ޕްރިޔަންކާ "ބޭވޮޗް" ގެ ޝޫޓިން ނިންމާލައިފި
ޕްރިޔަންކާ "ބޭވޮޗް" ގެ ޝޫޓިން ނިންމާލައިފި

ޓީވީ ސިލްސިލާ "ކުއަންޓިކޯ" އިން ހޮލީވުޑް ފަތަހަ ކުރުމަށް ފަހު، ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ސޮއިކުރި ފުރަތަމަ ހޮލީވުޑް ފީޗާ ފިލްމް "ބޭވޮޗް" ގެ ޝޫޓިން ނިންމާލައިފި އެވެ.

ޕްރިޔަންކާ "ބޭވޮޗް" ގެ ޝޫޓިން ނިންމާލައިފި
ޕްރިޔަންކާ "ބޭވޮޗް" ގެ ޝޫޓިން ނިންމާލައިފި

އެމެރިކާގެ ކެލިފޯނިއާ އާއި މަޔާމީ ފަދަ ތަންތަނުގައި މަންޒަރުތައް ނެގި އަދި މިދިޔަ ފެބްރުއަރީގައި ޝޫޓިން ފެށި ފިލްމުގެ ޝޫޓިން ނިންމާލިކަން ޕްރިޔަންކާ ވަނީ ޓްވިޓާގައި ވެސް ހިއްސާކޮށްފަ އެވެ. އޭނާ ބުނީ "ބޭވޮޗް" ގައި މަސައްކަތްކުރީ ވަރަށް ހިތްގައިމު ޓީމެއް ކަމަށެވެ.

ނުވަދިހައިގެ އަހަރުތަކުގައި މަޝްހޫރުވެގެން ދިޔަ ލައިފް ގާޑުންގެ ދިރިއުޅުން ދައްކުވައިދޭ ޓީވީ ސިލްސިލާ "ބޭވޮޗް" އަސްލަކަށް ބަލައިގެން ހަދާފައިވާ ފިލްމުގައި ޕްރިޔަންކާ ކުޅެފައި ވަނީ ވިލަންއެއްގެ ރޯލެވެ. އެހެންވެ އޭނާ ފެނިގެން ދާނީ ގްލެމާ އިން ފުރިގެންވާ ނުފޫޒް ގަދަ ވިކްޓޯރިއާ ލީޑްސް ނަމަކަށް ކިޔާ ކެރެކްޓާއަކުންނެވެ.

"ބޭވޮޗް" އަށް އިންތިޒާރު ކުރާ ނަމަ، ފިލްމުގެ އަންހެން ތަރިން ރަތް ކުލައިގެ ސްވިމިން ސޫޓުން ފެންނާނެ ކަމަށް އުންމީދު ކުރަން ޖެހޭނެ އެވެ. އެހެން ނަމަވެސް ޕްރިޔަންކާ ބުނީ އޭނާ ރަތް ސްވިމިން ސޫޓްގައި ނުފެންނާނެ ކަމަށެވެ.

"އެކަމަކު ފަހަރެއްގައި އެއަށް ވުރެ ބޮޑު ސަޕްރައިޒެއް އޮވެދާނެ،" އޭނާ ބުންޏެވެ.

ސެތު ގޯޑެން ޑައިރެކްޓް ކުރާ "ބޭވޮޗް" ގެ ތަރިންގެ ތެރޭގައި ރޮކްގެ ނަމުން މަޝްހޫރު ޑްވޭން ޖޯންސަން، ޒެކް އެފްރޮން، އެލެގްޒެންޑާ ޑަޑާރިއޯ، އޭޝްލީ ބެންސަން އަދި ނީނާ ޑޮބްރޯވް ފަދަ ތަރިން ހިމެނެ އެވެ.

މީގެ އިތުރުން "ބޭވޮޗް" ސިލްސިލާގައި އެންމެ މުހިއްމު ރޯލެއް ކުޅުނު ޕަމެލާ އެންޑާސަން އާއި ޑޭވިޑް ހެސެލްހޮފް ވެސް ފިލްމުން ފެނިގެން ދާނެ އެވެ.

ޕެރަމައުންޓް ޕިކްޗާސް އިން ޑިސްޓްރިބިއުޓް ކުރާ "ބޭވޮޗް" ސިނަމާތަކަށް އަންނާނީ މެއި 19، 2017 ގަ އެވެ.