ދީނާނާތު މަންގޭޝްކަރް އެވޯޑު އާމިރު ޚާނަށް ލިބިއްޖެ
ދީނާނާތު މަންގޭޝްކަރް އެވޯޑު އާމިރު ޚާނަށް ލިބިއްޖެ

މަޝްހޫރު އެކްޓަރު އާމިރު ޚާނަކީ 75 ވަނަ މާސްޓާ ދީނާނާތު މަންގޭޝްކަރް އެވޯޑު މިއަހަރު ލިބޭ އެއް ފަރާތްކަން އިއުލާން ކޮށްފި އެވެ.

މާދަމާ އޮންނަ ރަސްމިއްޔާތުގައި މި އެވޯޑު ދެން ލިބެނީ އިތުރު މީހުންގެ ތެރޭގައި މަޝްހޫރު ކްރިކެޓް ކުޅުންތެރިޔާ ކަޕިލް ދޭވް އާއި ކުރީގެ މަޝްހޫރު ބަތަލާ ވިޖެޔަންތިމާލާ ބާލީ ހިމެނެ އެވެ. އާމިރު އަށް މި އެވޯޑު މިފަހަރު ލިބެނީ އޭނާ އެންމެ ފަހުން ކުޅުނު "ދަންގަލް"ގައި ކުޅެފައިވާ މޮޅު ރޯލުގެ ސަބަބުންނެވެ.

"ދަންގަލް" އަކީ މިދިޔަ އަހަރުގެ އެންމެ ކާމިޔާބު ފިލްމެވެ. އަދި އެ ފިލްމުގައި ގީތާ ޕޯގަޓްގެ ރޯލު އަދާކުރި ޒާއިރާ ވަސީމް އަށް ވަނީ ބެސްޓް ސަޕޯޓިން އެކްޓްރެސްގެ ނެޝަނަލް އެވޯޑު ލިބިފަ އެވެ. އަދި މި ފިލްމު ޗައިނާގައި ރިލިޒްކުރުމާ އެކު ހައުސްފުލް ޝޯ ތަކާއެކު ބޮޑު ތަރުހީބެއް ފިލްމަށް އަންނަނީ ލިބެމުންނެވެ.

ފިލްމުގެ ޕްރެމިއާ އަށް އާމިރު ޚާން ވީ ޗައިނާގަ އެވެ. އަދި ޕްރެމިއާ ޝޯ ނިމުމާ އެކު، ފިލްމު ބަލަން ވަދެ ތިބި އެންމެ ތެދުވެ އާމިރަށް ތަރުހީބުގެ އަތްތިލަބަޑިއެއް ވެސް ދީފައިވެ އެވެ.

މާސްޓާ ދީނާނާތު މަންގޭޝްކަރް އެވޯޑަކީ އަމިއްލަ ފައުންޑޭޝަނަކުން އިންތިޒާމްކޮށްގެން ދޭ އެވޯޑެކެވެ.

އާމިރު ޚާނަކީ އާއްމުކޮށް އެވޯޑުތައް ބަލާ ދާ މީހެއް ނޫނެވެ. އެހެންކަމުން މިފަހަރުގެ އެވޯޑު ވެސް ބަލާ ދާނެކަން ޔަގީނެއް ނޫނެވެ.