25 އެޕްރީލް 2017 - 06:29

ބޮލީވުޑްގެ މި ދުވަސްވަރު އެންމެ ގިނައިން އިވެނީ އެކްޓަރުންނަށް ދަރިން ލިބޭ ވާހަކަ އެވެ. ސޯހާ އަލީ ޚާނާއި ކުނާލް ކޭމޫ އަށް ދަރިއަކު ލިބޭކަން އިއުލާން ކުރިތާ މާ ގިނަ ދުވަސްތަކެއް ނުވެ އީޝާ ޑެއޯލް ވެސް ވަނީ ބަނޑުބޮޑުކަން އިއުލާން ކޮށްފަ އެވެ.
މުމްބާއީ މިރާއިން ބުނީ އީޝާއަށް ކުއްޖަކު ލިބޭތީ އީޝާގެ މައިންބަފައިން ކަމަށްވާ ދަރުމެންދުރަ އާއި ހެމާ މާލިނީ ވަރަށް އުފަލުން ތިބި ކަމަށެވެ. ހެމާ އާއި ދަރުމެންދުރަގެ ދެ އަންހެން ދަރިންގެ ތެރެއިން ހަގު އާހަނާ ޑެއޯލް އަށް ވެސް ދާދިފަހުން ވަނީ ފިރިހެން ދަރިއަކު ލިބިފަ އެވެ.
ކުރިން ކައިވެނި ކުރީ އީޝާ އެވެ. ނަމަވެސް ފިލްމީ މަސައްކަތާއި އެނޫންވެސް ބައެއް ކަންތައްތަކާ ހުރެ އީޝާ އެހާ އަވަހަށް ކުއްޖަކު ހޯދަން ބޭނުން ނުވީ އެވެ. އަދި ފަހުން ކޮއްކޮ އާހަނާ ބަލިވެ އިނުމުން އޭނާގެ ހުރިހާ ކަމެއް ވެސް ކޮށްދިނީ އީޝާ އެވެ.
ބަލިވެ އިނުމާ ގުޅިގެން އީޝާ މިހާރު ދިރިއުޅެނީ ޖޫހޫގައި ހުންނަ ހެމާގެ ގޭގަ އެވެ. ހެމާ ވެސް އަވަދިނެތި މިހާރު އުޅެނީ އޭނާގެ ގެއަށް އަލަށް އަންނަ މެހެމާނަށް މަރުހަބާ ކިޔަން ގެ ތައްޔާރުކުރާނެ ގޮތަކާ މެދު ވިސްނުމުގަ އެވެ.
އީޝާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ 2015 ގައި ނުކުތް "ކިލް ދެމް ޔަންގް" އެވެ. އޭގެ ކުރިން މަންމަ ހެމާއާ އެކު 2011 ގައި "ޓެލް މީ އޯ ޚުދާ" ކިޔާ ފިލްމެއް ކުޅުނެވެ. އީޝާގެ ފިރިމީހާ އާ ބައްދަލުވީ މި ފިލްމުގެ ޝޫޓިންގެ ދުވަސްވަރު އެވެ. އަދި 2012 ގައި ކައިވެނި ކުރީ އެވެ.