24 އެޕްރީލް 2017 - 10:34

ދިވެހި ދައުލަތުގެ އިއްޒަތުގެ ލަގަބު ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް އަންބަރީ އަބްދުއްސައްތާރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އާދަމް ޒާހިރަށް ރޭ އަރުވައިފި އެވެ.
ލެފްޓިނެންޓް ޖެނެރަލް ރިޓަޔާޑް އަންބަރީ އާއި މޭޖަ ޖެނެރަލް ރިޓަޔާޑް އާދަމް ޒާހިރަށް ދައުލަތުގެ އިއްޒަތުގެ ލަގަބު އެރުވީ، ސިފައިންގެ ޚިދުމަތަށް 125 އަހަރު ފުރުމުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ޖަލްސާގައި ރައީސް އަދި ސިފައިންގެ އެންމެ މަތީވެރިޔާ އަބްދުﷲ ޔާމީނެވެ.
އަންބަރީ އަށް އެރުވީ ނިޝާން އިއްޒުއްދީނުގެ އިއްޒަތް (ނ.އ.އ.ވ) ވެރިކަމެވެ. އާދަމް ޒާހިރަށް އެރުވީ ނިޝާން އަސްކަރީ (ނ.އ.ވ) ވެރިކަމެވެ.
ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބު އަންބަރީ އަށް އެރުވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އޭނާ އަސްކަރީ ގޮތުން ކުރެއްވި އަގުހުރި ޚިދުމަތްތަކާއި ގައުމުގެ އިސްތިގުލާލާއި ސިޔާދަތު ރައްކާތެރި ކުރުމަށް ކޮށްދެއްވި މަސައްކަތާއި ދިވެހި ދައުލަތަށް ކޮށްދެއްވި މަތިވެރި ޚިދުމަތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އަންބަރީ ވަނީ ސިފައިންގެ ޚިދުމަތުގައި 43 އަހަރު ހޭދަ ކުރައްވައިފަ އެވެ.
ނިޝާން އަސްކަރީގެ ވެރިކަމުގެ ލަގަބު އާދަމް ޒާހިރަށް އެރުވީ، ދިވެހި ގައުމާއި ރައްޔިތުންގެ ސަލާމަތަށްޓަކައި އަސްކަރީ ގޮތުން އޭނާ ކުރެއްވި ޚިދުމަތްތަކާއި ރާއްޖޭގައި އަމަންއަމާންކަމާއި ސުލްހަމަސަލަސްކަން ގާއިމު ކުރުމަށް ކޮށްދެއްވި އަގުހުރި މަސައްކަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުން ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ސަލާމަތީ ޚިދުމަތުގައި އާދަމް ޒާހިރު ވަނީ 34 އަހަރު މަސައްކަތް ކުރައްވައިފަ އެވެ.
ރޭގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުފައި ވަނީ އަންބަރީ އާއި އާދަމް ޒާހިރު ގައުމަށްޓަކައި ކޮށްދެއްވި ޚިދުމަތްތަކަށް ޝުކުރު އަދާ ކުރަވައި، އެ ބޭފުޅުންނަށް ތަހުނިއްޔާ ވިދާޅުވެފަ އެވެ.
އަދި އަންބަރީ އާއި އާދަމް ޒާހިރުގެ ޚިދުމަތް ދިވެހި ގައުމު އަބަދުވެސް ހަނދާން ކުރާނެ ކަމަށާއި އެއީ ގައުމު ފަޚުރުވެރިވާ ފަދަ ވަރުގަދަ ދެ ޝަހުސިއްޔަތުން ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް އަދި ވިދާޅުވީ އެއީ މިހާރުގެ ޖީލުން ނަމޫނާއެއްގެ ގޮތުގައި ދެކެންޖެހޭ ބޭފުޅުން ކަމަށެވެ.