ޗެމްޕިއަންސް
ލީގުގައި ރޭ ފްރާންސްގެ ލެންސް އަތުން 9-1 އިން މޮޅުވެ އިޓަލީގެ ކޯމޯ އިން
މުބާރާތުގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވުމުގެ ރެކޯޑާ ހަމަކޮށްފި އެވެ.
މިހާރުގެ
ފޯމެޓަށް 1992 ވަނަ އަހަރު މި މުބާރާތް ފެށި ފަހުން މިހާ ފަރަގު ބޮޑުކޮށް މީގެ
ކުރިން މޮޅުވީ އިންގްލެންޑުގެ ލިވަޕޫލާއި، ސްޕެއިނުގެ ރެއާލް މެޑްރިޑުންނެވެ.
ލިވަޕޫލުން 2007 ގައި ބެސިކްޓަސް އަތުން މޮޅުވީ 8-0 އިންނެވެ. އަދި ހަމަ އެ
ސްކޯލައިނުން ރެއާލް މެޑްރިޑް 2015 ގައި މޮޅުވީ މަލްމޯ އަތުންނެވެ.
ކޯމޯ
ވެފައިވަނީ ޗެމްޕިއަންސް ލީގުގައި ނުވަ ގޯލު ޖެހި ދެ ވަނަ ޓީމަށެވެ. ކުރިން މި
އަދަދަށް އެއް މެޗެއްގައި ގޯލު ޖެހީ 2024 ގައި ބެޔާން މިއުނިކުންނެވެ.
ފްރާންސްގައި
ކުޅުނު މި މެޗުގައި ކޯމޯގެ އެނެސްޓަސިއޮސް ޑޫވިކާސް ވަނީ ހެޓްރިކެއް ހަދައިފަ
އެވެ. އަނެއް ގޯލު ޖެހީ ނިކޯ ޕާޒް، ލޫކަސް ޑަ ކޫންހާ، މާކޯ-އޮލިވާ ކެމްޕްފް،
މަޓިއާ ލިބެރާލީ، މާޓިން ބަޓުރީނާ އަދި، މަޓެއޯ ޕަޕަޗިއޯލީ އެވެ.
މީގެ ހަ
އަހަރު ކުރިން އިޓަލީގެ ހަތަރު ވަނަ ޑިވިޝަނުގައި އޮތް ކޯމޯއާ އިންޑޮނީޝިއާގެ
ބިލިއަނަރަކު ހަވާލުވެ އެ ޓީމު އަންނަނީ ބޮޑެތި ކުރިއެރުން ހޯދަމުންނެވެ. އެ
ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގުން ޖާގަ ހޯދީ މި އަހަރެވެ. މި
މުބާރާތުގައި ކޯމޯ ވަނީ މިހާތަނަށް ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން
މޮޅުވެފަ އެވެ. އޭގެ ތެރޭގައި އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑް އަތުން 4-1
އިން އިން މޮޅުވި މެޗު ހިމެނެ އެވެ. އެ ޓީމު އޮތީ ލީގު ޓޭބަލްގެ ހަތަރު ވަނައިގަ
އެވެ.
ސްޕެއިނުގެ
ކުރީގެ މިޑްފީލްޑަރު ސެސް ފެބްރިގާސް ކޯޗުކޮށްދޭ ކޯމޯގައި ގިނައީ ޒުވާން
ކުޅުންތެރިންނެވެ. އަދި އެ ޓީމަކީ އިޓަލީގައި އެންމެ އަވަސް، ރީތި ފުޓްބޯޅައެއް މިހާރު
ކުޅޭ ޓީމެވެ.