ތާލިބާނުން ދިން ހަމަލާ އަށް ފަހު ދިފާއީ ވަޒީރާއި ސިފައިންގެ ވެރިޔާ އިސްތިއުފާ ދީފި
ތާލިބާނުން ދިން ހަމަލާ އަށް ފަހު ދިފާއީ ވަޒީރާއި ސިފައިންގެ ވެރިޔާ އިސްތިއުފާ ދީފި

ކާބުލް (އެޕްރީލް 24) - އަފްޣާނިސްތާނުގެ ސިފައިންގެ މަރުކަޒަކަށް ތާލިބާން ޖަމާއަތުން ދިން ހަމަލާ އަށް ފަހު އެ ގައުމުގެ ދިފާއީ ވަޒީރާއި ސިފައިންގެ ވެރިޔާ އިސްތިއުފާ ދީފި އެވެ.

އުތުރުގެ މަޒާރޭ ޝަރީފަށް ދިން ހަމަލާގައި ވަނީ 140 އަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. ހަމަލާ އަމާޒުކޮށްފައި ވަނީ މިދިޔަ ހުކުރު ދުވަހު ހުކުރަށް ދިޔަ މީހުންނަށެވެ. މިއީ އަފްޣާނިންސްތާނުން ތާލިބާނުންގެ ބާރު 2001 ވަނަ އަހަރު ކަނޑުވާލި ފަހުން އެ ޖަމާއަތުން ދިން އެންމެ ނުރައްކާ ހަމަލާ އެވެ.

އަފްޣާނިސްތާނުގެ އެންމެ އިސް ދިފާއީ ދެ އޮފިޝަލުން އިސްތިއުފާ ދިން އިރު އެމެރިކާގެ ދިފާއީ ވަޒީރު ޖިމް މަޓިސް ވަނީ ކުއްލި ދަތުރުފުޅެއްގައި ކާބުލް އަށް ވަޑައިގެންފަ އެވެ.

ދިފާއީ ވަޒީރު އަބްދުﷲ ހަބީބީ އާއި ސިފައިންގެ ވެރިޔާ ގަދަމް ޝާހު ޝަހީމް އިސްތިއުފާ ދެއްވި ސަބަބެއް ރިޔާސީ ގަނޑުވަރުން ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ތާލިބާނުން ދިން ވަރުގެ ހަމަލާ އަށް ފަހު އަފްޣާނިސްތާނުގައި ސަލާމަތީ ކަންކަން ބެލެހެއްޓުން ފޭލްވެފައިވާ ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.

ތާލިބާނުން ހަމަލާ ދިން މަޒާރޭ ޝަރީފަކީ އަފްޣާނިސްތާން ސިފައިންގެ 209 ވަނަ ލަޝްކަރު ތިބޭ ސިޓީ އެވެ. އެއީ އަފްޣާނިސްތާނުގެ އުތުރުގައި ސަލާމަތީ ކަންކަން ބަލަހައްޓާ ސިފައިންނެވެ. ޖަރުމަނާއި އެހެން ބައެއް ގައުމުތަކުގެ ސިފައިން ވެސް އެ ސިޓީގައި ތިބެ އެވެ.

ކާބުލްގެ ހޮސްޕިޓަލަކަށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން މިދިޔަ މަހު ދިން ހަމަލާއެއްގައި ވަނީ 50 މީހުން މަރުވެފަ އެވެ.