އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓްސް އެއް ވަނަ އަށް
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓްސް އެއް ވަނަ އަށް

ދެ ވަަނަ ހާފްގެ ލަނޑުތަކާ އެކު 2-0 ކްލަބް އީގަލްސް ބަލިކޮށް އެސްޓީއޯ މާލޭ ލީގުގެ އެއް ވަނަ އަށް ގްރީން ސްޓްރީޓްސް އިން ޖެހިލައިފި އެވެ.

އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓްސް އެއް ވަނަ އަށް
އީގަލްސް ބަލިކޮށް ގްރީން ސްޓްރީޓްސް އެއް ވަނަ އަށް

މި ފަހަރު އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ގްރީން ސްޓްރީޓްސް އެއް ވަނައިގައި އޮތީ ފަސް މެޗުން 10 ޕޮއިންޓް ހޯދައިގެންނެވެ. ނިއު އާއި މާޒިޔާ އަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު ޖެހި ގޯލުން ކުރި ހޯދައިގެން ދެ ވަނައިގައި އޮތީ ނިއު އެވެ. ތިން ވަނައިގައި މާޒިޔާ އޮތްއިރު މާދަމާރޭ ނިއު އާއި ހަތަރު ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް ކުޅޭ މެޗުން ނިއު ބަލިވުން ނޫން ނަތީޖާއެއް ނުކުމެއްޖެނަމަ އެ ޓީމަށް އަލުން އެއް ވަނަ ލިބޭނެ އެވެ. ނިއު އަތުން މޮޅުވެގެން އެއް ވަނަ އަށް އެރުމުގެ ފުރުސަތު ޓީސީ އަށް ވެސް އެބައޮތެވެ.

މާޒިޔާ އާއި ވިކްޓަރީއާ ދެކޮޅަށް ކުޅޭ މެޗު އޮންނާނީ އަންގާރަ ދުވަހު ހަވީރު އެވެ.

މިއަދުގެ މެޗު ފަށައިގެން ފުރަތަމަ ފަސް މިނިޓްގެ ތެރޭގައި އީގަލްސް އިން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. މެޗުގެ ތިން ވަނަ މިނިޓްގައި އަންސަރު އިބްރާހިމް (އަންކޮ) ދިން ބޯޅައެއް އޭރިއާ ތެރެއިން ކޮންޓްރޯލް ކޮށްލުމަށް ފަހު އަހުމަދު ރިޒުވާން (ރިޒޭ) ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދާގަނޑަށެވެ.

އޭގެ ދެ މިނިޓް ފަހުން ގްރީން ސްޓްރީޓްސްގެ މޫސާ ހަަސަން ކައިރިން ނައްޓާލުމަށް ފަހު އީގަލްސްގެ އަހުމަދު ނާޝިދު (ނައްޓޭ) ފޮނުވާލި ޝޮޓް ގްރީން ސްޓްރީޓްސްގެ ޖަޕާން ކީޕަރު ޖުން ކޮޗީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 19 ވަނަ މިނިޓްގައި ގްރީން ސްޓްރީޓްސް އިން ރަނގަޅު ފުރުސަތެއް ތަނަވަސްކުރި އެވެ. އެ ޓީމުގެ ސޮބޮލް އިލިއާ އަރިމަތިން ނަގައިދިން ހުރަހަކުން އޭރިއާ ތެރެއިން އަހުމަދު ރަޝީދު (އައްމަޑޭ) ބޮލުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

އޭގެ އަށް މިނިޓް ފަހުން އޭރިއާ ތެރެއިން ހުސްކޮށްލާފައި އިލިއާ ދިން ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ލިބުމުގެ ކުރިން އީގަލްސްގެ ޒުވާން ޑިފެންޑަރު ސޮލާހު އަލީ ވަނީ ބޭރުކޮށްލައިފަ އެވެ.

މެޗުގެ 35 ވަނަ މިނިޓްގައި އީގަލްސް އިން ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ކައުންޓަ އެޓޭކެއްގައި ގްރީން ސްޓްރީޓްސްގެ ޑިފެންސްގެ ތެރެއިން ދެމިގަތުމަށް ފަހު އޭރިއާ ތެރެއަށް ވަދެ ނައްޓޭ ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރުންނެވެ.

އީގަލްސް އިން ފުރަތަމަ ހާފްގައި ފޮނުވާލި އެންމެ ފަހު ހަމަލާ އުފެއްދީ ރިހާމް އަބްދުލް ގަނީ (ބޮބީ) އެވެ. އޭރިއާ ބޭރުން ބޮބީ ފޮނުވާލި ބޯޅަ ގްރީން ސްޓްރީޓްސް ކުޅުންތެރިއަކު ގައިގައި ޖެހިފައިދިޔަ ނަމަވެސް ކީޕަރު ކޮޗީ ވަނީ އެ ބޯޅަ މަތަކޮށްފަ އެވެ.

ފުރަތަމަ ހާފްގައި ލިބުނު އަނިޔާއެއްގެ ސަބަބުން ގްރީން ސްޓްރީޓްސް އިން ވަނީ އައްމަޑޭ ބަދަލުކޮށްފަ އެވެ. އޭނާގެ ބަދަލުގައި ކުޅެން އެރީ އިބްރާހިމް ރިޒުހާން އެވެ.

ދެ ވަނަ ހާފް ފަށައިގެން 50 ސިކުންތު ތެރޭގައި ގްރީން ސްޓްރީޓްސް އިން ވަނީ ލީޑު ނަގައިފަ އެވެ. މި ގޯލަކީ އީގަލްސްގެ ޑިފެންޑަރު ހުސެއިން ޝިފާއު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ގްރީން ސްޓްރިޓްސް އަށް ލިބުނު ކޯނަރަކުން ރިޒުހާން ނަގައިދިން ބޯޅަ ގޯލަށް ވަނީ ޝިފާއު ފައިގައި ޖެހިފައި ދަނޑީގައި ވެސް ޖެހިފަ އެވެ.

ފުރަތަމަ ހާފްގެ ފަހު ކޮޅުގައި ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ނައްޓޭ ބަދަލުކުރާނެ ކަމަށް ބެލެވުނެވެ. އެހެން ނަމަވެސް އީގަލްސް އިން ދެ ވަނަ ހާފް ފެށީ ވެސް ނައްޓޭ ހިމަނައިގެންނެވެ. އެކަމު ދެ ވަނަ ހާފްގެ ފެށިގެން 13 މިނިޓް ތެރޭ ނައްޓޭގެ އަށް މެޗު ކުރިއަށް ނުގެންދެވިގެން އޭނާގެ ބަދަލުގައި ވަނީ ހަސަން ރާއިފް (ހަންނަ) ކުޅެން އަރުވައިފަ އެވެ.

ގްރީން ސްޓްރީޓްސްގެ ދެ ވަަނަ ލަނޑު މެޗުގެ 59 ވަނަ މިނިޓްގައި ކާމިޔާބުކުރީ އިލިއާ އެވެ. އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން އިލިއާ ފޮނުވާލި ބޯޅަ އީގަލްސް ކީޕަރު ސުޖަން ޕެރޭރާ އަތްކައިރިން ގޮސް އަމާޒުވީ ގޯލުގެ ކަނަށެވެ.

ގްރީން ސްޓްރީޓްސް އިން ދެ ލަނޑުގެ ލީޑެއް ނެގުމުން އީގަލްސް އިން ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން އެޓޭކް ވަރުގަދަކުރި އެވެ. އެގޮތުން މެޗުގެ 73 ވަނަ މިނިޓްގައި ލިބުނު ހިލޭ ޖެހުމަކުން ޝިފާއު ނަގައިދިން ބޯޅަ އެ ޓީމުގެ މުހައްމަދު ނާއިމް ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން އޭރިއާ ތެރެއިން އީގަލްސްގެ ރިޒޭ އާއި މުޖުތާޒް މުހައްމަދު (މުޖޭ) ފޮނުވާލި ހަމަލާތައް ކީޕަރު ކޮޗީ ވަނީ މަތަކޮށްފަ އެވެ.

މެޗުގެ 88 ވަނަ މިިނިޓްގައި ތިން ވަނަ ލަނޑެއް ޖެހުމާ ގާތަށް ގްރީން ސްޓްރީޓްސް އިން ޖެހިލި އެވެ. އީގަލްސްގެ ސޮލާހު އަތުން ގެއްލުނު ބޯޅައެއް ހޯދުމަށް ފަހު އިލިއާ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ކީޕަރު ސުޖަން އަތްމަތިން ގޮސް އަމާޒުވީ ހުރަސް ދަނޑިއަށެވެ.

މިއީ ގްރީން ސްޓްރީޓްސް އިން މި ފަހަރު ލީގުގައި ހޯދި ތިން ވަނަ މޮޅެވެ. އަދި އީގަލްސް މި ފަހަރުގެ ސީޒަނުގައި ބަލިވި ދެ ވަނަަ މެޗެވެ.