24 އެޕްރީލް 2017 - 12:02

ހަށިގަނޑުގެ 14 ތަނަކަށް ހަމަލާދީ މަރާލި ޔާމީން ރަޝީދަށް އެކި މީހުން ދިން މަރުގެ އިންޒާރުތައް ފުލުހުންނަށް ހުށަހެޅުމުން އެ މައްސަލަތައް ނުބެލި ކަމުގެ ކަންބޮޑުވުން ޔާމީން އެ ޖަމިއްޔާއާ ހިއްސާކޮށްފައިވާ ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން މިއަދު ބުނެފި އެވެ.
އެ ޖަމިއްޔާ އިން ނެރުނު ބަޔާނެއްގައި ބުނީ ޔާމީން މަރާލީ އެކި ފަރާތްތަކުން އޭނާ އަށް ތަކުރާރުކޮށް އިންޒާރު ދީފައި ވަނިކޮށް ކަމަށެވެ. އެ މައްސަލަތައް ނުބެލި ކަމަށް ސޯޝަލް މީޑިއާގައި ބުނުމުގެ އިތުރުން ޓްރާންސްޕޭރަންސީ އަށް ވެސް އެކަން ހުށަހަޅާފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.
"މި ހަމަލާތަކަކީ ސީދާ މިނިވަން ހިޔާލާ ދެކޮޅަށް ދެވޭ ހަމަލާތަކެއް ކަމުގައި ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ގަބޫލުކުރަމެވެ. އަދި ކުރީގައި ދެވިފައިވާ މިފަދަ ހަމަލާތަކުގެ ހަގީގަތް މިހާތަނަށް ހޯދިފައި ނުވާކަމީ ދައުލަތުން މިފަދަ ކަންކަމަށް ދޭ އަހައްމިއްޔަތުގެ ހީނަރުކަން ދައްކުވައި ދޭ ކަމެއް ކަމުގައި ވެސް ދެކެމެވެ،" އެ ބަޔާނުގައިވެ އެވެ.
ޔާމީނާ ހަވާލާދީ ޓްރާންސްޕޭރަންސީން އެހެން ބުނި ނަމަވެސް ފުލުހުން ބުނެފައި ވަނީ ޔާމީން ހުށަހެޅި މައްސަލަތައް ބަލައި ބަޔަކާ ސުވާލު ވެސް ކުރި ކަމަށެވެ. އެކަމަކު މައްސަލަތަކުގައި އަޅާފައިވާ ފިޔަވަޅެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
ޓްރާންސްޕޭރަންސީން ބުނި ގޮތުގައި މިފަދަ މައްސަލަތަކުގައި އިންސާފު ގާއިމްނުވުމަކީ އަނިޔާވެރި ޖަރީމާތައް ހިންގާ ފަރާތްތަކަށް ލިބޭ ހިތްވަރެކެވެ. ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމާއި ނޫސްވެރިޔާ އަހްމަދު ރިލްވާން ގެއްލުވާލުމުގެ ފަހަތުގައި ތިބި މީހުން ވެސް ހޯދިފައި ނުވާ ކަން އެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
"މިފަދަ ގަތުލުތަކުގެ ހަގީގަތް ހާމަނުވާ ހިނދަކު ދިވެހިރާއްޖޭގައި އިންސާފު ގާއިމްކުރެވިދާނެ ކަމީ ސުވާލު އުފެދޭ ކަމެކެވެ. ހަމަޖެހޭ، އިންސާފުވެރި މުޖުތަމައުއެއް ހޯދައިދެވޭނީ ދައުލަތުން ވަކިވަކި ފަރުދުންގެ ހައްގު ހިމާޔަތްކުރެވޭނެ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިގެންނެވެ،" ބަޔާނުގައިވެ އެވެ.
ޔާމީންގެ މަރު ފުރިހަމަ އަށް ތަހުގީގުކޮށް، އެކަމުގެ ފަހަތުގައިވާ ބަޔަކާއި ސަބަބު ހާމަކުރަން ޓްރާންސްޕޭރަންސީ މޯލްޑިވްސް އިން ވަނީ ގޮވާލައިފަ އެވެ.
ޔާމީންގެ މަރަށް 24 ގަޑިއިރުވިއިރު އެ ގަތުލާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަން ފުލުހުން އާއްމުކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނެފައި ވަނީ، ހާއްސަ ތަހުގީގު ޓީމަކުން ސީރިިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށެވެ.