24 އެޕްރީލް 2017 - 10:12

ޕެރިސް (އެޕްރީލް 24) - ފްރާންސްގައި އިއްޔެ ބޭއްވި ރިޔާސީ އިންތިޚާބުން އެއްވެސް ކެންޑިޑޭޓަކަށް ކާމިޔާބު ނުލިބުމުން ދެ ވަނަ ބުރަކަށް ދާން ޖެހިއްޖެ އެވެ.
އަންނަ މަހު 7 ވަނަ ދުވަހު ބާއްވާ ދެ ވަނަ ބުރުގެ ވޯޓުލުމުގައި ވާދަކުރައްވާނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުން ކަމަށްވާ އެމަނުއެލް މެކްރޮން އާއި މެރިން ލެ ޕެން އެވެ. ވޯޓުގެ 96 ޕަސެންޓް ނަތީޖާ އިއުލާން ކުރި އިރު މެކްރޮން އަށް 23.9 ޕަސެންޓް ލިބިވަޑައިގެންނެވި އިރު ކަނާތު ފިޔައިގެ ލީޑަރު ލެ ޕެން އަށް ލިބިވަޑައިގެންނެވީ 21.4 ޕަސެންޓެވެ. ޚިޔާލު ހޯދުމުގެ ވޯޓުތައް ދައްކާ ގޮތުން ދެ ވަނަ ބުރުގެ ވޯޓުލުން ކާމިޔާބު ކުރައްވަނީ މެކްރޮން އެވެ.
މީގެ ތެރޭން ކޮންމެ ކެންޑިޑޭޓަކު ކާމިޔާބު ކުރެއްވި ނަމަވެސް ފްރާންސްގެ ސިޔާސީ މައިދާނުގައި އަހަރުތަކެއް ވަންދެން ބާރުގަދަކޮށްފައިވާ ލެފްޓިސްޓް އަދި ސެންޓަ-ރައިޓް ޕާޓީތަކުގެ ބާރު ކުޑަވެގެން ދާނެ އެވެ.
ސަޕޯޓަރުންނާ ވާހަކަ ދައްކަވަމުން މެކްރޮން ވިދާޅުވީ އަހަރެއްހާ ދުވަސްތެރޭ ފްރާންސްގެ ސިޔާސީ މޫނުމަތި އެ މީހުން ބަދަލުކޮށްލާފައިވާ ކަމަށެވެ. އަދި ނޭޝަނަލިސްޓުންނާ ދެކޮޅަށް އަތު ގުޅާލުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ.
ބޭންކުގައި ކުރިން މަސައްކަތް ކުރައްވާފައިވާ މެކްރޮން ވަނީ މިހާރުގެ ރައީސް ފްރާންސުވާ ހޮލެންޑާގެ ސަރުކާރުގެ އިކޮނޮމީ މިނިސްޓަރުގެ މަގާމު އަދާކުރައްވައިފަ އެވެ. އާ ޕާޓީއެއް އުފެއްދެވި ނަމަވެސް މީގެ ކުރިން އެއްވެސް އިންތިޚާބެއް އޭނާ ވާދަކުރައްވައިފައެއް ނުވެ އެވެ. އޭނާ އިންތިޚާބު ކާމިޔާބު ކުރައްވައިފި ނަމަ ވާނީ ފްރާންސްގެ އެންމެ ޒުވާން ރައީސް އަށެވެ.
ލެ ޕެން ވިދާޅުވަނީ އޭނާ އަކީ ރައްޔިތުންގެ ކެންޑިޑޭޓް ކަމަށެވެ. ނޭޝަނަލް ފްރަންޓް ޕާޓީގެ ލީޑަރެއްގެ ހައިސިއްޔަތުން އޭނާ ވަނީ 2015 ވަނަ އަހަރު ސަރަހައްދީ އިންތިޚާބުގައި ބޮޑު ކާމިޔާބެއް ހޯދައިފަ އެވެ.
ފްރާންސްގައި 2012 ވަނަ އަހަރު ބޭއްވި އިންތިޚާބެކޭ އެއްގޮތަށް މިފަހަރު ވެސް ވަނީ 80 ޕަސެންޓް މީހުން ވޯޓުލައިފަ އެވެ. އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 47 މިލިއަން މީހުންނަށް ލިބިގެންވެ އެވެ. އިންތިޚާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 60،000 ފުލުހުންނާއި ސިފައިން ވަނީ ނެރެފަ އެވެ.