24 އެޕްރީލް 2017 - 06:18

ފިލްމީ ބަތަލާ ސޮނާކްޝީ ސިންހާގެ "ނޫރު" އަށް ބޮކްސް އޮފީހުގައި މާ ރަނގަޅު ތަރުހީބެއް ލިބޭ ގޮތެއް ނުވި އެވެ.
ހުކުރު ދުވަހު ރިލީޒްކުރި މި ފިލްމު ބަލަން ސިނަމާތަކަށް މިހާތަނަށް ވަދެފައި ވަނީ ވަރަށް މަދު ބައެކެވެ. މި ފިލްމު 1540 ސްކްރީންގައި ރިލީޒްކުރިއިރު ފުރަތަމަ ދުވަހު ލިބުނީ 15 މިލިއަން ރުޕީސް އެވެ.
މި ފިލްމު ފްލޮޕްނުވެ ސަލާމަތްވެވޭނީ ހަފުތާ ބަންދުގައި މިހާރަށް ވުރެ ރަނގަޅަށް ހިނގައިފި ނަމަ އެވެ.
މި ފިލްމުގައި ސޮނާކްޝީ ކުޅެފައިވަނީ ނޫސްވެރިއެއްގެ ބައެވެ. ފިލްމާ ދޭތެރޭ ބެލުންތެރިންނާއި ފާޑުކިޔުންތެރިންގެ ޚިޔާލު ވެސް ވަނީ މަސްހުނި ވެފަ އެވެ. އެއް ބަޔަކު ބުނަނީ ފިލްމު ބަލާލަން ކަމުދާ ކަމަށެވެ. އަނެއް ބަޔަކަށް އެއްގޮތަކަށް ވެސް ފިލްމު ކަމަކު ނުދިޔަ އެވެ.
"ނޫރް" އާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސޮނާކްޝީ ބުނި ގޮތުގައި އެ ފިލްމުގައި އޭނާ ކުޅެފައިވާ ކެރެކްޓާއަކީ މިހާތަނަށް ކުޅެވުނު އޭނާއާ އެންމެ ގުޅޭ ކެރެކްޓާ އެވެ. އަދި މި ފިލްމަކީ އަންހެނެއްގެ ދިރިއުޅުމުގެ ސަފުހާތަކެއް ދައްކުވައިދޭ ފިލްމަކަށް ވާތީ އަންހެނުންނަށް މި ފިލްމު ވަރަށް ކަމުދާނެކަމަށް އޭނާ އުންމީދުކުރާ ކަމަށް ވެސް ބުންޏެވެ.
މިހާރު ސޮނާކްޝީ މަސައްކަތް ކުރަނީ ސިދާރްތު މަލްހޯތުރާއާ އެކު ކުޅޭ "އިއްތިފާގު" ގަ އެވެ. މިއީ ހަމަ މި ނަމުގައި ތަންކޮޅެއް ކުރިން އުފައްދާފައިވާ ފިލްމެއްގެ ރިމޭކް އެކެވެ.