އެމެރިކާގެ މަނަވަރު ފައްތާލާނެ ކަމުގެ އިންޒާރު ދީފި
އެމެރިކާގެ މަނަވަރު ފައްތާލާނެ ކަމުގެ އިންޒާރު ދީފި

ޕިއޮންޔޮން (އެޕްރީލް 23) - އަސްކަރިއްޔާގެ ބާރު ހުރި މިންވަރު ދައްކާލުމަށް އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ކާލް ވިންސަން ފައްތާލަން ތައްޔާރަށް އޮތް ކަމުގެ އިންޒާރު ނޯތު ކޮރެއާ އިން ދީފި އެވެ.

ކާލް ވިންސަން ސްޓްރައިކް ގްރޫޕް ކޮރެއާ ޕެނިންސުލާ އަށް މިސްރާބު ޖެހުމަށް ފަހު ވަނީ އޮސްޓްރޭލިއާ އަށް ދަތުރު ފަށައިފަ އެވެ. ނަމަވެސް މިހާރު ވަނީ އަނެއްކާވެސް އެ މަނަވަރު ޖަޕާން ކަނޑަށް ގެންދަން ނިންމައިފަ އެވެ. ކާލް ވިންސަން މަނަވަރު ކޮރެއާ ޕެނިންސުލާ އަށް ގެންދަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވީ ނޯތު ކޮރެއާ އިން ދޭ އިންޒާރުތަކަށް ރައްދު ދިނުމުގެ ގޮތުންނެވެ. ޓްރަމްޕް ވިދާޅުވެފައި ވަނީ ނޯތު ކޮރެއާގެ ނިއުކްލިއާ މިސައިލް ހަމަލާއެއް އެމެރިކާ އަށް އެރިޔަ ނުދޭނެ ކަމަށެވެ.

"އެންމެ ހަމަލާއަކުން ވެސް އެމެރިކާގެ މަތިންދާ ބޯޓު އުފުލާ މަނަވަރު ކާލް ވިންސަން ފައްތާލުމަށް ނޯތު ކޮރެއާގެ އިންގިލާބީ ލަޝްކަރު އޮތީ ތައްޔާރަށް. އަދި އެއީ ނޯތު ކޮރެއާގެ އަސްކަރިއްޔާގެ ބާރު ވަޒަން ކުރެވިގެންދާނެ ހަމަލާއެއް،" ވެރިކަން ކުރާ ވޯކާސް ޕާޓީގެ ރަސްމީ ނޫސް ރޮޑޮން ސިންމުން ބުނެފައިވެ އެވެ.

ނޯތު ކޮރެއާ އިން މިހާރު ދަނީ ސިފައިންގެ 85 ވަނަ އަހަރީ ދުވަސް ފާހަގަ ކުރަން ތައްޔާރުވަމުންނެވެ. ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި ނޯތު ކޮރެއާ އިން މީގެ ކުރިން ވަނީ މިސައިލް ޓެސްޓްތަކެއް ކޮށްފަ އެވެ. ނޯތު ކޮރެއާ އިން މިހާރު ވެސް ވަނީ ފަސް މިސައިލް ޓެސްޓެއް ކޮށްފަ އެވެ. އޭގެ ތެރޭން ތިން ޓެސްޓްކޮށްފައި ވަނީ މި އަހަރު އެވެ.