އީރާން ނުވަތަ ޔަމަނުގެ ހޫތީ ހަނގުރާމަވެރިންގެ ފަރާތުން ދެކޮޅުވެރިކަމުގެ އިތުރު އަމަލެއް ނުފެންނަ ނަމަ، އީރާނަށް އަލުން ހަމަލާ ދިނުން މަޑުޖައްސާލުމަށް ވިސްނަވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އެ މަނިކުފާނުގެ އިސް މުޝީރުންނަށް އަންގަވައިފި އެވެ.

މިކަމާ ގުޅޭ މައުލޫމާތު އެނގޭ ތިން ފަރާތަކާ ހަވާލާދީ "ރޮއިޓާސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހު އިޒްރޭލާ ގުޅިގެން ޓްރަމްޕް ފެއްޓެވި މި ހަނގުރާމަ ނިންމަވާލައްވާނެ ވަކި ގޮތެއް އަދި މުޅިން ނުނިންމަވަ އެވެ. ނަމަވެސް ގައުމީ ސަލާމަތާ ބެހޭ މުޝީރުންނާ އެކު ބޭއްވެވި ބައްދަލުވުންތަކާއި އިންޓެލިޖެންސް ބްރީފިންތަކަށް ފަހު، ހަމަލާތައް މަޑުޖައްސާލުމަށް ވިސްނަވާ ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފަ އެވެ.

މެދުއިރުމަތީގައި އޮތް އެމެރިކާގެ އެކުވެރި ގައުމުތަކުން ވެސް ވަނީ ފުރިހަމަ ހަނގުރާމައަކަށް އަލުން ނުދިއުމަށް ޓްރަމްޕަށް ބާރުއަޅާފަ އެވެ. އެގޮތުން މިދިޔަ ދެ ހަފުތާގެ ތެރޭގައި ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާނާ ފޯނުން ގުޅުއްވައި ޓްރަމްޕް މަޝްވަރާ ކުރެއްވި އިރު، އެ ދެ ބޭފުޅުން ވެސް ވަނީ އީރާނަށް ހަމަލާ ނުދިނުމަށް އެދިވަޑައިގެންފަ އެވެ.

މިދިޔަ އޮކްޓޯބަރު 31 ވަނަ ދުވަހު ވަލީއަހުދު މުހައްމަދާ  އެކު ދެއްކެވި ވާހަކާގައި، އެމެރިކާގެ އިންތިހާބަށް ފަހު އީރާނަށް ހަމަލާ ދެއްވަން ރާއްވަވާ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް، އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުން ނަތީޖާ ނުކުންނަމުންދާ ކަމަށް ވިދާޅުވެ ހަމަލާ ނުދިނުމަށް މުހައްމަދު އެދިވަޑައިގަތެވެ. ނަމަވެސް އިޒްރޭލުގެ އޮފިޝަލުން އަދިވެސް ގެންދަނީ އީރާނާ ދެކޮޅަށް އާ އަސްކަރީ ކެމްޕޭނެއް ފެށުމަށް ވޮޝިންޓަނަށް ބާރުއަޅަމުންނެވެ.

އެމެރިކާގެ އިންޓެލިޖެންސް އިދާރާތަކުން ލަފާކުރާ ގޮތުގައި، ކަނޑުގެ މަގުތައް ބަންދުކުރުމާއި އިގްތިސާދީ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ އިގްތިސާދަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. އަދި އަލުން ހަމަލާ ދިން ނަމަވެސް، މަޝްވަރާތަކުގައި އީރާނުން ހުށަހަޅާ ޝަރުތުތަކަށް މާ ބޮޑު ބަދަލެއް ނާންނާނެ ކަމަށް އިންޓެލިޖެންސް ރިޕޯޓްތަކުގައިވެ އެވެ. މީގެ އިތުރުން އެމެރިކާގެ އަސްކަރީ ހަތިޔާރުގެ ސްޓޮކް ވަރަށް ބޮޑަށް ދަށްވެފައިވާ ކަމުގެ މައުލޫމާތު ވެސް ޓްރަމްޕަށް ވަނީ އަރުވާފަ އެވެ.

ނަމަވެސް ވައިޓް ހައުސްގެ އޮފިޝަލަކު ވިދާޅުވީ އެމެރިކާގެ ސްޓްރެޓެޖިކް ލަނޑުދަނޑިތައް ހާސިލްކުރެވޭ ވަރަށް އަސްކަރިއްޔާގައި ހަތިޔާރާއި ވަޒަން އެބަހުރި ކަމަށެވެ.

މި ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާ އިރު، އެމެރިކާގެ އާންމުންގެ މެދުގައި ވެސް މި ހަނގުރާމައަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ކުޑަވެފަ އެވެ. މި މަހުގެ ތިން ވަނަ ދުވަހު ބޭއްވި އެމެރިކާގެ މިޑްޓާމް އިންތިހާބުގައި ޓްރަމްޕްގެ ރިޕަބްލިކަން ޕާޓީއަށް ކޮންގްރެސްގެ އަޣުލަބިއްޔަތު ގެއްލުނު އެއް ސަބަބަކީ މި ހަނގުރާމަ ކަމަށް ނައިބު ރައީސް ޖޭޑީ ވެންސް ވެސް ވަނީ ވިދާޅުވެފަ އެވެ. -- ރޮއިޓާސް