކުމުގައި ފަނޑިޔާރު ފާހަގަ ކުރެއްވި އެވެ.
ހުކުމުގައިވާ ގޮތުން އިކޮނޮމިކް މިނިސްޓްރީއަށް ސެންޓަ އެންޓާޕްރައިސަސްއިން ހުށަހަޅާފައިވާ 2007 ވަނަ އަހަރާއި 2008 ވަނަ އަހަރު އަދި 2009 ވަނަ އަހަރުގެ މާލީ ބަޔާންތަކުގައި ދައުލަތުން އެ ކުންފުންޏަށް އެފަދަ ބޮޑު އަދަދެއްގެ ފައިސާ ލިބެންޖެހޭ ކަމަށް ނުވަތަ އެފަދަ ހަރަދެއް ކޮށްފައިވާކަމަށް ބަޔާންކޮށްފައެއް ނުވެ އެވެ.
މީގެ އިތުރުން އެ މައްސަލަ ސުޕްރީމް ކޯޓުގައި ހިނގަމުން ދަނިކޮށް އޮޑިޓާ ޖެނެރަލްގެ އޮފީހުން އެކުލަވާލި ހާއްސަ އޮޑިޓް ރިޕޯޓް އެ ކޯޓުން ވަނީ އާ ހެއްކެއްގެ ގޮތުގައި ބަލައިގެންފަ އެވެ. އަދި އެ ރިޕޯޓުން ހާމަވި ގޮތުގައި ސެންޓަ އެންޓަޕްރައިސަސްއިން ހުށަހެޅި ލިޔުންތަކުގައި އޭރު ޑިޕާޓްމަންޓް އޮފް މެޑިކަލް ސާވިސަސްގައި ވަޒީފާ އަދާކޮށްފައިނުވާ ފަރާތެއްގެ ނަމާއި ސޮއި ހިމަނާފައިވެ އެވެ.
އެ މައްސަލާގައި ހުށަހަޅާފައިވާ ބޭންކް ގެރެންޓީއަކީ އުފައްދާފައިވާ ސައްހަ ނޫން ލިޔުމެއްކަމަށް ބެލެވޭއިރު، ލިޔުންތަކުގައި ބޭނުންކޮށްފައިވަނީ އެހެން މަސައްކަތަކަށް ދޫކޮށްފައިވާ ޕްރޮޖެކްޓް ކޯޑުކަން ވެސް އޮޑިޓް ރިޕޯޓާ ހަވާލާދީ ހުކުމުގައިވެ އެވެ. އަދި 2007 ވަނަ އަހަރުގެ ލިޔުމެއްގައި އޭރު ޓެންޑާ އިވެލުއޭޝަން ބޯޑަށް ކިޔާ ނަމުގެ ބަދަލުގައި ފަހުން ބޭނުންކުރާ ނަން ބޭނުންކޮށްފައިވާ ކަން ހުކުމުގައި ފާހަގަކުރި އެވެ.
މުދާ ޑެލިވަރީކުރި ކަމަށް ބުނާ ތާރީހާ ހަމައަށް ވެސް، އެ އެއްބަސްވުމުގައި ބުނާ ބާވަތުގެ މުދަލެއް އެ ކުންފުނިން ރާއްޖެ އެތެރެކޮށްފައި ނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.
އޮޑިޓް ރިޕޯޓުން ފާހަގަވި ކަންކަމަށް ބަލާއިރު، އެއީ ހަގީގަތުގައި ހިނގާފައިވާ މުއާމަލާތެއްކަމާ މެދު ބޮޑެތި ޝައްކުތަކެއް އުފެދޭ ކަމަށާއި އަދި ޖިނާއީ ތަހުގީގެއް ހިންގުމަށް އޮޑިޓަ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލައެއްކަން ސުޕްރީމް ކޯޓުގެ ހުކުމުގައި ފާހަގަކުރި އެވެ. އެހެންވެ، ސެންޓަ އެންޓަޕްރައިސަސްއިން ހުށަހެޅި އެއްބަސްވުމުގެ ދަށުން ތަކެތި ފޯރުކޮށްދީފައިވާކަން މަދަނީ މިންގަނޑުން ސާބިތުނުވާ ކަމަށް ކަނޑައަޅައި، ސިވިލް ކޯޓާއި ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލުކުރި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާގުން ނިންމި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ޝަހީދާއި ފަނޑިޔާރު އަލީ ރަޝީދު ހުސައިން އަދި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހީމެވެ.
އެ ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝަހީދެވެ.