23 އެޕްރީލް 2017 - 19:55

އެސްޓީއޯ މާލޭ ލީގުގައި މިއަދު އީގަލްސް އަތުން 2-0 އިން ގްރީން ސްޓްރީޓްސް އަށް ލިބުނީ ހައްގު މޮޅެއް ކަމަށް އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ގަނީ (ސާންތީ) ބުނެފި އެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ހާފްގައި އީގަލްސް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔަ އެވެ. އެހެން ނަމަވެސް ބޭނުމެއް ނުކުރެވުނެވެ. ގްރީން ސްޓްރީޓްސް މޮޅުވީ ދެ ވަނަ ހާފްގެ ލަނޑުތަކުންނެވެ.
މެޗަށް ފަހު ސާންތީ ބުނީ އީގަލްސްގެ ފަރާތުން މެޗުން މޮޅުވެވޭވަރުގެ ކުޅުމެއް ނުފެންނަ ކަމަށެވެ.
"އަޅުގަނޑުމެންނަށް ވުރެ ހުރިހާ ގޮތަކުން ވެސް މެޗު ބޭނުންވެފައި ތިބީ ގްރީން ސްޓްރީޓްސް އިން. ކުރި މަސައްކަތާ ހުރިހާ ކަމަކަށް ބަލާއިރު ގްރީން ސްޓްރީޓްސް އަށް ހައްގު މޮޅެއް މިއީ،" ސާންތީ ބުންޏެވެ.
އީގަލްސް އިން މިއަދުގެ މެޗުގައި ވެސް ބޭނުންކުރި ހަމައެކަނި ބިދޭސީ ކުޅުންތެރިއަކީ ޓީމުގެ ކީޕަރު ސުޖަން ޕެރޭރާ އެވެ. ސާންތީ ބުނީ ގްރީން ސްޓްރީޓްސް މޮޅުވުމުގައި އެ ޓީމުގެ ބިދޭސީ ކުޅުންތެރިންގެ ހިއްސާ ބޮޑު ކަމަށެވެ.
"ފެށުނީއްސުރެ ވެސް އެއް ވާހަކައެއް ދައްކަން މި ޖެހެނީ. ބިދޭސީ ކުޅުންތެރިން ގެންނައިރު ވެސް މި ބަލަނީ ކުރިއަށް ކުޅެލާނެ މީޙަކު ގެންނަން. ގްރީން ސްޓްރީޓްސްގައި ވެސް މިއަދު ބޮޑަށް އެ ފެނުނީ އެ ތަފާތު ފެންވަރު ރަނގަޅު ބިދޭސީ ކުޅުންތެރިންނާ އެކު އޮންނަ އެޑްވާންޓޭޖް،" ސާންތީ ބުންޏެވެ.
މެޗަށް ނިކުތްއިރު މި ދެ ޓީމު ޕޮއިންޓުގެ ގޮތުން ހަމަހަމަ އެވެ. ލީގުގެ އެއް ވަނަ އަށް މިއަދުގެ މެޗުން މޮޅުވެގެން ގްރީން ސްޓްރީޓްސް އިން ޖެހިލިއިރު، އެ ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފަ އެވެ. އެ ޓީމު އޮތީ ފަސް މެޗުން ހަތް ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.
ސާންތީ ބުނީ މި ނަތީޖާއާ އެކު އުނދަގޫތަކެއް ކުރިމަތިވާނެ ކަމަށާއި އެހެން ނަމަވެސް އުއްމީދު ދޫކޮށްނުލާނެ ކަމަށެވެ.
"އުނދަގޫތަކެއް ކުރިމަތިވެދާނެ. އަޅުގަނޑުމެންނަށް އެބައޮތް ޓީސީ މެޗު ވެސް ނިއު މެޗު ވެސް. ފުޓްބޯޅައިގައި ކޮންމެ ފަދަ ގޮތެއް ވެސް ވެދާނެ. އަޅުގަނޑު މިތަނަށް އައިއިރު ހިޔެއް ނުކުރަން ގްރީން ސްޓްރީޓްސް 2-0 އިން މޮޅުވާނެ ކަމަށް. ފުޓްބޯޅަ އަކީ އެހެން ކަހަލަ އެއްޗެއް ހަމަ ކުރިއަށް ހުރި މެޗުތައް އަޅުގަނޑުމެން ކޮޅަށް އެނބުރި ވެސް ދާނެ،" ސާންތީ ބުންޏެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު މުހައްމަދު ސޮބާހު (ސޮބާ) ބުނީ މެޗުން މޮޅުވީ އޭނާގެ ޕްލޭނާ އެއްގޮތަށް ކުޅުންތެރިން ކުރި ހިތްވަރުން ކަމަށެވެ.
"އަޅުގަނޑުގެ ރޭވުންތައް ވަރަށް ރަނގަޅަށް މަސައްކަތްކޮށްފި. އީގަލްސް މެޗަށް ވަރަށް ރަނގަޅަށް އަޅުގަނޑު ތައްޔާރުވިން އެ ޓީމު ކުޅޭގޮތް ވެސް ވަރަށް ބެލިން. ފުރަތަމަ ކަމަކަށް ބިދޭސީ ކުޅުންތެރިން ކުރި ހިތްވަރު ވަރަށް ބޮޑަށް ފާހަގަކުރަން. ޖުމްލަކޮށް ހުރިހާ ކުޅުންތެރިން ކުރި ހިތްވަރަށް ސާބަސްދެން،" ސޮބާ ބުންޏެވެ.
އޭނާ ބުނީ ލީގުގައި ކުރިއަށްދާން ބޭނުންވަނީ މެޗަކަށް ފަހު މެޗެއްގެ ވިސްނުމުގައި ކަމަށާއި އަދިވެސް މާ ބޮޑު ޓާގެޓެއް ކަނޑައެޅުމުގެ ވިސްނުމެއް ނެތް ކަމަށެވެ.
"އަޅުގަނޑު ކުރިން ވެސް ބުނިން އަޅުގަނޑުމެން ތައްޔާރުވާނީ މެޗަކަށް ފަހު މެޗެކޭ. އަހަރު ފެށޭއިރު ހުރިހާ މެޗަކުން މޮޅުވާނަމަ ހަތަރު ތަށްޓެކޭ އަޅުގަނޑުމެން ނުބުނަން. އެއްވެސް ސްޓާ ޕްލޭޔަރެއް ނެތް އަޅުގަނޑު އަތުގައި އޮތް ޓީމުގެ ސައިޒުން އަޅުގަނޑުމެން ވިސްނާނީ،" ސޮބާ ބުންޏެވެ.
ކުޅުންތެރިއެއްގެ ގޮތުގައި ލިބުނު ތަޖުރިބާގެ ބޭނުން ހިފަމުން އަންނަ ކަމަށާއި ގްރީން ސްޓްރީޓްސްގައި ތިބި ސީނިއާ ކުޅުންތެރިން ވެސް ތަޖުރިބާގެ ބޭނުން ދަނޑުމަތީގައި ހިފަމުން އަންނާތީ އެއީ ލިބޭ ބޮޑު ހިތްހަމަ ޖެހުމެއް ކަމަށް ސޮބާ ވަނީ ބުނެފަ އެވެ.
ގްރީން ސްޓްރީޓްސް ދެން ކުޅޭ މެޗުގައި އަންނަ ހުކުރު ދުވަހުގެރޭ ނުކުންނާނީ ނިއު ރޭޑިއަންޓާ ދެކޮޅަށެވެ. އެ ދުވަހު ހަވީރު ޓީސީ ކުޅޭނީ އީގަލްސްއާ އެވެ.