ހަށިގަނޑު ޖަލަށް ލިޔަސް އަޒުމެއް ޖަލަކަށް ނުލެވޭނެ: އިމްރާން
ހަށިގަނޑު ޖަލަށް ލިޔަސް އަޒުމެއް ޖަލަކަށް ނުލެވޭނެ: އިމްރާން

ޖަލަށް ލެވޭނީ ހަށިގަނޑު ކަމަށާއި އެކަމަކު އަޒުމެއް ޖަލަކަށް ނުލެވޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިރޭ ވިދާޅުވެއްޖެ އެވެ.

މީގެ ދެ އަހަރު ކުރިން ބޭއްވި މުޒާހަރާއެއްގައި، ހަމަނުޖެހުމަށް މަގު ފަހިވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ، ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ އިމްރާމް މިހެން ވިދާޅުވީ ގޭބަންދުގައި ބަހައްޓާފައި ހުންނަވާތާ އަހަރު ދުވަސް ފަހުން މިރޭ އަލުން ޖަލަށް ގެންދިއުމުގެ ކުރިން ކުރެއްވި ޓްވީޓެއްގަ އެވެ.

އޭނާގެ މި ޓްވީޓަކީ މޭ 1، 2015 ގައި މުޒާރަހާއިން ހައްޔަރު ކުރި ފަހުން ކުރެއްވި ފުރަތަމަ ޓްވީޓެވެ.

"އަޅުގަނޑުގެ ހަށިގަނޑު ޖަލަށް ލިޔަސް މި އަޒުމެއް އަދި ދިވެހި ރައްޔިތުންގެ ގުރުބާނީއެއް ޖަލަކަށް ނުލެވޭނެ. އިންޝާﷲ،" އިމްރާންގެ ޓްވީޓްގައިވެ އެވެ.

އިމްރާން މިރޭ ޖަލަށް ގެންގޮސްފައި ވަނީ އޭނާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފުކުރުމުން ހައި ކޯޓުން ހުކުމް ދަމަހައްޓައި މިއަދު ހުކުމް ކޮށްފައި ވަނިކޮށެވެ. ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނެފައިވަނީ ދަށު ކޯޓުން ކުރި ހުކުމަކީ ގާނޫނީ އަދި ޝަރުއީ އުސޫލުތަކާ ހިލާފަށް ކުރި ހުކުމެއް ކަން ބެލެވެން ނެތް ކަމަށެވެ. އަދި އެއީ ބާތިލް ހުކުމެއްކަން ޝަރީއަތުގައި ދެއްކިފައި ނުވާ ކަމަށް ވެސް ހުކުމުގައިވެ އެވެ.

އިމްރާން ގޭބަންދަށް ބަދަލުކުރި، ހަތިޔާރު ގެންގުޅުމުގެ ކުށުގައި ޖަލަށް ލާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވެސް ގޭބަންދަށް ބަދަލުކުރި އެވެ. ނަމަވެސް މީގެ ދުވަސްކޮޅެއް ކުރިން ނާޒިމް ވެސް ވަނީ އަލުން ޖަލަށް ގެންގޮސްފަ އެވެ.