ފުރައްސާރަކުރުމާއި ޣީބަބުނުމާއި ދޮގުހެދުމުގެ ނުބައި ސިފަތަކުން ދިވެހި މުޖުތަމައު ތާހިރުކޮށް އެކަކު އަނެއްކަކަށް އިހްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ އެދިވަޑައިގެންފި އެވެ.
ރައީސްގެ އިސްނެންގެވުމުގެ މަތިން މިރޭ ވަނީ އިހްތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން ރަސްމީކޮށް ފަށައިފަ އެވެ. އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމަކަށްވާއިރު އެކަކު އަނެއްކަކަށް އިހްތިރާމް އަދާކުރާ ބަޔަކަށްވާންޖެހޭ ކަމަށެވެ.
އަދި އެކަކު އަނެއްކަކުގެ ލެޔާއި މުދަލާއި އަބުރު ރައްކާތެރިކުރާ ބަޔަކަށް ވާންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އިސްލާމްވަންތަކަމާއި ދިވެހިވަންތަކަމުގެ ރޫހަކީ އިހްތިރާމް ކުރުމާއި އެކަކު އަނެއްކަކަށް ގަދަރުކުރުންކަން އަބަދުވެސް ހަނދާން ކުރަންޖެހޭ. އެކަކު އަނެކަކުގެ ކަރާމާތާއި ގަދަރުން ކުޑަވެސް އުނިކަމެއް އަންނާނެ ފަދަ އެއްވެސް ކަމެއް ނުކުރުމަށް ސަމާލުވާންޖެހޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މީހުންނަށް އިހާނެތިކޮށް ހިތުމާއި، މަލާމާތްކުރުމާއި، ނުރުހޭ
ވަނަންތައް ކިޔުމާއި، ދަށްކޮށްލުން ފަދަ ކަންކަމުން ދުރުވާންޖެހޭ ކަމަށާއި ޣީބަބުނުމާއި އާޑަފުރައްސާރަ ކުރުމުގެ ނުބައި އަމަލާ ހަމަ ހިލާ ކައިރިނުވުމަށް އަޒުމް ކަނޑައަޅަންޖެހޭ ކަމަށެވެ.
"އަޅުގަނޑުމެންގެ އުޅުންތަކާއި ގުޅުންތައް މިގޮތުގައި ބެހެއްޓިއްޖެ ނަމަ،
ސައްތައިންސައްތަ މި އިސްލާމީ ގައުމަކީ މާތް الله ލޯބިވެވޮޑިގެންވާ އެންމެ ތަހުޒީބީ ސިފަތަކުން ޖަރީވެފައިވާ ތަހުޒީބު މުޖުތަމައުއަކަށް ވެގެންދާނެ. އެކަކު އަނެކަކަށް
ފުރައްސާރަކުރުމާ ޣީބަބުނުމާއި ދޮގުހެދުމުގެ ނުބައި ސިފަތަކުން އަޅުގަނޑުމެންގެ
މުޖުތަމައު ތާހިރުކޮށްފިނަމަ އަޅުގަނޑުމެންނަކީ އެކަކު އަނެކަކަށް އިހްތިރާމް އަދާކުރުމުގެ ލާމަސީލު މިސާލަކަށް އިންޝާالله ވެގެންދާނެ،" ރައީސް ވިދާޅުވި އެވެ.

އިހްތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން ފަށަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
ރައީސް ވިދާޅުވި ގޮތުގައި އިހްތިރާމު ކުރުމަކީ އިންސާނާ ކުރާ ލޮލަށް ނުފެންނަ މުޑުވައްކުރުމެކެވެ. އެ މުޑުވަކުން ފަޅާ ގަސްތަކުގެ ހިޔާ އިންތިހާޔަށް ބޭނުންތެރި ކަމަށާއި އޭގެ ގޮފިތައް އެތައް ކަންކޮޅުތަކަކަށް ފެތުރިގެންދާ ކަމަށެވެ. އޭގެ މޭވާއަކީ ހިތްތަކަށް ދޭ ފުން ތަސައްލީއެއް ކަމަށާއި ރޫހަށް ލިބޭ ފޮނި ޣިޒާއެއް ކަމަށެވެ.
ޒަމާނީ ނަފުސާނީ އިލްމުގެ ހޯދުންތަކުން އެނގޭ ގޮތުގައި
މުޖުތަމައެއްގައި އެކެއް އަނެކެއްގެ ހައިސިއްޔަތަށް އިހްތިރާމު ކުރުމަކީ ކުލުނާއި
ގާތްކަން އިތުރުވާކަމެއް ކަން ރައީސް ފާހަގަކުރެއްވި އެވެ. އަދި އެ މުޖުތަމައަކަށް ހަމަޖެހުމާއި އުފާވެރިކަން
ގެނެސްދޭކަމެއް ކަމަށެވެ.
އިހްތިރާމުކުރުމަކީ ރައީސް ވިދާޅުވި ގޮތުގައި މުޅި ހަޔާތާ ގުޅިފައިވާ މައުޟޫއެކެވެ.
"އަޅުގަނޑުމެންގެ މަގުތަކަށް އިހްތިރާމްކުރަން ޖެހޭ.
ރަށުތެރޭގެ ދިރިއުޅުމުގައި އިހްތިރާމްކުރުން އޮންނަން ޖެހޭ. އަޅުގަނޑުމެންގެ
ވެށްޓަށް ގަސްގަހާ ގެއްސާއި ގުދުރަތީ ދިރުންތަކަށް އިހްތިރާމުކުރަންޖެހޭ،" ރައީސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޒިންމާތަކާއި މަސްއޫލިއްޔަތުތަކަށް ފުރިހަމައަށް
އިހްތިރާމްކުރަންޖެހޭ. އޮފީސްތަކާ މަދަރުސާތަކާ އެންމެހާ މި ފަދަ ތަންތާނގެ
އުފަލަކީ ހިތްތަކަށް ލިބޭ ތަސައްލީއަކީ އިހްތިރާމުކުރުން ކަމުގައި ހަދަން ޖެހޭ.
އަޅުގަނޑުމެންގެ ގެދޮރުގައި އާއިލާތަކުގައި އިހްތިރާމު ދަމަހައްޓަން ޖެހޭ."

އިހްތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން ފަށަން ބޭއްވި ރަސްމިއްޔާތުގައި ރައީސް މުއިއްޒު ވާހަކަ ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް
އެއްބަނޑުތިމާގެކަމާއި ރައްޓެހި ރަހުމަތްތެރިކަމުގައި އިހްތިރާމުކުރުން ދަމަހައްޓަން
ޖެހޭ ކަމަށާއި ގައުމުގެ ސުލްހަ މަސަލަސްކަމަށް އިހްތިރާމްކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ގައުމަށް ލިބިފައިވާ
ރީތި ނަމާއި ގަދަރަށް އިހްތިރާމްކުރަން ޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.
"މިރޭ އަޅުގަނޑުމެން ކޮންމެ މީހަކު އެކަށައަޅާ އަޒުމަކީ މިއީ. އަޅުގަނޑުމެންގެ
ކާބަފައިންގެ ޝަރަފުވެރި އަމާން ރައްކާތެރި މާޒީގެ އުފާވެރިކަން އަލުން
ހޯދުމުގެ އަޒުމް،" ރައީސް ވިދާޅުވި އެވެ.
އަޒުމު ކަނޑައަޅަންވީ ރައީސް ވިދާޅުވި ގޮތުގައި އިސްލާމްދީނުގެ މަތިވެރި ހަމަތަކާ ރީތި މިސާލުތަކާ އެއްގޮތަށް އުޅުންތަކާ ގުޅުންތައް އިސްލާހުކުރުމަށެވެ. އަދި ތަރައްގީވެފައިވާ ތަހުޒީބު މުޖުތަމައަކަށް މި މުޖުތަމައު ހެދުމަށެވެ.
"މި ވަގުތުން ފެށިގެން އަޅުގަނޑުމެން ފުރިހަމަ އިތުބާރާއި އިހްލާސްތެރިކަމާއެކު
ގަންނަ މަތިވެރި ނިޔަތަކީ މިއީ. ދިވެހީންގެ ސިކުނޑި އިސްލާމީ ހަމަތަކުގެ މަތީގައި ތަހުޒީބީ އާ އުދަރެހަކަށް އުފުލާލުމަށް،" ރައީސް ވިދާޅުވި އެވެ.
ދިވެހި މުޖުތަމައަކީ އިންސާނީ ކަރާމާތް
ނަގަހައްޓާ، ގައުމީ ތަރިކަތައް ދަމަހައްޓާ، ދިވެހި ގައުމިއްޔަތާއި ދިވެހި ވަންތަކަމަށް
ފަހްރުވެރިވާ މުޖުތަމައެއްގެ ގޮތުގައި ދިވެހި މުސްލިމު އިންސާނާ ބިނާކުރުމަށް، މިރޭ މި އެއްބަސްވަނީ އުފާވެރި މުސްތަގުބަލަށް ކަމަށް ރައީސް ވިދާޅުވި އެވެ.