އަންނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕުގެ ގްރޫޕް
ސްޓޭޖުގައި އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗުގެ ޓިކެޓަށް ގާތްގަނޑަކަށް
8.4 މިލިއަން ހުށަހެޅުން ލިބިއްޖެ އެވެ.

ކްރިކެޓުގައި އެންމެ ވާދަވެރި ދެ ގައުމުގެ
ކުރިމަތިލުން އޮންނާނީ އޮކްޓޯބަރު 10 ވަނަ ދުވަހު ދެކުނު އެފްރިކާގެ ވެރިރަށް ޖޮހަނަސްބާގްގެ
ވާންޑަރާސް ސްޓޭޑިއަމްގައެވެ. އެ ސްޓޭޑިއަމުގެ ޖާގައަކީ އެންމެ 34،000 އެވެ.
ޓިކެޓް ވިއްކާނީ ހުށަހަޅާ މީހުންގެ ތެރެއިން އޮންލައިން ޑްރޯއަކުން ކަނޑައެޅޭ މީހުންނަށެވެ.

ނޮވެމްބަރު 21 ގައި އޮންނަ ފައިނަލް މެޗު ވެސް
ކުޅޭނީ އެ ސްޓޭޑިއަމްގައެވެ. އެ މެޗަށް ވެސް ގާތްގަނޑަކަށް 8 މިލިއަން ޓިކެޓް
އެޕްލިކޭޝަން ވަނީ ލިބިފައެވެ.

އިންޑިއާ އާއި ޕާކިސްތާން ބައްދަލުކުރާ މެޗަކީ
ކްރިކެޓް ކަލަންޑަރުގައި އެންމެ ގިނަ ބަޔަކު އިންތިޒާރުކުރާ، އަދި މާލީ ގޮތުންވެސް
އެންމެ ފައިދާބޮޑު މެޗު ކަމުގައި ވީނަމަވެސް، ފަހަކަށް އައިސް މި މެޗުތައް
ފެނިގެންގޮސްފައިވަނީ އެއްކޮޅަށް ބުރަވެފައިވާ މެޗުތަކެއްގެ ގޮތުގަ އެވެ. އެގޮތުން
މި ދެ ގައުމު އެންމެ ފަހުން ބައްދަލުކުރި ނުވަ މެޗުން ވެސް ކުރިހޯދާފައިވަނީ
އިންޑިއާ އެވެ.

އިންޑިއާ އަތުން ޕާކިސްތާން އެންމެ ފަހުން
މޮޅުވެފައިވަނީ 2022 ވަނަ އަހަރުގެ އޭޝިއާ ކަޕުގަ އެވެ.

އަންނަ އަހަރުގެ ކްރިކެޓް ވޯލްޑް ކަޕް ފަށާނީ
އޮކްޓޯބަރު 7 ގައި އިންޑިއާ އާއި އޮސްޓްރޭލިއާގެ މެޗުންނެވެ. މިއީ 2023 ވަނަ
އަހަރުގެ ފައިނަލް މެޗުގެ ރީޕީޓެކެވެ. އެ ފަހަރު އަހުމަދުއާބާދުގައި އިންޑިއާ
ބަލިކޮށް ޗެމްޕިއަންސް ހޯދީ އޮސްޓްރޭލިއާ އެވެ

މި މުބާރާތް އޮންނާނީ ދެކުނު އެފްރިކާގެ
އިތުރުން ޒިމްބާބުވޭ އަދި ނެމީބިއާގަ އެވެ.