"ރާބްތާ"ގައި ރާޖް ކުމާރު ރާއޯގެ ސިފަ މުޅިން ބަދަލުވެފައި
"ރާބްތާ"ގައި ރާޖް ކުމާރު ރާއޯގެ ސިފަ މުޅިން ބަދަލުވެފައި

ދާދިފަހުން ރިލީޒްކުރި "ރާބްތާ" ގެ ޓްރެއިލާ ބެލި މީހުންނަށް ރާޖް ކުމާރު ރާއޯ ފާހަގަ ކުރެވުނު ހެއްޔެވެ؟ އޭނާ އެ ޓްރެއިލާގައި ފެނުނީ މަދު ސިކުންތުކޮޅަކަށް ނަމަވެސް އޭނާގެ ސިފަ ވަރަށް ބޮޑަށް ފާހަގަވެ އެވެ. އޭނާ ފެންނަނީ 324 އަހަރުވީ މީހެއްގެ ރޯލުން ކަމަށް ވާތީ އެވެ.

"ރާބްތާ"ގައި ރާޖް ކުމާރު ރާއޯގެ ސިފަ މުޅިން ބަދަލުވެފައި
"ރާބްތާ"ގައި ރާޖް ކުމާރު ރާއޯގެ ސިފަ މުޅިން ބަދަލުވެފައި

ސުޝާންތު ސިންގް ރާޖްޕޫތާއި ކީރްތީ ސަނަން ލީޑް ރޯލު ކުޅޭ މި ލޯބީގެ ފިލްމުގައި ރާޖް ކުމާރުގެ ރޯލު ކިތަންމެ ކުރު ނަމަވެސް އެ ރޯލަކީ ފިލްމަށް ވަރަށް މުހިއްމު އެހާމެ ބާރުގަދަ ރޯލެއް ކަމަށްވެ އެވެ.

ދިނޭޝް ވިޖަން ޑައިރެކްޓަރެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް އުފައްދާ "ރާބްތާ"އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ދިނޭޝް ބުނީ އެ ފިލްމުގައި ވަރަށް ކުޑަކުޑަ ރޯލެއް އަދާކޮށްދޭން ރާޖް ކުމާރު އެއްބަސްވީ އޭނާގެ ރަނގަޅު ކަމުންނެވެ. އަދި އެންމެ 32 އަހަރުގެ މީހަކު 324 އަހަރުގެ މީހަކަށް ބަދަލުކުރަން ކުރަން ޖެހުނު މަސައްކަތަކީ ވަރަށް ބުރަ އެހާމެ ވަރުބަލި މަސައްކަތެއް ކަމަށް ވެސް ދިނޭޝް ބުންޏެވެ.

"ރާޖްކުމާރު އަހަންނަށް އެ ކޮށްދިނީ ވަރަށް ބޮޑު ހެޔޮކަމެއް. އެއީ ވަރަށް ވަރުބަލިވާ ވަރުގެ ކަމެއް ނަމަވެސް އޭނާ ވަރަށް ކެތްތެރިކަމާ އެކު ކޮންމެ ދުވަހަކު ޕްރޮސްތެޓިކް ބޭނުންކޮށްގެން އޭނާގެ ކެރެކްޓާގެ ސިފަ ގެނެވެންދެން އިން،" ދިނޭޝް ބުންޏެވެ. ރާޖްކުމާރު ފިލްމުގައި ފެންނަ ސިފައަކީ 16 ސިފައެއް ޓެސްޓްކޮށްގެން އެންމެ ގިނަ ބަޔަކަށް ކަމުދިޔަ ސިފަ އެވެ.

ރާޖްކުމާރުގެ މި ސިފަ ގެނައުމަށް "ރާބްތާ"ގެ ޓީމުން ގެނެސްފައި ވަނީ މިފަދަ ކަންކަމަށް ޚާއްސަ ހޮލީވުޑް ޓީމެކެވެ.

"ރާބްތާ"ގައި އޭނާގެ ރޯލާ ބެހޭ ގޮތުން ރާޖްކުމާރު ބުނީ އެކްޓަރެއްގެ ހައިސިއްޔަތުން އެ ކެރެކްޓާ ކުޅުމަކީ އޭނާއަށް ވަރަށް މަޖާވި ކަމެއް ކަމަށެވެ. އަދި ކޮންމެ ދުވަހަކު ޕްރޮސްތެޓިކްސްތައް ތަތްކޮށް އޭނާގެ ކެރެކްޓާގެ ސިފަ ގެންނަން ފަސް ގަޑިއިރު ނުވަތަ ހަ ގަޑިއިރު ވަރު ނަގާ ކަމަށާއި އެހާތަނަށް ދާއިރު އޭނާ އިންނަނީ ދާހިތްލާ ފޯވެފައި ކަމަށް ވެސް ބުންޏެވެ.

ހޯމަ ދުވަހު މި ފިލްމުގެ ޓްރެއިލާ ރިލީޒްކޮށްފައި ވާއިރު އިޝްތިހާރު ބެލުމުން ލަފާ ކުރެވެނީ މިއީ ވަރަށް މޮޅު ލޯބީގެ ވާހަކައެއް ހެންނެވެ. އަންނަ ޖޫން މަހުގެ 9 ވަނަ ދުވަހު ރިލީޒްކުރާ މި ފިލްމުގައި ސުޝާންތު އާއި ކީރްތީގެ ކެރެކްޓާ ލޯބީގެ ނާކާމިޔާބުވުމުން ދެ ވަނަ ފަހަރަށް ވެސް އުފަންވެ އެވެ.