ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!
ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!

ގަލޮޅު ދަނޑުން ސަޕޯޓަރުން ހުސްވާން ފެށީ ކުއްލިއަކަށް ނޫނެވެ. ފުރިބާރުވެފައި އޮތް ދަނޑުން ސަޕޯޓަރުން މަދުވަމުން ދިޔައީ، އަހަރެމެން އެންމެންގެ ކުރިމަތީގައި އަހަރެމެން އެންމެން އެލާޓްކުރަމުންނެވެ. އެކަމަކު އެކަމަށް ހައްލެއް ނުހޯދައި ތިއްބާ ދަނޑު މިހާރު ވަނީ އެއްކޮށް ހުސްވެފަ އެވެ. މަޝްހޫރު ކުޅުންތެރިންނާއި ސަޕޯޓަރުން ވެސް ގިނަ ކްލަބްތައް ކުޅޭއިރު ދަނޑަށް ވަދެ ތިބެނީ ސަތޭކައެއްހާ ސަޕޯޓަރުންނެވެ. ބައެއް ދުވަސްތަކުގައި ނިސްބަތުން ސަޕޯޓަރުންނަށް ވުރެ ދަނޑުގައި ނޫސްވެރިން ވެސް މާ ގިނަ އެވެ. ގައުމީ ޓީމު ކުޅޭ މެޗުތަކަށް ވެސް ވަންނަ ސަޕޯޓަރުންގެ އަދަދު މިވަނީ ވަރަށް ބޮޑަށް މަދުވެފަ އެވެ. މިއީ މިވަގުތު ދިވެހި ފުޓްބޯޅައަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައެވެ. ކުޅިބަލާނެ ބަޔަކު ނެތިއްޔާ ފުޓްބޯޅައިގެ އެއްވެސް އަމާޒެއް ނޯންނާނެ އެވެ. ފުޓްބޯޅަ ވަށައި އެނބުރެނީ ސަޕޯޓަރުންގެ ތެރޭގަ އެވެ.

ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!
ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!

ހަވީރު 4 ޖަހާއިރު ފަށާ މެޗު ބަލަން، މެންދުރު 2 ޖަހާއިރު ދަނޑަށް ސަޕޯޓަރުން ވަން ދުވަސްވަރު މާޒީވެއްޖެ އެވެ. ސަޕޯޓަރުންގެ އަދަދު މަދުވާން ފެށީ 2000ގެ އަހަރުތަކާ ހަމައިންނެވެ. އެކަމަކު އޭރު ވެސް ބޮޑު ދެ ޓީމު ކުޅޭ މެޗުތަކާއި ފައިނަލް މެޗުތަކަށް ދަނޑު އޮންނަނީ ފުރިބާރުވެފަ އެވެ. އޭގެ ފަހުން 2007 ވަނަ އަހަރުން ފެށިގެން ސަޕޯޓަރުންގެ އަދަދު ވަރަށް ބޮޑަށް މަދުވާން ފެށި އެވެ. އޭގެ ހެއްކަކީ 2012 ވަނަ އަހަރުގެ ގައުމީ ފައިނަލުގައި ނިއު ރޭޑިއަންޓާއި ވިކްޓަރީ ކުޅުނު މެޗަށް ދަނޑަށް ވަން ސަޕޯޓަރުންގެ އަދަދު މަދުވުމެވެ. މިދިޔަ ފަސް އަހަރަށް ބަލާއިރު ކްލަބް މެޗަކަށް ދަނޑު ފުރުނީ 2013 ވަނަ އަހަރުގެ އޭއެފްސީ ކަޕުގެ ކުއާޓާ ފައިނަލުގައި ނިއު އާއި ކުވޭތުގެ ކުވޭތު ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި އެކަންޏެވެ. އޭގެ ފަހުން މިދިޔަ އަހަރު ބޭއްވި ޕީޕަލްސް ކަޕުގެ މެޗުތަކަށް ކުރިއަށް ވުރެ ގިނައިން ސަޕޯޓަރުން ވަނެވެ.

ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!
ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!

ކްލަބް ފުޓްބޯޅަ ދެކެ ސަޕޯޓަރުން "ފޫހިވި" ނަމަވެސް ގައުމީ ޓީމުގެ މެޗު ބަލަން ސަޕޯޓަރުން މިހާތަނަށް ވެސް އައީ ދަނޑަށް ވަންނަމުންނެވެ. އެކަމަކު ވޯލްޑް ކަޕް ކޮލިފައިންގައި މި ދެ އަހަރު ގައުމީ ޓީމު ކުޅުނު މެޗުތަކަށް ހަމައެކަނި ދަަނޑު ނުފުރެނީ އެއް ނޫނެވެ. ވަދެފައިވަނީ ވަރަށް މަދު އަދަދެއްގެ ސަޕޯޓަރުންނެވެ. އެހެންކަމުން ސަޕޯޓަރުން ނުވަނުމުގެ މައްސަލަ މިހާރު އޮތީ ކަރުތާ ފެނުގައި ކަމަށް ގަބޫލުކުރަން ޖެހެ އެވެ.

ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!
ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!

ދަނޑަށް މީހުން ވަނުން މަދުވި އެންމެ ބޮޑު އެއް ސަބަބަކީ ޖެނެރޭޝަނެއް ގެޕެއް އައުން ކަމަށް ގަބޫލުކުރަން ޖެހެ އެވެ. އަށްޑިހައިގެ އަހަރުތަކުން ފެށިގެން ނުވަދިހައިގެ ތެރޭގައި، ސްކޫލް ދަރިވަރުންގެ މެދުގައި ވެސް ދިވެހި ފުޓްބޯޅައިގެ ވާހަކަ އަބަދުދެކެވެ އެވެ. އެކަމަކު އޭގެ ފަހުން އައި ޖީލަށް، ޔޫރަޕުގެ ފުޓްބޯޅައިގެ ފޯރިގަދަވެ ދިވެހި ފުޓްބޯޅައިގެ ފޯރި ކެނޑުނެވެ. ޒުވާނުންގެ ތެރޭގައި ވެސް މުނިފޫހިފިލުވާނެ އެހެން ގިނަ ކަންކަން ތައާރަފްވެއްޖެ އެވެ. ކުޑަކުދިންނާއި ޒުވާނުންގެ ޝައުގު ދިވެހި ފުޓްބޯޅާއަށް ގެއްލުނު އެނޫން ވެސް ގިނަ ސަބަބުތައް އެބަހުއްޓެވެ. އެހެންކަމުން ދަނޑަށް އަލުން ކުޅިބަލާ މީހުން ވެއްދުމުގެ މަސައްކަތް ފަށަން ޖެހޭނީ ވެސް ކުޑަކުދިންގެ ޝައުގު އުފައްދައިގެން ކަމަށް ގަބޫލުކުރެވެ އެވެ.

ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!
ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!

"ކިތަންމެ ބޮޑަށް އިޝްތިހާރުކުރިޔަސް، މިހާރު ދެން ދަނޑަށް މާގިނަ ބަޔަކު ވެއްދިދާނެ ކަމަށް ގަބޫލެއް ނުކުރެވޭ. އެކަމަށް ބޭނުންވަނީ ދާއިމީ ހައްލެއް. އެހެންވެއްޖެއްޔާ މިހާރުގެ ޖީލުގެ ކުދިންގެ ތެރޭގައި ދިވެހި ފުޓްބޯޅައިގެ ޝައުގުވެރިކަން އުފައްދަން ޖެހޭ. އޭރުން ދިވެހި ފުޓްބޯޅައިގެ ސަޕޯޓަރުންގެ އާ ޖީލެއް އަނެއްކާ ވެސް އުފެދިގެން ދާނީ،" ކުޅިވަރު ނޫސްވެރިއަކު ހިޔާލު ދިނެވެ.

ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!
ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް ވެސް ވިދާޅުވީ އެފްއޭއެމުން ވިސްނަނީ ދާއިމީ ހައްލަކަށް ކަމަށެވެ.

ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!
ގަލޮޅު ދަނޑު ފަޅުވެއްޖެ، މިކަމަށް ހައްލެއް ބޭނުންވޭ!

"ކުރު މުއްދަތުގެ ކަންކަން ކޮށްގެން އެކަން ކާމިޔާބުނުވެ އަނެއްކާ ވެސް އިތުރު ފާޑުކިޔުން އަމާޒުވާނީ. އަޅުގަނޑުމެން މި އަންނަނީ ދިގު މުއްދަތުގެ ޕްލޭނަކަށް މަސައްކަތްކުރަމުން. އެކަމުގެ މަޝްވަރާތައް އަންނަނީ ކުރެވެމުން،" ބައްސާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފީފާގެ ލަފާ މިކަމުގައި ވަރަށް ބޮޑަށް ހޯދާނެ ކަމަށާއި ފީފާ އިން މިހާރު ވެސް ހިޔާލުތަކެއް ދީފައިވާ ކަމަށެވެ. އެއީ މިހާރަށް ވުރެ ފުޅާކޮށް ދިވެހި ފުޓްބޯޅަ މާކެޓްކުރުމާއި ކްލަބްތައް ވެސް ހާއްސަ ސަރަހައްދުތަކަށް ނިސްބަތްވެ، އެ ސަރަހައްދުގައި، ސަޕޯޓަރުންގެ ހަރަކާތްތައް ފުޅާކުރުމެވެ.

ދިވެހި ފުޓްބޯޅައިގައި އެންމެ ސަޕޯޓަރުން ގިނަ ތިން ކްލަބް ކަމަށްވާ ނިއު ރޭޑިއަންޓާއި ވިކްޓަރީ އާއި ވެލެންސިއާ އަކީ މާލޭގެ ތިން އަވަށަކަށް ނިސްބަތްވާ ކްލަބްތަކެވެ. ސަޕޯޓަރުން ދަނޑަށް ވަނުން އެންމެ މަދުވި އެއް ސަބަބަކީ ވެސް މި ތިން ކްލަބް އަޑިއަޅާލުމާއި، އަވަށު ވާދަވެރިކަން ނެތިދިއުމެވެ.

ދެހާހުގެ އަހަރުތަކުގެ މެދަކާ ހަމަޔަށް އައިއިރު ވެސް ދިވެހި ފުޓްބޯޅައިގެ އެންމެ އުހުގައި މި ތިން ކްލަބް އޮވެ އަދި އޭރު އަވަށު ވާދަވެރިކަން އޮތުމާ އެކު، ދަނޑު އޮންނަނީ ފުރިފަ އެވެ. އެންމެ ފަހުން ވިކްޓަރީން 2002 ވަނަ އަހަރު ގައުމީ ތަށި މިލްކުކުރަން ފައިނަލަށް ނުކުތްއިރު ވެސް މުޅި ގަލޮޅުގައި އޮތީ ރަތް ކުލައިން ޖަރީކޮށްފަ އެވެ. ދެހާހުގެ އަހަރުތަކުގެ މެދަކާ ހަމައިން ކޮންމެވެސް ދެ ކްލަބެއް ނުވަތަ އެއް ކްލަބް އޮންނަނީ އަޑިއަޅާފަ އެވެ. އެގޮތުން މިދިޔަ އަހަރުތަކުގައި ނިއު ވަރުގަދަކޮށް ފެނުނުއިރު ވެލެންސިއާ އާއި ވިކްޓަރީ އޮތީ ވަރަށް ދަށުގަ އެވެ. މިހާރު ވެލެންސިއާ ކުރިއަށް ވުރެ ވަރުގަދަވެދައިވާއިރު ނިއު އާއި ވިކްޓަރީ އޮތީ ނިކަމެތިވެފަ އެވެ. އެހެންވެ ސަޕޯޓަރުންގެ ތެރޭގައި ވެސް ވާދަވެރިކަން ވަނީ ވަރަށް ބޮޑަށް ގެއްލިފަ އެވެ. ނިއު ކޮންމެ ހާލަތެއްގައި އޮތަސް ކުރިން ފުރިފައި އޮންނަ މަޝްހޫރު ކެރެލާ ސިޑިބަރި (މަޖީދީމަގާވީ ފަޅި) ވެސް މިހާރު އޮންނަނީ ފަޅުވެފަ އެވެ.

މިދިޔަ 10 އަހަރަށް ބަލާއިރު، ބޮޑު ކްލަބާ އެންމެ ވާދަވެރިކޮށް ފެންނަނީ އާ ކްލަބްތަކެވެ. އެގޮތުން 2007 އިން ފެށިގެން 2011 ގެ ނިޔަލަށް ދިވެހި ފުޓްބޯޅައިގެ އެންމެ ކުރީގައި ވީބީ ސްޕޯޓްސްް އޮތްއިރު އޭގެ ފަހުން ފެންނަނީ މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނެވެ. އަދި ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް މިހާރު ކިޔަން ޖެހޭނީ ބޮޑު ކްލަބްތަކުގެ ތެރޭގަ އެވެ. ނަން މަޝްހޫރު ކުޅުންތެރިން އެ ކްލަބްތަކުގައި ގިނަ އެވެ. މި ކްލަބްތަކަކީ، އަނެއް ތިން ކްލަބާ ބަލާއިރު ސަޕޯޓަރުން މަދު ކްލަބްތަކެވެ. އެހެންކަމުން، އާ ކްލަބްތައް ފުޓްބޯޅައިގެ އުހަށް އަރަން މަސައްކަތްކުރާއިރު ސަޕޯޓަރުން އުފެއްދުމަކީ ވެސް ކުރަން ޖެހޭ ކަމެކެވެ.

"ކްލަބްތަކުގެ ޒިންމާ މިކަމުގައި ވަރަށް ބޮޑު،" ބައްސާމް ވެސް އެކަން ފާހަގަކުރެއްވި އެވެ.

މާޒިޔާ އާއި އީގަލްސް އަކީ މާފަންނުގެ ކްލަބަކަށް އަދި ޓީސީ އަކީ ހެންވޭރުގެ ކްލަބަކަށްވީ ނަމަވެސް، ގަބޫލުކުރަން ޖެހޭ ހަގީގަތަކީ އަވަށު ލޯބީގައި ނުވަތަ ވާދަވެރިކަމުގައި ސަޕޯޓަރުން ނުވަންނާނެ ކަމެކެވެ. އެހެންކަމުން އެހެން ގޮތްގޮތުން ކްލަބަށް ސަޕޯޓް އިތުރުކުރުމަކީ އެ ކްލަބްތައް ކުރަން ޖެހޭ ކަމެކެވެ.

ރާއްޖޭގެ ކްލަބްތަކުގެ ސަޕޯޓާސް ގްރޫޕްތައް ނެތުމަކީ ވެސް ސަޕޯޓަރުންގެ ތެރޭގައި ފޯރިނުހިފާ އެއް ސަބަބެވެ. ދުނިޔޭގެ ބޮޑެތި ކްލަބްތަކުގެ ސަޕޯޓަރުންގެ ގްރޫޕްތައް އޮންނައިރު ދަނޑަށް ސަޕޯޓަރުން ވެއްދުމުގެ އިތުރުން ތަފާތު ހަރަކާތްތައް ރާވަ އެވެ. ރާއްޖޭގައި ނުރަސްމީކޮށް ނަމަވެސް އެފަދަ ގްރޫޕެއް އޮތީ ނިއުގަ އެވެ. އެކަމަކު އެ ކްލަބުގެ އިސް ސަޕޯޓަރުން ވެސް މިހާރު ފެންނަނީ ކްލަބުގެ ބެންޗުންނެވެ. ނުވަތަ ތިބީ އެގްޒެކެޓިވް ބޯޑުގަ އެވެ. މާޒިޔާ އާއި ޓީސީ އަދި އީގަލްސް އަށް ބެލި ނަމަވެސް އެ ކްލަބްތަކުގެ އިސް ހަރަކާތްތެރިން ތިބީ ކްލަބްތައް ހިންގުމުގަ އެވެ. ސަޕޯޓަރުންގެ ރޫހު ދަމަހައްޓާނެ މީހަކު ފެންނާކަށް ނެތެވެ.

ސަޕޯޓަރުން ނުވަނުމުގެ ސަބަބުން ކްލަބްތަކާއި އެފްއޭއެމަށް ވެސް ސްޕޮންސަރުން ހޯދުމަށް ވެސް އުނދަގޫވާނެ އެވެ. އަދި ދަނޑުގައި ބަޔަކު ނެތި ކުޅެން ޖެހުމުން ކުޅުންތެރިންގެ ރޫހު ގެއްލި އެންމެ މަތީ ފެންވަރުގެ ކުޅުން ދެއްކުމަށް ހުރަސް އެޅެ އެވެ.

ސަޕޯޓަރުން ނުވަނުމުގެ މައްސަލަ ރާއްޖޭގެ އިތުރުން އޭޝިއާގެ ގިނަ ގައުމުތަކުގައި ވަނީ ދިމާވެފަ އެވެ. އޭގެ ތެރެއިން އެއް ގައުމަކީ އިންޑިއާ އެވެ. ފުޓްބޯޅައިގެ ތާއީދު ބޮޑު ސިޓީތަކުގައި ވެސް އައި-ލީގު މެޗުތައް ބެލުމަށް މާގިނަ ބަޔަކު ނުވަދެ އެވެ. އެކަމަކު އެ ގައުމުން އަލަށް ފެށި ސުޕަ ލީގުގައި މި މަންޒަރު ތަފާތެވެ. ކީއްވެ ހެއްޔެވެ؟

އެންމެ ބޮޑު އެއް ސަބަބަކީ، ލީގަށް ސީދާ ޒުވާނުންގެ ޝައުގު ހޯދުމަށް ބޮޑު މަސައްކަތެއް ކޮށްފައިވުމެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް މާކެޓްކުރުމާއި ބިދޭސީ މަޝްހޫރު ކުޅުންތެރިން ގެނައުމެވެ. މީގެ އިތުރުން ވަކި ސްޓޭޓްތަކަށް ކްލަބްތައް ސީދާ ނިސްބަތްކޮށްފައިވުމުން އެ ވާދަވެރިކަން ބޮޑުވުމެވެ.

ކިތަންމެ އުނދަގޫ ކަމަކަށް ވިޔަސް، ދިވެހި ޕްރިމިއާ ލީގުގެ ތެރެއަށް ރަށްރަށުގެ ނުވަތަ އަތޮޅުތަކުގެ ކްލަބްތައް ވައްދައި ހޯމް އެންޑް އަވޭ އުސޫލު ތައާރަފްކުރަން މުހިއްމެވެ. އޭރުން އެ ވާދަވެރިކަން ބޮޑުވެ ސަޕޯޓަރުން ޔަގީނުން ވެސް ގިނަ ވާނެ އެވެ.

ސޯޝަލް މީޑިއާގެ ތެރޭގައި މުޅި އާބާދީ، ހާއްސަކޮށް ޒުވާނުން އެނބުރޭއިރު، އެ ވަސީލަތް މެދުވެރިކޮށް ފުޓްބޯޅަ މާކެޓްކޮށްގެން ނޫނީ ޒުވާނުންގެ ޝައުގު ދަމައިގަންނަން ވަރަށް އުނދަގޫވާނެ އެވެ. ފޭސްބުކާއި ޓްވިޓާ އަދި ތަފާތު އެޕްލިކޭޝަންސް މެދުވެރިކޮށް ފުޓްބޯޅަ މާކެޓްކޮށް އޭގެ ތެރޭގައި ޒުވާނުން އިންޓަރެކްޓްކުރެވޭނެ ގޮތް ހަދަން އެބަޖެހެ އެވެ. އެއީ މާބޮޑު ހަރަދެއް ނުކޮށް ކުރެވެން ހުރި ކަންކަމެވެ. މާލެ ވަށައި ޕިކަޕެއްގައި މެޗު އޮންނަ ވާހަކަ ގޮވިޔަސް، މިޒަމާނުގައި ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެ އެވެ. ހަގީގަތަކީ އެކަން ވެސް ނުކުރެވޭ ކަމެވެ.

ރާއްޖޭ ކްލަބްތަކުން ސީޒަނެއްގެ ތެރޭގައި ހަޔެއްކަ ބިދޭސީ ކުޅުންތެރިން ގެނެ އެވެ. ފެންވަރު ނެތިގެން ގިނަ ކުޅުންތެރިން ޖެހެނީ ފޮނުވާލާށެވެ. އޭގެ ބަދަލުގައި މަޝްހޫރު، މޮޅު އެއް ކުޅުންތެރިޔަކަށް ނުވަތަ ދެ ކުޅުންތެރިޔަކު ގެނެސްގެން ވެސް ސަޕޯޓަރުންގެ ޝައުގުވެރިކަން އިތުރުކުރެވިދާނެ އެވެ. އިނގިރޭސި ޕްރިމިއާ ލީގާއި އެމެރިކާ މޭޖާ ލީގު އަދި ޖަޕާން ލީގު ވެސް ޕްރޮމޯޓްކުރުމަށްޓަކައި، އެންމެ ފުރަތަމަ ކުރަން ފެށި ކަމަކީ ރިޓަޔާކުރަން ކައިރިވެފައި ތިބި މަޝްހޫރު ކުޅުންތެރިން ގެނައުމެވެ. ރާއްޖޭގެ ފެންވަރުން، ވެސް ގެނެވިދާނެ އެފަދަ ކުޅުންތެރިން ތިބޭނެ އެވެ.

މީގެ އިތުރުން މެޗުތައް ހަފުތާ ބަންދަށް ބަދަލުކޮށް، ގިނަ ބަޔަކަށް ފަސޭހަ ގަޑިތަކެއްގައި މެޗު ކުޅެން ރޭވުން މުހިއްމެވެ. ކޮންމެ ދެ މެޗަކަށް ފަހު ބޮޑު ބްރޭކެއް އަންނަ ނަމަ މީހުން ފޫހިވާނެ އެވެ. އޭގެ ބަދަލުގައި ސީޒަން ކަލަންޑަރު ރަނގަޅަށް އެކުލަވާލައި، ދިވެހިންގެ ޝައުގާ ގުޅޭ ފަދަ ގޮތަކަށް، ޓެކްނިކަލީ ވެސް ފައިދާވާނެ ގޮތަކަށް މުބާރާތްތަކާއި ލީގު ރާވަން ޖެހެ އެވެ. ޕީޕަލްސް ކަޕަކީ އޭގެ ހެއްކެކެވެ. ގަލޮޅު ދަނޑަކީ، އާއިލާއަށް އެކުގައި ވަދެވޭ މާހައުލަކަށް ބަދަލުކުރުން ވެސް މުހިއްމެވެ.

ސަޕޯޓަރުންގެ ހަމަނުޖެހުމާ ހެދި، 2006 ވަނަ އަހަރުގެ ގައުމީ މުބާރާތުގެ ސެމީ ފައިނަލުގައި ނިއު އާއި ވިކްޓަރީ ބައްދަލުކުރި މެޗު ކުޅުނީ ސަޕޯޓަރުން ނުވައްދައި ދަނޑު ތަޅުލައިގެންނެވެ. ހުސް ދަނޑެއްގައި ކުޅެން ޖެހުމުން އޭރު އެކަން ވަރަށް އޮޑު ކަމަކަށްވި އެވެ. އެކަމަކު މިހާރު ލީގުގެ ކޮންމެ މެޗެއް ވެސް ހީވަނީ ދަނޑު ތަޅުލައިގެން ކުޅޭ މެޗެއް ހެންނެވެ. މިއީ ދިވެހިންގެ ލެޔާ ގުޅިގައިވާ ފުޓްބޯޅައިގެ ތެރެއިން ފެންނަން ބޭނުންވާ މަންޒަރެއް ނޫނެވެ.