އާބާދީ ވަރަށް ބޮޑަށް މަދުވެފައިވާ ވ. ރަކީދޫ ރައްޔިތުން އެއްބަސްވާ ނަމަ މާލެއާ ކައިރި ތަނަކަށް އެ މީހުން ބަދަލުކުރަން ސަރުކާރުން ތައްޔާރަށް އޮތް ކަމަށް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް މިއަދު ވިދާޅުވެއްޖެ އެވެ. 

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކެޔޮދޫ ދާއިރާގެ މެންބަރު މުހައްމަދު ނިއުޝާދު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ ރަށަކުން މީހުން ބަދަލުކުރަނީ އެ ރަށެއްގެ ހުރިހާ ރައްޔިތުން ބަދަލުވާން ބޭނުންވެގެން ކަމަށެވެ. އެއީ ކުރީގެ ރައީސް މައުމޫނު އަބްދުލް ގައްޔޫމުގެ ޒަމާނުން ފެށިގެން ސަރުކާރުން އަބަދުވެސް ގެންގުޅޭ އުސޫލު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރަކީދޫ މީހުން ބަދަލުނުކުރެވިގެން އުޅެނީ އެ ރަށުގެ ހުރިހާ ރައްޔިތުން އެއްބަސްނުވާތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

"ބަދަލުވާން ބޭނުންވާ ކަމަށް ވާ ނަމަ، އަޅުގަނޑުމެންނަށް މިދެންނެވި ގޮތަށް ރަސްމާލެ ނޫނަސް، ވީހާ ވެސް އަވަހަކަށް އާބާދުކުރެވޭ މާލެ ކައިރި ސަރަހައްދަކަށް ބަދަލުކުރުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" މުއްތަލިބް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މެމްބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުން ބޭނުން ވެގެން މީހުން ބަދަލުކުރަން ސަރުކާރުން ކުރާ މަސައްކަތުގެ މިސާލެއްގެ ގޮތުގައި މިނިސްޓަރު ދެއްކެވީ މ.ރަތްމަންދޫ މީހުން ކ.ތުލުސްދުއަށް ބަދަލުކުރަން ކުރާ މަސައްކަތެވެ. ރަތްމަންދޫ ރައްޔިތުންނަށް ތުލުސްދޫން ގޯތިދީގެން އެ ޕްރޮޖެކްޓް ކުރިއަށް ގެންދަން އެމްއޭސީއެލް އިން ހުށަހަޅާފަައިވާ ޕްރޮޕޯސަލެއް މިހާރު އިވެލުއޭޓްކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ހަަމަ އެ އުސޫލުން އެ ރަށުގެ ރައްޔިތުން ބޭނުންވާ ނަމަ އަޅުގަނޑުމެންނަށް ރަކީދޫ ރައްުޔިތުން ބަދަލުކުރުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދާނަން. އަޅުގަނޑުމެން ގަދަކަމަކުން އެއްވެސް ރައްޔިތެއް ބަދަލެއް ނުކުރާނަން" މުއްތަލިބް ވިދާޅުވި އެވެ.

ރަކީދޫ މީހުން މާލެއާ ކައިރި ތަނަކަށް ބަދަލުވުމުގެ މަޝްވަރާތައް ފެށީ ރައީސް ޑރ.މުހައްމަދު މުއިއްޒު މިދިޔަ އަހަރު އެރަށަށް ވަޑައިގެން ރައްޔިތުންނާ އެކު ބޭޢްވެވި ބައްދަލުވުމުގަ އެވެ. 

ރައީސްގެ ދަތުރުފުޅުގައި އެ ރަށުގެ މީހުންނާ އެކު ބޭއްވެވި ބައްދަލުވުމުގައި ވާހަކަ ދެއްކި ގިނަ މީހުން އެދުނީ މާލެއާ ކައިރި ރަށަކަށް ބަދަލުކޮށްދިނުމަށެވެ.

ގެސްޓް ހައުސް ހިންގައިގެން ބޮޑު އާމްދަނީއެއް ލިބޭ ރަކީދޫގައި ދިރިއުޅޭ 61 މީހުންގެ ތެރެއިން 41 މީހަކު ބޭނުންވަނީ ތުލުސްދު އަށް ބަދަލުކޮށްދޭށެވެ. އެންމެ މީހަކު ފިޔަވައި ބާކީ އެންމެން ބޭނުންވަނީ މާލެ ކައިރިން ތަނެެއް ހިއްކައިގެން އެ ތަނަކަށް ބަދަލުވާން ކަމަށް ރައީސާ އެކު ބޭއްވި ބައްދަލުވުމަށް ދިޔަ މީހުން ވަނީ ބުނެފަ އެވެ. ރަކީދޫން ބަދަލުވާން ބޭނުން ނުވަނީ އެންމެ މީހެކެވެ.