24 އެޕްރީލް 2017 - 06:13

ކައިވެނިކުރަން ވަގުތު ކުޑަތަންވެފައި ވަނިކޮށް ކައިވެނި ކެންސަލް ކުރުމަށް އިންޑިއާގައި އާންމުކޮށް ދިމާވާ އެއް ކަމަކީ އަންހެންމީހާގެ އާއިލާގެ ފަރާތުން ފިރިހެން މީހާގެ އާއިލާއަށް ދޭ މުދަލާއި ފައިސާގެ މައްސަލަތަކާއި ނަސްލީ އަދި ދީނީ މައްސަލަތަކެވެ. ނަމަވެސް އުއްތަރު ޕްރަދޭޝްގައި އިންތިޒާމް ކުރަމުންދިޔަ ކައިވެންޏެއް އެންމެ ފަހު ވަގުތު ކެންސަލްކުރީ ފޮނިކާއެއްޗެއް ކަމަށްވާ "ރަސްގުއްލާ" ގެ މައްސަލައިގައި ދެ ފަރާތުގެ އާއިލާ އަރާރުން ވުމަށް ފަހުގަ އެވެ.
އިންޑިއާގެ ނޫސްތަކުން ބުނާ ގޮތުގައި ކުރްމާޕޫރް ކިޔާ އަވަށުގައި މި މަހުގެ 14 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކައިވެނީގެ ރަސްމިއްޔާތުގައި ޝިވް ކުމާރު ކިޔާ ފިރިހެނަކާއި އެހެން އަވަށެއްގެ އަންހެނަކު ކައިވެނި ކުރާ ގޮތަށް އޮތީ ހަމަޖެހިފަ އެވެ. ކަން ދިމާކުރި ގޮތުން ފިރިހެންމީހާ އަށާއި އޭނާގެ އާއިލާއަށް ކައިވެނީގެ ރަސްމިއްޔާތަށް ދެވުނީ ތަންކޮޅެއް ލަހުންނެވެ. އެހެންވެ އަންހެންމީހާގެ ބައްޕަ ކައިވެނީގެ ރަސްމިއްޔާތަށް ގޮސް ތިބި އެހެން މެހެމާނުންނަށް ކުރިން ކާން ދިނީ އެވެ.
މައްސަލަ ޖެހެން މެދުވެރިވީ އަންހެންމީހާގެ އާއިލާގެ މީހަކާއި ފިރިހެން މީހާގެ ދެބެންގެ ދެދަރި މީހަކާ ދެމެދު ފެށުނު ޒުވާބެއްގެ ސަބަބުންނެވެ.
ފިރިހެންމީހާގެ ތިމާގެ މީހަކު ދެ ރަސްގުއްލާ ދިނުމަށް އަންހެންމީހާގެ އާއިލާގެ މީހެއްގެ ކިބައިން އެދުނު ކަމަށްވެ އެވެ. ނަމަވެސް ކޮންމެ މެހެމާނަކަށް ވެސް ދޭން ހަމަޖެހިފައިވަނީ އެންމެ ރަސްގުއްލާއެއް ކަމަސް ވާތީ އޭނާއަށް ވެސް ލިބޭނީ އެކަތި ކަމަށް އަންހެންމީހާގެ ތިމާގެ މީހާ ބުނި ކަމަށްވެ އެވެ.
މި އަރާރުން ހޫނުވަމުން ގޮސް އެންމެ ފަހުން ތަޅާފޮޅުމަށް ބަދަލުވެ ދެފަރާތުގެ މެދުގައި ވަރުގަދަ މާރާމާރީއެއް ހިނގައި ކައިވެނި އެންމެ ފަހު ވަގުތު ކެންސަލް ކޮށްލީ އެވެ.
ފަހުން ފުލުހުން ގޮސް ތަޅާފޮޅުން މައިތިރިކޮށް އަވަށްޓެރިން މެދުވެރިވެގެން ދެ ފަރާތުގެ މީހުން ސުލްހަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެކަމެއް ނުވި އެވެ. ސަބަބަކީ ކައިވެނި ކުރަން ހަމަޖެހިފައިވާ އަންހެންމީހާ އެންމެ ފަހު ވަގުތު ކައިވެންޏަށް އިންކާރު ކުރުމުންނެވެ. އޭނާ ކައިވެންޏަށް އިންކާރު ކުރީ ފިރިހެންމީހާގެ އާއިލާގެ މީހުން އޭނާގެ ބައްޕައަށް އަނިޔާ ކުރީމަ އެވެ.