ދުނިޔޭގެ ފުޓްބޯޅައިގެ ރަސްގެފާނު ކަމަށްވާ ރެއާލް
މެޑްރިޑުގެ ޑިރެކްޓަރުންގެ ބޯޑަށް، ޓެނިސް ލެޖެންޑް ރަފައެލް ނަޑާލް އައްޔަންކުރަން
ނިންމައިފި އެވެ.

ޓެނިހުގެ 22 ގްރޭންޑް ސްލޭމް މުބާރާތް
ކާމިޔާބުކޮށްފައިވާ ސްޕެއިނުގެ ނަޑާލްއަކީ 2011 ވަނަ އަހަރުން ފެށިގެން ރެއާލުގެ
އޮނަރަރީ މެމްބަރެކެވެ. އަދި އެ ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްގެ ގާތް
މީހެއް ވެސް މެ އެވެ.

ރެއާލުން ބުނީ ކުޅިވަރުގައި ސްޕެއިނާއި މުޅި ދުނިޔޭގެ
ވެސް ނަމޫނާ ޝަހުސިއްޔަތެއް އެ ކްލަބުގެ ބޯޑާ ގުޅުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި މި މަހު 21 ގައި އޮންނަ
ކްލަބުގެ އާއްމު ޖަލްސާގައި ނަޑާލް ރަސްމީކޮށް ބޯޑަށް އައްޔަންކުރާނެ އެވެ.

ނަޑާލް ބުނީ މި ދައުވަތު ދެއްވީތީ ޕެރޭޒަށް
ވަރަށް ބޮޑަށް ޝުކުރުއަދާކުރާ ކަމަށާއި، މި ހުށަހެޅުން ގަބޫލުކުރީ އުފަލާ އެކު
ކަމަށެވެ.

ނަޑާލް ވަނީ ރެއާލުގެ ރައީސްކަން ކުރަން ޝައުގުވެރިވާކަމަށް
2023 ގައި ބުނެފަ އެވެ.

ޓެނިސް ކުޅުނުއިރު ވެސް އޭނާ ވަނީ ސްޕެއިން
ފުޓްބޯޅައާ ގާތް ގުޅުމެއް ބާއްވައިފަ އެވެ. އެގޮތުން 2010 ގެ ވޯލްޑް ކަޕް ސްޕެއިން
ކާމިޔާބުކުރުމުން ޗޭންޖިން ރޫމުގައި ކުޅުންތެރިންނާ އެކު އުފާފާޅުކުރުންތަކުގައި
ބައިވެރިވި އެވެ.

ނަޑާލް ވަނީ ކުޑައިރު ކޮންމެވެސް ވަރަކަށް
ފުޓްބޯޅަ ކުޅެފަ އެވެ. އޭރު އޭނާ އަކީ ރެއާލް މެޑްރިޑާއި، ބާސެލޯނާގެ ބްރެޒިލް
ފޯވާޑް ރޮނާލްޑޯ ނަޒާރިއޯގެ ސަޕޯޓަރެކެވެ. ނަޑާލްގެ ބޮޑުބޭބެ މިގުއެލް އެންހެލް
އަކީ ސްޕެއިން ގައުމީ ޓީމަށް ކުޅެފައިވާ ކުޅުންތެރިއެކެވެ.