އިމްރާން އަނބުރާ ޖަލަށް ގެންދިއުމުން ކުރީގެ ދެ ރައީސުން ފާޑުވިދާޅުވެއްޖެ
އިމްރާން އަނބުރާ ޖަލަށް ގެންދިއުމުން ކުރީގެ ދެ ރައީސުން ފާޑުވިދާޅުވެއްޖެ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަނބުރާ ޖަލަށް ގެންދިއުމުން ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު، ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.

ޓެރަރިޒަމްގެ ކުށުގައި 12 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އިމްރާން ގޭބަންދުގައި ހުންނަވަނިކޮށް ރޭ އަނބުރާ ޖަލަށް ގެންދިޔައިރު އޭނާގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ހައި ކޯޓުން އިއްޔެ ވަނީ ދަމަހައްޓައިފަ އެވެ

އިމްރާން އަނބުރާ ޖަލަށް ގެންދިއުމުން ނަޝީދު ވިދާޅުވީ އެއީ އަނެއްކާވެސް ރައީސް އަބްދުﷲ ޔާމީން ހިންގެވި ފިނޑި އަމަލެއް ކަމަށެވެ.

އެ މަނިކުފާނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ރައީސް ޔާމީން އެގޮތަށް އަމަލު ކުރެއްވީ އިދިކޮޅު ފަރާތްތަކުގެ އަޑު ކަނޑުވާލުމަށެވެ.

މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިދިކޮޅު ސިޔާސީ ފަރާތްތަކަށް ނުހައްގުން ދޭ އަނިޔާތައް ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި އިމްރާން ވަގުތުން ދޫކޮށްލަން ވެސް މައުމޫން ގޮވާލެއްވި އެވެ.

މޭ، 2015 ގައި އިދިކޮޅު ފަރާތްތަކުން ބޭއްވި "މޭޑޭ" މުޒާހަރާގައި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި މައްސަލާގައި ޓެރަރިޒަމްގެ ކުށް ސާބިތުވެ، އިމްރާން ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެވެ.

އިސްތިއުނާފްގެ ޝަރީއަތް އިއްޔެ ހައި ކޯޓުން ނިންމީ މައްސަލަ ހުށަހެޅިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ.

ކަރެކްޝަނަލް ސާވިސް އާއި ފުލުހުން ގޮސް ރޭ އޭނާ ގެންދިއުމުގެ ކުރިން އިމްރާން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ހަށިގަނޑު ޖަލަށް ލިޔަސް، އަޒުމެއް އަދި ރައްޔިތުންގެ ގުރުބާނީއެއް ޖަލަކަށް ނުލެވޭނެ ކަމަށެވެ.