24 އެޕްރީލް 2017 - 06:14

ފަހުގެ ދިރާސާއަކަށް ފަހު ސައިންސްވެރިން ބުނަނީ ދޭތެރެދުރުކުރާ ބޭސް ކެއުމުން އަންހެނުންގެ އާއްމު ސިއްހަތަށް ގެއްލުން ލިބޭ ކަމަށެވެ.
ސްވިޑްންގެ ކެރޮލިންސްކާ އިންސްޓިޓިއުޓާއި ސްޓޮކްހޯމް ސްކޫލް އޮފް އިކޮނޮމިކްސް އިން ހަދާފައިވާ މި ދިރާސާގައި، އުމުރުން 18-35 އަހަރާ ދެމެދުގެ 340 އަންހެނުން ބައިވެރި ކުރި އެވެ. މި މީހުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުންނަށް، ދޭތެރެދުކުރުމަށް އާންމުކޮށް ދޭ ބޭހެއް ކާން ދިންއިރު އަނެއްބައި މީހުންނަށް ދިނީ ޕްލެސީބޯ އެވެ. އެއީ އަސްލު ބޭސް ކަމަށް ބުނެ، އަޖުމަ ބެލުމަށް ދޭ އެއްވެސް އަސަރެއް ނުކުރާ އެއްޗެކެވެ. މި ދިރާސާގެ ނަތީޖާ ވަނީ ޖާނަލް އޮފް ފާޓިލިޓީ އެންޑް ސްޓެރެލިޓީ ގައި ޝާއިއުކޮށްފަ އެވެ.
މީގެ ތެރެއިން އެއްވެސް އަންހެނަކަށް އެމީހުންނަށް ދިނީ އަސްލު ބޭސްކަމެއް ނުވަތަ ޕްލެސީބޮ ކަމެއް ނޭނގެ އެވެ.
ދިރާސާގެ ނަތީޖާ ދެއްކި ގޮތުން ޕްލެސީބޯ ދިން މީހުންނަށް ވުރެ އަސްލު ބޭސް ކާން ދިން މީހުންގެ ދިރިއުޅުމުގެ ހާލަތު ފާހަގަކޮށްލެވޭ ވަރަށް ދަށް ވެފައިވެ އެވެ. އެ ހުރިހާ އަންހެނުން ބުނެފައިވާ ގޮތުގައި އެމީހުން ކޮންމެ ދުވަހަކު ދިރިއުޅޭ އުޅުމަށާއި މޫޑަށް، އަދި އަމިއްލަ ނަފްސުގެ ކޮންޓްރޯލަށާއި، ހަށިގަނޑުގައި ހަކަތަ ހުންނަ މިންވަރަށް ވެސް ނުރަނގަޅު އަސަރުތަކެއް ކޮށްފައިވެ އެވެ. މި ހުރިހާ ކަމެއް ވެސް ދިމާވެފައި ވަނީ އެމީހުން ކޭ އެންމެ ބޭސް ގުޅައެއްގެ ސަބަބުންނެވެ.
ނަމަވެސް ބޭހުގެ މި ހުރިހާ ސައިޑްއިފެކްޓްތަކާ އެކު ވެސް އެމީހުންނަށް ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވެފައެއް ނުވެ އެވެ.
ސައިންސްވެރިން ފާހަގަކޮށްފައިވާ ގޮތުގައި ދޭތެރެދުރުކުރާ ބޭސް ކާން ދިން މީހުންނަށް އައި ބަދަލަކީ ކުޑަ ބަދަލަކަށް ވާތީ ފަރުވާތެރިކަމާ އެކު މި ބޭސް ބޭނުންކުރުމަށް ދެވޭ އިންޒާރަކަށް މި ދިރާސާ ބެލިދާނެ އެވެ. އަދި ބޭސް ބޭނުންކުރާ އަންހެނުންނަށް ދިމާވާ ސިއްހީ ނޭދެވޭ މައްސަލަތަކަށް ޑޮކްޓަރުން ފަރުވާތެރިވުން މުހިއްމު ކަމަށް ދިރާސާގައި ފާހަގަކޮށްފައިވެ އެވެ.
"އަހަރެމެން ބޭނުމެއް ނޫން މި ދިރާސާގެ ނަތީޖާ ދެއްކި ގޮތުން، ދޭތެރެ ދުރުކުރުމަށް ގުޅަ ބޭސް ބޭނުންކުރާ އަންހެނުން އެ ބޭސް ކެއުން ހުއްޓާލާކަށް. ބޭސް ކެއުމުން މޫޑަށް އަންނަ ނޭދެވޭ ބަދަލުތަކާއި އެނޫންވެސް ސިއްހީ މައްސަލައެއް ދިމާވާ ނަމަ ޑޮކްޓަރަކާ މަޝްވަރާކުރަން ޖެހޭނެ. އެއަށް ވުރެ މާ ރަނގަޅު އެހެން ގޮތެއް ވެސް އޮވެދާނެ ފަހަރެއްގައި،" ދިރާސާ ރިޕޯޓު ލިޔުއްވި އެންޖެލިކާ ހާޝްބާގް ދަ އިންޑިޕެންޑެންޓް ނޫހަށް ވިދާޅުވެފައިވެ އެވެ.
ޕްރޮފެސާ ހާޝްބާގް ވިދާޅުވި ގޮތުގައި ހުރިހާ ވައްތަރެއްގެ ހޯމޯނަލް ކޮންޓްރަސެޕްޓިވްސް އަކުން ވެސް ލިބޭ ފައިދާތަކަކާއި ގެއްލުންތަކެއްވެ އެވެ. އެގޮތުން ބޭސް ބޭނުންކުރާ މީހުންގެ މޫޑު ގޯސްވެ ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކަކީ މި ފަދަ ބޭހުން ލިބޭ ގެއްލުންތަކެވެ.
އޭނާ އިތުރަށް ވިދާޅުވީ ދޭތެރެދުރުކުރާ ބޭހުގެ އެހެން ވައްތަރުތައް މި ދިރާސާގައި ހިމަނާފައެއް ނުވެ އެވެ. އެފަދަ ބޭސްތަކުގައި ހުންނަ ސައިޑް އިފެކްޓްތަކާއި ނުރައްކާތައް ތަފާތު ވެދާނެ އެވެ.
ވަރަށް ފުޅާކޮށް މިދިޔަ އަހަރު ކޮށްފައިވާ މިފަދަ ދިރާސާއަކުން ހާމަވެފައި ވަނީ ދޭތެރެދުރުކުރާ ބޭސް ކާ މީހުންނަށް ޑިޕްރެޝަންގެ މައްސަލަތައް ކުރިމަތިވާލެއް މާ ގިނަ ކަމަށެވެ. މި ދިރާސާގައި ޑެންމާކްގެ އެއް މިލިއަން މީހުންގެ ހާލަތު ދެނެގަނެފައިވެ އެވެ.