25 އެޕްރީލް 2017 - 06:28

ސަލްމާން ޚާންގެ ފިލްމުތައް ސުޕަ-ހިޓް ވަމުން ދިއުމާއެކު އޭނާއަކީ ބޮލީވުޑްގައި މިހާރު އެންމެ ކާމިޔާބު އެކްޓަރަށް ވަނީ ވެފަ އެވެ. ނަމަވެސް ހޮލީވުޑްގައި މަސައްކަތްކުރުމާ ބެހޭ ގޮތުން ސުވާލުކޮށްފި ނަމަ ސަލްމާން ބުނާނީ ނޫނެކޭ އެވެ.
މިވަގުތު ނިއުޒިލެންޑްގައި "ދަ ބަންގް ޓުއާ" ގައި އުޅޭ ސަލްމާން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ބުނީ ހޮލީވުޑަށް ދިއުމުގެ ވިސްނުމެއް މިހާތަނަށް ނެތް ކަމަށެވެ. އޭނާ ބުނީ މަސައްކަތް ކުރަން ގޭން ބޭރަށް ވެސް ދާ ހިތް ނުވާ ކަމަށެވެ.
ބޮލީވުޑް ތަރިންގެ ތެރެއިން ޕްރިޔަންކާ ޗޯޕްރާ އާއި ދީޕިކާ ޕަދުކޯން ފަދަ ތަރިން ހޮލީވުޑް ފިލްމުތައް ކުޅެ މަޝްހޫރުކަން އިތުރުކުރަމުން އަންނައިރު ހަމައެކަނި އިންޑިޔާ ފިލްމުތައް ކުޅެގެން ލިބެމުންދާ ލޯތްބާއި ކާމިޔާބުން ސަލްމާނަށް ފުދެ އެވެ. އެހެންކަމުން ހޮލީވުޑް ފިލްމުތައް ކުޅުމަކީ ސަލްމާންގެ ވިސްނުމުގައި އޮތް ކަމެއް ނޫނެވެ.
ސަލްމާންގެ "ދަބަންގް ޓުއާ"ގައި އޭނާގެ އިތުރުން ބިޕާޝާ ބާސޫ އާއި ޖެކްލީން ފެނާންޑިސް، ސޮނާކްޝީ ސިންހާ، ޕްރަބޫ ދޭވާ، ބާދްޝާހް، ޑެއިޒީ ޝާހް އަދި ތަމަންނާ ބާޓިއާ ބައިވެރިވެ އެވެ.
ފިލްމީ މަސައްކަތުގައި، ސަލްމާން ދެން އެންމެ އަވަހަށް ސްކްރީނުން ފެންނާނީ އަންނަ ކުޑަ އީދު ދުވަހު ރިލީޒްކުރާ "ޓިއުބުލައިޓް" އިންނެވެ. ޗައިނާގެ ބަތަލާ ޒޫ ޒޫ އާ އެކު އޭނާ ކުޅޭ މި ފިލްމުގައި ޝާހްރުކް ޚާންގެ މެހެމާން ރޯލެއް ހިމެނޭ ކަމަށްވެ އެވެ.
ސަލްމާން މިހާރު އަންނަނީ ޑައިރެކްޓަރު އަލީ އައްބާސް ޒަފަރްގެ "ޓައިގާ ޒިންދާ ހޭ" ގެ މަސައްކަތް ކެޓުރީނާ ކައިފާ އެކު ކުރިޔަށް ގެންދަމުންނެވެ.