17 ޖޫން 2016 - 12:15

ގުޖުރާތު (ޖޫން 17) - އިންޑިއާގެ ގުޖުރާތު ސްޓޭޓުގައި 2002 ވަނަ އަހަރު މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ކުށްވެރިވި 11 މީހަކު އުމުރަށް ޖަލަށްލުމަށް މިއަދު ހުކުމްކޮށްފި އެވެ.

މީގެ 14 އަހަރު ކުރިން މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކާ ގުޅިގެން 24 މީހަކު ކުށްވެރިވާ ކަމަށް ދިއްލީގެ ކޯޓަކުން ނިންމީ މި މަހު 2 ވަނަ ދުވަހު އެވެ. މި 24 މީހުންގެ ތެރޭން 11 މީހަކު އުމުރަށް ޖަލަށްލާން ހުކުމްކުރި އިރު 12 މީހުން ހަތް އަހަރަށް އަދި އެކަކު ވަނީ 10 އަހަރަށް ޖަލަށްލާން ހުކުމްކޮށްފަ އެވެ.
މުސްލިމުންނާ ދެކޮޅަށް 2002 ވަނަ އަހަރު ހަމަނުޖެހުން ހިންގާ އެތައް ބަޔަކު މެރި އިރު އެ ސްޓޭޓުގެ ޗީފް މިނިސްޓަރަކަށް ހުންނެވީ އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ އެވެ.
އަހުމަދު އާބާދުގެ އާއްމުން ދިރިއުޅޭ އިމާރާތެއްގައި ހިމާޔަތް ހޯދައިގެން ތިބި މުސްލިމުންގެ 69 މީހުން މެރި މައްސަލާގައި 36 މީހަކު ކުށްވެރި ނުވާ ކަމަށް ފަނޑިޔާރު ޕީބީ ދެސާއީ މި މަހު 2 ވަނަ ދުވަހު އިއްވެވި ހުކުމުގައިވެ އެވެ.
ގުޖުރާތުގެ އެކި ހަމަނުޖެހުންތަކުގައި ވަނީ ހާހަކަށް ވުރެ ގިނަ މީހުން މަރުވެފަ އެވެ. މީގެ ތެރޭން ގިނައީ މުސްލިމުންނެވެ. ހަމަނުޖެހުންތައް ހިންގަމުން ދިޔަ އިރު ޗީފް މިނިސްޓަރެއްގެ ހައިސިއްޔަތުން މޯދީ އެކަމާ އަޅާ ނުލެއްވުމުން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ.
ގުޖުރާތު ހަމަނުޖެހުމުގައި މަރުވި މުސްލިމް ސިޔާސީ އިސް މެންބަރު އަދި ކޮންގްރެސް ޕާޓީގެ ކުރީގެ އެމްޕީއެއް ކަމަށްވާ އިހްސާން ޖަފްރީގެ އަންހެނުން ޒާކިއާ ޖަފްރީ ބުނީ ހަމަނުޖެހުން ބޮޑުވުމުން އޭނާގެ ފިރިމީހާ ވަނީ މޯދީގެ އެހީތެރި ކަމަށް އެދިފައި ކަމަށާއި ނަމަވެސް މޯދީގެ ފަރާތުން އެހީތެރި ކަމެއް ލިބިފައި ނުވާ ކަމަށެވެ.
ގުޖުރާތުގެ ހަމަނުޖެހުންތައް ފެށުނީ ފެބްރުއަރީ 27، 2002 ގައި ރޭލެއްގައި އަލިފާން ރޯވެ ހިންދޫންގެ 59 މީހުން މަރުވުމާ ގުޅިގެންނެވެ. އެކަން ކުރީ މުސްލިމުން ކަމަށް ބުނެ މުސްލިމުންގެ ކިބައިން ބަދަލު ހިފަން ހިންދޫން ހިންގި އަމަލުތައް ވެގެން ދިޔައީ 1947 ވަނަ އަހަރު އިންޑިއާ މިނިވަންވި ފަހުން އެ ގައުމުގައި ހިންގި އެންމެ ބޮޑު ދީނީ ހަމަނުޖެހުމަށެވެ. މި ހަމަނުޖެހުންތަކުގައި މިހާރު ވެސް ވަނީ 100 މީހަކު ކުށްވެރިވާ ކަމަށް ހުކުމްކޮށްފަ އެވެ.